ޚަބަރު

އިންސްޕެކްޝަންގައި 258 ތަނެއް ބަންދު ކުރި، ހުޅުވުމުގެ ހުއްދަ ނުދީ 7 ތަނެއް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ޢާއްމު ހިދުމަތްދޭ ތަންތަން މޮނީޓަރ ކުރުމަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަން ގައި މާލެ ސަރަހައްދުން ޖުމްލަ 258 ތަނެއް ބަންދު ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

Ads by MWSC

މިރޭ ބޭއްވި އެސްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ އިންސްޕެކްޝަންގެ ތެރެއިން ގައިޑްލައިނާ އެއްގޮތަށް ހިނަގަމުންދާ ތަންތަނަށް އެޗްޕީއޭގެ ފަރާތުން ސްޓިކާއެއް ދީފައި ވާނެ ކަމަށެވެ. އަދި ގައިޑްލައިނަށް ފޮލޯ ނުކުރާ ތަންތަނަށް ބަންދު ނޯޓިސް ދިނުމަށްފަހު އެތަންތަން ބަންދުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާސިރު ވިދާޅުވީ އިންސްޕެކްޝަންގައި ޖުމްލަ 1545 ތަނެއް ބަލައި އިންސްޕެކްޓްކޮށްފައިވާ ކަމަށާއި މީގެތެރެއިން 258 ތަނެއް ގަވާއިދާ ޚިލާފަށް ހުރުމުން ބަންދުކޮށްފައިވާކަމަށެވެ.

ބަންދު ކުރި ތަންތަން ހުޅުވުމުގައި އެޗްޕީއޭއިން ފޮލޯ ކޮށްފައިވާ ގޮތަކީ އެ ތަނެއް ބަންދު ކުރި ދުވަސް ނޫން އަނެއް ދުވަހު އެތަން ހުޅުވުން ކަމަށް ނާސިރު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ނުހުޅުވި ހުރީ 7 ތަނެއް ކަމަށާއި އެއީ 2 ފިހާރައާއި 2 ސެލޫނާއި ކާބޯތަކެތީގެ ހިދުމަތް ދޭ 3 ތަނެއް ކަަމަށް ނާސިރު ވިދާޅުވިއެވެ.

ޢާއްމު ޚިދުމަތްދޭ ތަންތަނުން އެޗްޕީއޭގެ މިންގަނޑަށް ޢަމަލުކުރާ މިންވަރު ބެލުމަށް ކުރިއަށް ގެންދިޔަ މި އިންސްޕެކްޝަންގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާކަމަށް ނާސިރު ވިދާޅުވިއެވެ. އެގޮތުން ގިނަ ތަންތަނުގައި ޚިދުމަތްދޭ މީހުންނާއި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުން ޢަމަލުކުރަން އަންގާފައިވާގޮތާއި ޚިލާފަށް ސްޓާފުންނާއި ޚިދުމަތް ހޯދާ މީހުންވެސް ޢަމަލުކުރާކަން ފާހަގަ ކުރެވޭކަމަށް މިއިންސްޕެކްޝަންގައި ވަނީ ފާހަގަކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!