20،000 މެންބަރުންގެ ތާއިދާއެކު ޕްރައިމަރީގައި ވާދަކުރައްވަން ރައީސް ޞާލިޙް ފޯމު ހުށަހަޅުއްވައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ފޯމު ހުށަހަޅުއްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 20،000 މެންބަރުންގެ ތާއީދާއެކު ޕްރައިމަރީގައި ވާދަ ކުރައްވަން ރައީސް ޞާލިޙް ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ. ނާޝިޒަކީ ރައީސް ޞާލިޙްގެ ކެންޕެއިން މެނޭޖަރެވެ.
އިންތިޚާބުގައި ދެން ވާދަ ކުރައްވަނީ، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނު އިއްޔެ ވަނީ ފޯމު ހުށަހަޅުއްވާފައެވެ. ނަމަވެސް ފޯމް ހުށަހެޅުއްވީ ކިތައް މެންބަރުންގެ ތާއީދާއެކުގައި ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.
އަންނަ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރަމަރީއަށް ފޯމު ހުށަހެޅުއްވޭނީ 500 މެންބަރުންގެ ތާއީދާއެކުގައެވެ.
އެމްޑީޕީގެ ދަފްތަރުގައި ޕްރައިމަރީގައި ވޯޓް ލެވޭ، 58،000 މެންބަރުން ތިއްބަވައެވެ.
އިންތިޚާބުގެ ކެންޕެއިން މިހާރު ފެށިފައިވާއިރު، އެމްޑީޕީ އެތެރޭގެ ދެ ފެކްޝަނުން ގެންދަނީ ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ.