ތަފާތު ފިކުރާއި ޚިޔާލުގެ މީހުންނާއެކުގައި މަސައްކަތް ކުރެވޭނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
މި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރ. މީދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއްވެސް ރަށެއް ބާކީ ނުކޮށް އެއްވެސް ރައްޔިތަކު ބާކީނުކޮށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުން ކަމަށާއި މިމަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދިޔުމަށް ދެވަނަ ދައުރެއް ވަރަށް މުހިންމުކަމަށެވެ.
"އެއްވެސް ރަށެއް ބާކީ ނުކޮށް. އެއްވެސް ރައްޔިތަކު ބާކީނުކޮށް މިހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން މިގެންދަނީ ކުރަމުން އެއީ ސިއްހީ ހިދުމަތް ކަމުގައި ވިޔަސް ދަރިންނަށް ތައުލީމް ދިނުން ކަމުގައިވިޔަސް ދަތުރުފަތުރުގެ ނިޒާމު ކަމުގައިވިޔަސް ލަފާފުރުން ދަތިވެފައި ހުރި ރަށްރަށުގެ ލަފާފުރުމުގެ ދަތިތައް ހައްލުކޮށްދިނުން ކަމުގައި ވިޔަސް ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ގޮތްތައް ހޯދައިދިނުން ކަމުގައި ވިޔަސް މިސްކިތްތައް އަލަށް އިމާރާތްކުރުމާއި އިސްލާމީ މަރުކަޒުތައް އަލަށް އިމާރާތް ކުރުން ކަމުގައި ވިޔަސް. މިފަދަ އެތައް އެތައް ޕްރޮގްރާމެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން މިގެންދަނީ ކުރަމުން." ރައީސް ޞާލިޙް ވިދާޅުވީ މިމަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދިޔުމަށްޓަކައި 2023 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ ވަރަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރިޔާސީ އެކަނި ނުކުންނަވައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ ކުރެއްވޭނެކަމެއް ނޫންކަމަށާއި އެކަން ކޮށްދެވޭނީ ތަފާތު ފިކުރުތަކާއި އެކީގައި ހިޔާލު އެއްގޮތްކޮށްގެން ވެރިކަން ކުރެވޭނެ ފަރާތަކަށްކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުން އެއްވެސް މީހަކަށް އެކަނި ނުކުމެގެން 50 ޕަސެންޓަށް ވުރެ އިތުރު ވޯޓު ހޯދައިގެން ވެރިކަން ނުކުރެވޭނެކަމަށެވެ.
އެއްވެސް މީހަކަށް އެކަނި ނުކުމެގެން 50 ޕަސެންޓަށް ވުރެ އިތުރު ވޯޓު ހޯދައިގެން ވެރިކަން ކުރެވޭނެ ގޮތަކަށް ނޫން ރާއްޖޭގެ ސިޔާސީ މަޝްރަހު މިއަދު އޮތީއްޔަކީ. ތެދެއް އެމްޑީޕީއަކީ އެންމެ ބޮޑު ޕާޓީ. އެކަމާއި ދޭތެރޭގައި އަޅުގަނޑުމެން އެންމެން ވަރަށް ފަހުރުވެރިވަން. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެމަދުވާ އެތިކޮޅު ޕަސެންޓު ނުލިބި ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އެންމެ ގިނަ މެމްބަރުން ތިބި ޕާޓީ މަގުމަތި ވާންވީތޯ ނޫންތޯ. މިއީ މިއަދު އަޅުގަނޑުމެން ހިތާހިތާ ކުރަންވީ ސުވާލަކީ
ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެމްޑީޕީއަށް 48 އިންސައްތަ ވޯޓުވެސް ނެގި ދާނެކަމަށާއި އެހެންނަމަވެސް އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވާ ޕަސެންޓު ހަމަނުވުމުގެ ސަބަބުން އެ 48 އިންސައްތަ މީހުން އަނެއްކާ 5 އަހަރަށް މަގުމަތި ވާންވީތޯ ސުވާލުއުފައްދައިފައެވެ.