ވިޔަފާރި

ސްޓެލްކޯގެ ފްލެޓުތަކަށް ކުލި ދައްކަން ލުއިގޮތްތަކެއް ހަދައިދޭނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްޓެލްކޯގެ ފަރާތުން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށް އިމާރާތްކުރި ހިޔާ ފްލެޓުތަކަށް ކުލި ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމަށް ނިންމައި އެ ކުންފުނީގެ ބޯޑަށް އެކަން ހުށަހަޅާފައިވާ ކަމަށް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by MWSC

ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 73 އަހަރު ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ފްލެޓްގެ އެޑްވާންސް ޕޭމެންޓް އަދި ކުލި ދެއްކުމުގައި ދަތިތަކެއް ހުރި މުވައްޒަފުންނަށް ލުއިތަކެއް ދިނުމަށް މެނޭޖްމެންޓުން ނިންމައި ކުންފުނީގެ ބޯޑަށް ހުށަހަޅާފައިވާ ކަމަށެވެ.

މިގޮތުން ޕްރައިމަރީ އެމައުންޓުގެ ތެރެއަށް އެޑްވާންސް ޕޭމެންޓް ހިމަނައިގެން ދެއްކޭ ގޮތަށް ހަމަޖައްސައި، 25 އަހަރަށް ބަހާލައިގެން ކުލި ދެއްކޭނެ ގޮތަށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކުރިން އޮތީ 18 އަހަރަށް ބަހާލައިގެން ސްޓެލްކޯ ފްލެޓްތަކުގެ ކުލި ދައްކާ ގޮތަށެވެ. މި ބަދަލާއެކު މަހުން މަހަށް ދައްކަންޖެހޭ ކުލީގެ އަދަދު ކުޑަވާނެއެވެ.

"އަދި ހަމަ އެއާ އެކީގައި މުވައްޒަފުންގެ މުސާރަ އާއި މުވައްޒަފުން އެތަނަށް ދައްކަން ޖެހޭ ފްލެޓަށް ދައްކަން ޖެހޭ ކުލީގެ އަގު ކުޑަކުރުމަށްޓަކައި މަޝްވަރާކުރުމަށް ފަހުގައި މިހާރު މެނޭޖްމަންޓުން ވަނީ 18 އަހަރު ދުވަހުގެ ބަދަލުގައި 25 އަހަރަށް ބަދަލުކޮށް މުވައްޒަފު ދައްކަން ޖެހޭ އަދަދު ކުޑަކޮށްފަ." ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯގެ ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގަކީ މަހަކު 5،622 ރުފިޔާއެވެ. މެއިޑް ރޫމް ހިމެނޭ ތިން ކޮޓަރީގެ އެޕާޓްމަންޓްތައް އުޅެނީ މަހަކު 10،356-10،652 ރުފިޔާގެ އަގެއްގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!