ޚަބަރު

ރައީސް ޞާލިޙު ވަޢުދުތަކަށް "ރިއެކްޓް" ނުކުރައްވާ ކަމަށް ވިދާޅުވެ، ނަޝީދުގެ މަލާމާތް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައީސް ނަޝީދުގެ ކެމްޕެއިން ފެށުމުގެ ރަސްމިއްުޔާތުގައި، އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ--

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމަނިކުފާނު "ރިއެކްޓް" ނުކުރައްވާ ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަ ކުރައްވަނީ، އެމަނިކުފާނުގެ އެންމެ ގާތް މިތުރުގެ ގޮތުގައި ހުންނެވި ރައީސް ޞާލިޙެވެ.

ނަޝީދުގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން، ރޭ ސަލްޓަން ޕާކުގައި "ފިކުރެއްގެ ދިރުން" މިނަމުގައި ބޭއްވި ހަރަކާތުގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ސަރުކާރާއި، ކުރީގެ ސަރުކާރުތަކުގައި ވެސް ރަށްރަށުގައި ހިއްކާފައިވާ ބިންތައް ބެލުމަށް ފަހު ބިން އޮތުމުން ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެ ބިންތަކުން ގޯތި ކަނޑާފައި ދޭނެ ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ލިޔުނު ކަމުގައި ވިޔަސް، އެއިން އެއްވެސް ކަމެއް ކުރެވިފައިނުވާތީ، އެމްޑީޕީގެ އިސް ލީޑަރު، ރައީސް ޞާލިޙަށް ފާޑުވިދާޅުވެފައެވެ.

"މިއިން އެއްވެސް ކަމެއް ނުވި، ހަމަ ނުވި، ރިއެކްޓެއް ނުކުރެއްވި."

ސަރުކާރުން ވެށި ފަހި މާލެ ޕްރޮގްރާމަށްވެސް އެއްވެސް ރިއެކްޝަނެއް ނެތް ކަމަށާއި، އެއް ދަންފަޅީގެ މަދަރުސާތަކަށްވެސް، އެއްވެސް ރިއެކްޝަނެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކުން ރަށްރަށަށް ބާރުތައް ދީގެން ވިޔަފާރިތައް އާލާ ކުރަން މެނިފެސްޓޯގައި ލިޔުނަސް، އެކަންވެސް ކުރެވޭނެ ގޮތެއް ނުވި ކަމަށެވެ.

އަދި އައްޑޫ ސިޓީއާ، ތިނަދުއާއި ކުޅުދުއްފުށި ފަދަ އާބާދީ ބޮޑެތި ރަށްރަށުގައި އިޤްތިޞާދީ ބޮޑެތި ހަރަކާތްތައް ހިންގާނެ ގޮތްތައް ލިޔެފައި އޮތަސް، އެކަންކަމަށްވެސް "ރިއެކްޓް" ނުކުރައްވާ ކަމަށެވެ.

ރައީސް "ރިއެކްޓް" ނުކުރައްވާތީ، ނަޝީދު ފާޑުވިދާޅުވިއިރު، ފަސްޓްލޭޑީ ފަޒްނާ އަޙްމަދު ކުރިން ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަފުޅެއްގައި  ވިދާޅުވެފައިވާ ގޮތުގައި ބޮޑު ކަމެއް ދިމާވުމުން ރައީސް ޞާލިޙު "ރިއެކްޓް" ނުކުރައްވައެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!