އެމެރިކާ ދުނިޔެ

އެމެރިކާގެ ގެއެއްގެ ތެރެއިން މަރާލާފައިވާ އާއިލާއެއް ފެނިއްޖެ

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

އެމެރިކާގެ ހުޅަނގު ދެކުނު އަވަށެއްކަމުގައިވާ ޔޫޓާގެ އިނޯކް ސިޓީގައި ހުރި ގެއެއްގެ ތެރެއިން މަރާލާފައިވާ އާއިލާއެއް ފެނިއްޖެއެވެ. ބަޑި ޖެހުމުގެ މި ހާދިސާގައި މަރުވެފައިވަނީ ޖުމްލަ އަށް މީހުންނެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ ތިން މީހުންނާއި ފަސް ކުޑަކުދިންނެވެ.

Ads by Sosun Fihaara

އެ ސަރަޙައްދަކީ އެމެރިކާގެ ސޯލްޓް ލޭކް ސިޓީގެ ދެކުނުން ގާތްގަނޑަކަށް 245 މޭލު (394 ކިލޯމީޓަރު) ދުރުގައި އޮންނަ ތަނެކެވެ. މަރުވި މީހުންގެ ހަށިގަނޑުތައް ފުލުހުންނަށް ފެނިފައިވަނީ އެ ސިޓީގައި ގެތަކުގެ ވެލްފެއާ ޗެކް ކުރަމުން ދަނިކޮށް އިއްޔެ (4 ޖެނުއަރީ 2023) ގެ ވަގުތެއްގައެވެ.

ސަލާމަތީ ބާރުތަކުން ބުނެފައިވާ ގޮތުގައި ބަޑިން ހަމަލާދީ މި އާއިލާގެ ހުރިހާ މެމްބަރުން މަރާލީ ކާކު ކަމެއް އަދި ހާދިސާ ހިނގަން މުދުވެރިވި ސަބަބެއް އަދި ނޭނގެއެވެ. މީގެ އިތުރުން މަރުވި މީހުންގެ ތަފްސީލްވެސް ފުލުހުން އަދި ހާމަކޮށްފައި ނުވާއިރު މަރުވެފައިވާ މީހުންނަކީ އާއިލީގޮތުން ކިހާވަރެއްގެ ގާތް ބައެއްކަންވެސް އެނގިފައި ނުވާކަމަށް މީޑިއާގެ ޚަބަރުތައް ބުނެއެވެ.

ގާތްގަނޑަކަށް 8،000 މީހުންގެ އާބާދީއެއް އޮންނަ އެ ސިޓީގެ ލީޑަރު ރޮބް ޑޮޓްސަން ވިދާޅުވީ މި ޙާދިސާގެ ސަބަބުން އެ ސަރަޙައްދުގެ މީހުން މިހާރު ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި ޙާދިސާ ހިނގި ގޮތާއި، އެވަގުތު އެ ގޭގެ ތެރޭގައި ކަންކަން ހިނގައިފައިވާ ގޮތްތައް ދެނެގަތުމަށް ވަގުތު ނަގާނެއެވެ.

އެހެންކަމުން މިކަމުގެ ތަޙްގީގުގައި އަޔަން ކައުންޓީ، އެނޯކް ސިޓީ އަދި ސީޑާ ސިޓީގެ އިންވެސްޓިގޭޓަރުން ގުޅިގެން މަސައްކަތްތައް ކުރަމުންދާނެ ކަމަށްވެސް އޭނާވަނީ ޔަޤީންކަން އަރުވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!