އެމްޑީޕީ އަލުން މަގުމަތި ނުވާނީ ޕްރައިމަރީގައި އެ މަނިކުފާނަށް ވޯޓް ދެއްވައިގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މިއަދު އެދިވަޑައިގެންނެވެ.
ރ. އަތޮޅު މާކުރަތުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ރައްޔިތުންނަށް ހަމަހަމަކޮށް ހިދުމަތް ކޮށްދިނުމާއި ބަސް ބުނުމުގެ މިނިވަންކަން ލިބިގެންދިޔައީ އެމަނިކުފާނުގެ ސަރުކާރާއެކު ކަމަށެވެ.
އަދި އެކަން ދެމި އޮންނާނީ ވެސް އެމަނިކުފާނު ދެ ވަނަ ދައުރަަކަށް އިންތިހާބުވެ ކުރެއްވުމުން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެމްޑީޕީގެ މެމްބަރުން އެންމެބޮޑަށް ވިސްނަންވީ އެދުވަސް އަލުން އިޔާދަ ނުވާނޭހެން ކަންކަން ބައްޓަން ކުރަންކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ވެރިކަމަށް އާދެވެނީ ކޯލިޝަނެއް ހަދައިގެން ކަމަށާއި ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ތެރޭގައި އެމްޑީޕީ މެންބަރުން މަގުމަތި ވެގެން ދިޔަ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެެވެ.
“އޭރު އެ ހިނގާދިޔަ ހާދިސާތަކަކީ ރަނގަޅުކަމެއް ނޫން. ދެވަނަ ފަހަރަށް މިކަމެއް އިއާދަ ވުމަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން” ރައީސް ޞާލިހް ވިދާޅުވިއެވެ.
"އެމްޑީޕީ ކުރިއަށް" ގެ ނަމުގައި ރައީސް ޞާލިޙް ކެމްޕޭން ކުރިއަށް ގެންދަވާ އިރު، މިހާރު ރ. އަތޮޅުތަކުގެ ރަށްތަކުގެ ތެރެއިން މީދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.