ޗައިނާ-ހޮންގްކޮންގް ބޯޑަރު ހުޅުވާލަނީ
ދުނިޔެއަށް ފެތުރިގަތް ކޮވިޑުގެ ބިރާ ހެދި ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފައި އޮތް ހޮންކޮންގް، ޗައިނާ ބޯޑަރު އަލުން ހުޅުވުމަށް ބެއިޖިން އިން ފެހި ސިގްނަލް ދީފި ކަމަށް ހޮންގްކޮންގްގެ ޗީފް އެގްޒެކްޓިވް ޖޯން ލީ ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.
ޗައިނާ އާއި ހޮންކޮންގްއާ ދެމެދު ދަތުރުފަތުރު ކުރެވުމަކީ ގިނަ ބައެއްގެ އިންތިޒާރެއް ކަމަށް ޖޯން ލީ ވިދާޅުވިއެވެ.
އޭނާއާ ހަވާލާދީ ހޮންގްކޮންގްގެ ނޫސްތަކުން ބުނާ ގޮތުން ޗައިނާގެ އިދާރާތަކުން ދިން ހުއްދައާ އެކު ބޯޑަރު ހުޅުވުން ދެން ލަހެއް ނުވާނެއެވެ.
ޗީފް އެގްޒެކްޓިވް ވިދާޅުވީ ޖެނުއަރީ މަހުގެ މެދުތެރޭގައި ބޯޑަރު ހުޅުވާލުމުގެ ހުރިހާ ކަމެއް ފާސްކުރެވި އަމަލީ ސިފަ ޖެހޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ބޯޑަރު ބަންދުކޮށްފައި އޮންނަތާ މިހާ ގިނަ ދުވަސް ވުމުގެ ސަބަބުން އިގުތިސާދީ ގޮތުން އާންމުންނަށް ނުރަނގަޅު އަސަރުކޮށްފައިވާ ކަމަށް ލީ ވިދާޅުވި އެވެ. ވިޔަފާރިތައް އާންމު ހާލަތަށް ގެނެވި މުއާމަލާތްތައް ހިންގަން ފެށުމަކީ ގިނަ ބަޔަކު އުފާކުރާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޖޯން ލީ މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ޗައިނާއަށް ކުރެއްވި ފުރަތަ ދަތުރުގައި މިދިޔަ ބުދަ ދުވަހު އެ ގައުމަށް ވަޑައިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރެއްވި އެވެ. އަދި ޗައިނާ ސަރުކާރުގެ އިސް ވެރިންނާވެސް ބައްދަލުކުރެއްވި އެވެ.