ޕާކިސްތާނަށް ޓެރެރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު
ޕާކިސްތާންގެ ވެރިރަށް އިސްލާމާބާދުގައި ހުންނަ މަޝްހޫރު ހޮޓަލެއްގައި އެމެރިކާގެ ރައްޔިތުންނަށް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ޕާކިސްތާނުގައި ހުންނަ އެމެރިކާގެ އެންބަސީ އިން ދީފިއެވެ.
އެމްބަސީ އިން ބުނެފަވަނީ އިސްލާމާބާދުގައި ހުންނަ މެރިއޮޓް ހޮޓެލްގައި އެމެރިކާގެ ރައްޔިތުންނަށް ހަމަލާދީފާނެ ކަމުގެ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ. ހަމަލާ ދިނުމަށް މަސައްކަތް ކުރާ ބައެއްގެ މައުލޫމާތު ހާމަކޮށްފައި ނުވި ނަމަވެސް ހަމަލާ ދޭނޭ ކަމަށް ލަފާކުރެވެނީ މިދުވަސްވަރު ކަމަށް ލަފާކޮށްފައިވެއެވެ.
ޕާކިސްތާންގައި ދިރިއުޅޭ އެމެރިކާގެ އެއްވެސް ރައްޔިތަކު މެރިއޮޓް ހޮޓަލަށް ނުދިއުމަށްވެސް އަންގާފައިވެ އެވެ. އަދި އެހެން ގައުމުތަކުގެ ރައްޔިތުން ވެސް މި ދުވަސްވަރު އެ ހޮޓަލަށް ދިއުން ރަނގަޅު ނޫން ކަމަށްވެސް ބުނެފައިވެ އެވެ. އަދި މިދުވަސް ވަރު ޕާކިސްތާނަށް ދަތުރުކުރުން ރަނގަޅު ނޫން ކަމަށްވެސް ބުނެފައިވެއެވެ.
އެމެރިކާގެ އެމްބަސީ އިން ސަމާލުވުމަށް އަންގާ ބަޔާނެއް ނެރުނީ އިސްލާމާބާދުގައި ގޮއްވާލި ބޮމެއްގައި ފުލުހަކު މަރުވެ 10 މީހަކަށް އަނިޔާވި ހާދިސާއަށްފަހުއެވެ.
ޕާކިސްތާންގައި ހަރަކާތްތެރިވާ ތޯލިބާނުންނަށް ތާއީދުކުރާ ގުރޫޕަކުން ވަނީ ހަމަލާގެ ޒިންމާ ނަގާފަ އެވެ. ބޮމުގެ ހަމަލާއާއި ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން ވަނީ އިސްލާމާބާދުގައި ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށް އާންމު އެއްވުންތައް މިދުވަސްވަރު ބޭއްވުން މަނާކޮށްފައެވެ.