ރާއްޖޭގެ ދަރަނި ނުދެއްކޭ ހާލަތަށް ނުދާނެކަން ކަށަވަރު: އަމީރު
ރާއްޖެ ދަރަނި ނުދެއްކިގެން ސޮވެރިން ޑިފޯލްޓް އަކަށް ނުދާނެކަން ކަށަވަރުކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ އަހުމަދު މުނައްވަރާއި އަދި ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު ވެސް ހާޒިރު ކޮށްގެން ބޭއްވި މުޅި މަޖިލީހުގެ ކޮމެޓީގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ރާއްޖެ ސޮވަރިން ޑެބްޓަކަށް ނުދާނެ ކަމަށެވެ.
އަމީރު ވިދާޅުވީ ސޮވަރިން ގެރެންޓީ ލޯނުތަކަށް ފައިސާ ދައްކާތޯ އާއި ނުދައްކާތޯ ފިނޭންސުން ދުވަހުން ދުވަހަށް ބަލަމުން އަންނަ ކަމަށެވެ. އަދި ދައުލަތުން ދިން ގެރެންޓީއެއްގެ ދަށުން ދޫކޮށްފައިވާ އެއްވެސް ލޯނެއް ފައިސާ ނުދެއްކި ދިގުލައިގެން ދާނަމަ، ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ މުދާ ދައުލަތަށް ނަގައިގެން ވިޔަސް، އެ ލޯނު ދައްކާ ހަލާސްކުރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
ކޮމިޓީގައި މެންބަރުންގެ ސުވާލުތައް އަމާޒު ކުރެއްވީ މީދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) ގެ ކުންފުންޏަކުން ލޯނެއް ނެގުމަށް ދައުލަތް ޒިންމާވާ ގޮތަށް ގެރެންޓީ ދިނުމާއި ގުޅޭ ގޮތުންނެވެ. އަމީރު ވިދާޅުވީ ސަން ސިޔާމްގެ ކުންފުންޏަށް ސޮވެރިން ގެރެންޓީ ދިނުމުގައި މޯގޭޖް އެގްރީމެންޓްތައް ވެސް އޮންނަ އުސޫލުގެ ތެރެއިން ހަދާފައިވާ ކަމަށެވެ.
އަމީރު އިތުރަށް ވިދާޅުވީ، 14 ޑިސެމްބަރު 2017 ގައި ނ. ދިއްގަރު، އިރުފަން ރިސޯޓް ތަރައްގީ ކުރުމަށް ނަގާފައިވާ 127.5 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ސޮވަރިން ގެރެންޓީ 21 ޖުލައި 2020ގެ ނިޔަލަށް ދައްކާފައި ނުވާތީ، ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން އެ ލޯނު ދެއްކުމަށް ޗައިނާ އެގްޒިމް ބޭންކުން ސަރުކާރަށް އަންގާފައިވާ ކަމަށެވެ.