މަސްވެރިކަމާ ގުޅޭ ޓެކްސް ކަނޑައިލީ ޝާހިދުގެ މަސައްކަތުން، ރައީސް ނަޝީދު އުޅުއްވަނީ ކްރެޑިޓް ނަންގަވަން: ރައީސް ޞާލިހް
ޔޫރަޕަށް ވިއްކާ މަހާއި ގުޅޭ ޓެކްސް ކަނޑައިލަން ނިންމެވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ މަސައްކަތްޕުޅުންކަމަށާއި، އެކަމުގެ ކްރެޑިޓް، ރައީސް މުޙައްމަދު ނަޝީދު ނަންގަވަން މަސައްކަތް ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މައި ޖަގަހައިގައި ރޭ ކުރިއަށްގެންދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އިނގިރޭސިވިލާތަށާއި ޔޫރަޕަށް ވިއްކާ މަހުން ޓެކްސް ކަނޑައިލެވޭތޯ މަސައްކަތްކޮށް ކާމިޔާބު ކުރެއްވީ މިނިސްޓަރ އަބްދުﷲ ޝާހިދުކަމަށާއި، އެކަން ކޮށް ނިމުނީމާ ނަޝީދު ވަނީ އެކަމުގެ ކްރެޑިޓް ނަންގަވަން މަސައްކަތް ކުރައްވައިފައިވާ ކަމަށެވެ.
"ޔޫރަޕަށް ވިއްކާ މަހުން ޓެކްސް ކަނޑާލެވޭތޯ މަސައްކަތް ކުރުން ނޫންތޯ. އިނގިރޭސިވިލާތަށް ވިއްކާ މަހުން، ދަޅު މަހުން ޓެކްސް ކަނޑާލެވޭތޯ މަސައްކަތް ކުރެއްވުން ނޫންތޯ. މި އިންނެވި އަބްދުﷲ ޝާހިދު އެކަންކޮށް ނިންމާ ހިސާބުން، މިހާރު އެ (ނަޝީދު) ވިދާޅުވަނީ މި އަންނަ މަހުގެ އެކަންވާނެއޭ. ޝާހިދު ކޮންކަމެއްތޯ ކުރެއްވީ ދެން. ޝާހިދު ކުރެއްވި ކަމެއް ވިދާޅުވެ ބަލަ،" ރައީސް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ޞާލިހްވަނީ ނަޝީދަށް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފައެވެ. މިގޮތުން ފެލިވަރު 50 ޓަނުން 15 ޓަނުގެ މަސްބަންދު ކުރެވޭ ތަނަކަށް ކުޑަ ކުރެއްވިކަމަށާއި މަސް އެކްސްޕޯޓް ކުރެއްވީ 290 ޑޮލަރުގެ ގެއްލުމުގައި ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
"26 ރުފިޔާއަށް މަސްކިލޯއެއް ގަތީމޭ ވިދާޅުވަނީ. ތެދެއް، އެކަމަކު ކިހިނެއްތޯވީ. އެކްސްޕޯޓް ކުރަނީ 290 ޑޮލަރު ޓަނަކުން ގެއްލުމުގައި. އެކަން ކުރެވިދާނެ، 2018 ވަނަ އަހަރުވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަހުގެ އަގު ބޮޑުކުރެއްވި. އެކަމަކު ކިހިނެއްތޯވީ، ރައްޔިތުންނަށް ފައިސާ ނުދައްކައޭ. އަޅުގަނޑުމެން ވެރިކަމަށް އައިސް އޭރު ނުދައްކާ އޮތް ބޮޑުކުރި އަގު ދައްކަން ޖެހުނީ، ތިރިކުރަން ޖެހުނީ. 39 މިލިއަން ރުފިޔާ އަޅުގަނޑުމެން ފުރަތަމަ އައިސް ދެމަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް ދެއްކީ،" ރައީސް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ވަނީ ސަރުކާރާއި ބެހޭގޮތުން ރައީސް ނަޝީދު ދައްކަވަމުން ގެންދަވަނީ ހަޤީޤަތެއް ނެތްވާހަކަތައް ކަމަށާއި އެކަންކަން ހުއްޓާލެއްވުމަށް އެދޭކަމަށް ވިދާޅުވެފައެވެ. މިގޮތުން ރާއްޖޭ ބަނޑަށް ޖެހެނީކަމަށާއި ރާއްޖޭގައި ލޯނު ދައްކާނެ ފައިސާ ނެތްކަމަށް ވިދާޅުވެ ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައީސް ވަނީ ހޫނު ރައްދެއް ދެއްވާ އަދަދުތަކުގެ ތަފްސީލް ވަނީ ވިދާޅުވެފައެވެ.