ދުނިޔެ

ޗައިނާއާ ދެކޮޅަށް އިތުރު ޤައުމުތަކުން ފިޔަވަޅުއަޅަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް ފެތުރުމާ ބެހޭގޮތުން ޗައިނާއިން ލިބެމުންދާ އިންތިހާ ދަރަޖައިގެ ބިރުވެރި ޚަބަރުތަކާއެކު، ޗައިނާއިން އެތެރެވާ ފަސިންޖަރުންނާމެދު ފިޔަވަޅުއަޅަން އިތުރު ގައުމުތަކުން ނިންމަމުން އެބަދެއެވެ. މިގޮތުން ޗައިނާއިން ދަތުރުކުރާ ފަސިންޖަރުންނަށް ކޮވިޑް ޓެސްޓް މަޖްބޫރުކަން އިއުލާންކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ފްރާންސް، ސްޕެއިން، ދެކުނު ކޮރެޔާ، އިޓަލީ އަދި އިސްރާއީލް ހިމެނެއެވެ. އަދި އިނގިރޭސި ވިލާތާއި އިންޑިޔާވެސް މިލިސްޓުގައި ހިމެނެއެވެ. މީގެ ކުރިން އެމެރިކާއާއި ޖަޕާނުންވެސް ވަނީ ޗައިނާއިން ދަތުރުކުރާ ފަރާތްތަކަށް ސަމާލުކަން ދޭނެ ކަމަށް ބުނެފައެވެ. އީޔޫގެ ގައުމުތަކުން ބުނެފައިވަނީ މިކަމާބެހޭގޮތުން ޑިކްރީ ނެރެ އީޔޫގެ ހުރިހާގައުމަކަށް ހިއްސާކުރާނެ ކަމުގައެވެ.

Ads by Sosun Fihaara

ގިނަ ގައުމުތަކުން ބުނެފައިވަނީ އެގައުމަކަށް އެތެރެވުމުގެ 48 ގަޑިއިރު ކުރިން ހަދާފައިވާ ކޮވިޑް ނެގަޓިވް ޓެސްޓެއް އޮންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ސްޕެއިނުން ބުނެފައިވަނީ ވެކްސިންތައް ފުރިހަމަކޮށްފައި ހުރިނަމަ މިކަމުން އިސްތިސްނާ ވާނެކަމުގައެވެ.

ތިންއަހަރެއްހާ ދުވަހަށްފަހު ޖެނުއަރީ 8 ވަނަ ދުވަހު ޗައިނާގެ ބޯޑަރުތައް ހުޅުވާނެކަމަށް، ބޭޖިންގއިން ބުނެފައިވާއިރު، އެގައުމުން ހިފަހައްޓަމުން އައި ޒީރޯ ކޮވިޑް އުސޫލުތައް ދޫކޮށްލުމުން އާދަޔާ ޚިލާފަށް ބޮޑަށް ކޮވިޑް ފެތުރެން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ބަލިޖެހޭ މީހުން މިލިއަނުން އަދި މަރުވާމީހުން ހާހުން ގުނެމުން ދާކަމަށް ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސި ރިސަރޗް އޭޖެންސީއެއް ކަމަށްވާ އެއަރފިނިޓީން ބުނެފައިވާގޮތުގައި ކުރިޔަށް އޮތް މަހެއްހާދުވަހު ކޮވިޑް-19 ޖެހިގެން ޗައިނާއިން ދުވާލެއްގެ މައްޗަށް 9،000 މީހުން މަރުވާނެކަމަށް ބެލެވެއެވެ.

ސިއްހީ އެކި ދިރާސާތަކަށް ޚާއްސަ އިނގިރޭސި އޭޖެންސީއެއް ކަމަށްވާ އެއަރފިނިޓީން ބުރާސްފަތި ދުވަހު ބުނީ، އެފަރާތުން ހެދި ދިރާސާތަކުން ދާއްކާގޮތުން މީގެ ހަފުތާއެއް ކުރިން ހޯދާފައިވާ ނަންބަރުތައް މިހަފުތާތެރޭ ދެގުނަވަމުން ދާތަން ފެންނަކަމަށެވެ.

އެއަރފިނިޓީން ނެރުނު ބަޔާނުގައި ބުނެފައިވާގޮތުން، ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް ލައްކައެއްހާ މީހުން ބަލީގައި މަރުވެފައިވާނެކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު މިހާރު 18.6 މިލިއަނަށް އަރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެއަރފިނިޓީން ވަނީ މިފެށޭ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ޗައިނާގެ ކޮވިޑް ކޭސްތައް ޕީކަށް އަރާނެކަމަށާއި އެދުވަހު 3.7 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓުކުރެވޭނެ ކަމަށް އަންދާޒާކޮށްފައެވެ.

އަދި ޗައިނާގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް މަރުތައް ރިޕޯޓުކުރެވިގެންދާނެ ދުވަހަކީ ޖެނުއަރީ 23 ވަނަ ދުވަސް ކަމަށާއި އެދުވަހު 25،000 އެއްހާ މީހުން ބަލީގައި މަރުވާނެކަމަށް ބެލެވޭކަމަށް އެއަރފިނިޓީގެ ރިޕޯޓްގައި އަންދާޒާކޮށްފައިވެއެވެ.

ނަމަވެސް ޗައިނާގެ އިދާރާތަކުން ހާމަކޮށްފައިވާ ރަސްމީ ނަންބަރުތައް ދައްކާގޮތުން ޑިސެމްބަރު ހަތްވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކޮވިޑް ބަލީގައި މަރުވެފައިވަނީ 10 މީހުންނެވެ.

ޗައިނާގައި ކޮވިޑް ބަލީގައި މަރުވާކަމަށް ބެލެވޭނީ ނޭވާލާ ނިޒާމް ފެއިލްވުމުގެ ސަބަބުން މަރުވާ މީހުން އެކަނިކަމަށް ރަސްމީ ފަރާތްތަކުން ވަނީ ނިންމާފައެވެ. އެހެން ކަމުން ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެނޫން ގޮތަކަށް މީހުން މަރުވުމުން، އެމީހުން މަރުވީ ކޮވިޑް ބަލީގައިކަމަށް ނުގުނާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

2020ވަނަ އަހަރު ކޮވިޑް-19 ބަލިމަޑުކަން އިއުލާންކުރިފަހުން، މިއަހަރުގެ ޑިސެމްބަރު 28ގެ ނިޔަލަށް ޗައިނާއިން ރިޕޯޓުކޮށްފައި ވަނީ 5،246 ކޮވިޑް މަރުކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ.

ނަމަވެސް އެއަރފިނިޓީން އަންދާޒާކުރަނީ 2023ގެ އޭޕްރިލް މަހުގެ ނިޔަލަށް ޗައިނާއިން 1.7 މިލިއަން މީހުން ކޮވިޑް ބަލީގައި މަރުވާނެ ކަމަށެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުންވެސް މަރުވާ މީހުންގެ އަދަދު އިތުރުވެ ހަށިތައް އަންދާ ތަންތަނަށްވެސް ވަނީ އޮބިނޯންނަވަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!