ޚަބަރު އިޖުތިމާޢީ

މަޑީގެ ބާވަތްތަކަށް ގެއްލުންލިބޭ ޢަމަލު ހިންގާނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަޑީގެ ބާވަތްތަކަށް ގެއްލުންލިބޭފަދަ އެއްވެސް އަމަލެއް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ(އީޕީއޭ) ން ދީފިއެވެ.

Ads by MWSC

އީޕީއޭއިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރާއި ދިމާކޮށް އަތޮޅުތެރެއަށް ދަތުރުފަތުރުކުރުން އިތުރުވެ ރާއްޖޭގެ ގުދުރަތީ ރީތި މާހައުލުގައި ފަތުރުވެރިކަމާއި ގުޅޭ ސްނޯރކްލިންގް، ޑައިވިން، ކްރޫޒި6ން ފަދަ ހަރަކާތްތައް އިތުރުވާ ދުވަސްވަރެއް ކަމުގައެވެ. އަދި މިއާއެކު ގުދުރަތީ ގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ އެހެނިހެން ބާވަތްތައް ބަލާލުމުގެ ޝައުގުވެރިކަމަށް ބޮޑު ޑިމާންޑެއް ލިބޭ ދުވަސްވަރެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

ނަމަވެސް ދަތުރުފަތުރުކުރުމުގައާއި ސްނޯރކްލިންގް، ޑައިވިން، ކްރޫޒިން އަދި މޫދަށްއެރިއުޅުމުގައި ހިމާޔަތްކުރެވިފައިވާ މަޑީގެ ބާވަތްތަކަށް ނޭދެވޭ އަސަރު ފޯރާގޮތަށް ބައެއް ފަރާތްތަކުން ޢަމަލުކުރާ ކަމަށާއި އެކަމަކީ އެ އެޖެންސީން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާކަމެއް ކަމުގައެވެ.

އީޕީއޭއިން ވިދާޅުވީ ކަނޑުފަޅުގެ ދިރުންތަކަކީ އޮޅު ޖަނަވާރުކަމުގައި ނުވެފައި، އެތަކެތީގައި އަތްލާ، ކާންދީ ހެދުމަކީ އޭގެ ޠަބީޢީ ގޮތްތަކަށް އަދި ގުދުރަތީ ނިޒާމަށް ބުރޫ އަރާ، އަދި އެކިކަހަލަ ބަލިތަކަށް މިދިރުންތައް ހުށަހެޅިގެންދާނެފަދަ ޢަމަލެއް ކަމަށެވެ. އެހެންކަމުން، ކަނޑުފަޅުގައި އުޅަނދުފަހަރު ދުއްވާއިރުގައާއި ފަތުރުވެރިކަމާއި ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އެއްވެސް ބާވަތެއްގެ މަޑީގެ ގުދުރަތީ ދިރިއުޅުމަށް ބޫރޫ ނާރާނެ ގޮތަށް މަދުވެގެން ތިން މީޓަރު (10 ފޫޓު) ދުރުން މަޑީގެ ހިތްގައިމު މަންޒަރު ބަލާލުން އެއީ އެންމެ އެކަށީގެންވާގޮތް ކަމަށެވެ. އަދި ބައެއް މަޑީގެ ދިރުންތަކަކީ ކާނާ ހޯދުމަށް ލޮނުގަނޑު ކައިރިން ހަރަކާތްތެރިވެ އުޅޭ ދިރުންތަކަށްވާތީ މި ހާލަތްތަކުގައި އެ ސޮރުމެންނަށް ގޯނާނުވާ ގޮތަށް އުޅަނދުފަހަރުގެ ދުވެލި ދަށްކޮށް އަދި މޫދަށްއެރި އުޅޭ ފަރާތްތަކުން މަޑިއަށް އުނދަގޫނުވާނެ ފަދައިން ހަރަކާތްތައް ގެންގުޅުމަށް ނަސޭހަތްތެރިވާ ކަމަށްވެސް ވިދާޅުވިއެވެ.

އީޕީއޭއިން ވިދާޅުވީ އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ ގިނަ ބާވަތްތަކަކީ ބައިނަލްއަގުވާމީ އެކި މުޢާހަދާތަކާއި އޯގަނައިޒޭޝަންތަކުން ''ނެތެމުންދާކަން'' ނުވަތަ ''މަދުވަމުންދާކަން'' ފާހަގަކުރެވިފައިވާ ބާވަތްތައް ކަމަށެވެ. އަދި ޚާއްސަ ގޮތެއްގައި އެންމަޑީގެ ދެބާވަތްކަމުގައިވާ ”ރީފް މަންތާރޭ“ އަކީ "ވަލްނަރަބަލް" އަދި ”ޖަޔަންޓް އޯޝަނިކް މަންތާރޭ“ އަކީ "އެންޑޭންޖަރޑް" ދިރުންތަކެއްގެ ގޮތުގައި އައިޔޫސީއެން ރެޑްލިސްޓް ގައި ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން މި ދިރުންތަކަކީ މި ސަރަހައްދުގެ އެހެން ޤައުމުތަކުން ވަރަށް ފުޅާދާއިރާއެއްގައި ބާނަމުންދާ  ދިރުންތަކަށްވެފައި އަދި ވިހާ އާލާވުމަށް ދިގުމުއްދަތެއް ނަގާ ދިރުންތަކަށް ވާތީ އޭގެ އާބާދީތައް ދެމެހެއްޓުމުގައި ރާއްޖޭގެ އަމާން ކަނޑުފަޅުގެ ސަރަހައްދުތައް ވަރަށް މުހިއްމު ދައުރެއް އަދާކުރަން ޖެހޭ ކަމަށެވެ.

''ވީމާ އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ އެހެނިހެން ބާވަތްތަކަކީ ރާއްޖޭގެ އިގުތިސާދާއި އިޖުތިމާއީ ހަރަކާތްތަކާ  ގުޅިލާމެހިފައިވާ ދިރުންތަކަށް ވީހިނދު މުސްތަގުބަލުގެ ޖީލުތަކަށްޓަކައި ގުދުރަތީ މި ވަސީލަތް ރައްކާތެރިކަންމަތީ ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ. އަދި މަޑީގެ ބާވަތްތަކަށް ގެއްލުންލިބޭފަދަ އެއްވެސް އަމަލެއް ހިންގާ ފަރާތްތަކާއިމެދު މި އޭޖެންސީން ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަން ވެސް އަންގަމެވެ.''

އީޕީއޭއިން ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާއި ގުޅޭ ގޮތުން އެ އެޖެންސީން އަންގާ އެންގުންތަކާއި، އެ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.

Ads by HDC
  1. ތިމާގެވެށި

    އެއީ މަޑި ދެކެ ވާލޯބިންތަ