"ރައްޔިތުން ގަޔަށް ބަޑިޖަހައިގެން ވެރިކަމުގައި ހުންނަން އުޅުންނަމަ, 2018 އާއި ކައިރިވެސް ނުވެވުނީސް"

ރައްޔިތުންގެ ގަޔަށް ބަޑިޖަހައިގެން ވެރިކަމުގައި ހުންނަން އުޅުންނަމަ, 2018 އާއި ކައިރިވެސް ނުވެވުނީސް ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ދެހާސް ބާރަވަނަ އަހަރު ރިވެތި ގޮތުގައި އިސްތިއުފާ ނުދެއްވިނަމަ މިއަދު އެމްޑީޕީއަށް ވެރިކަން ނުލިބުނީސް ކަމަށެވެ.
"7 ފެބްރުއަރީ 2012 ގައި ރައްޔިތުން ގަޔަށް ބަޑިޖަހައިގެން އަޅުގަނޑު ވެރިކަމުގައި ހުންނަން އުޅުންނަމަ 2013 ގެ ބޮޑު ވޯޓެއް އެމްޑީޕީއަކަށް ނުލިބުނީސް. 2018 ގައި އަމުދުން ކައިރިވެސް ނުވެވުނީސް" ނަޝީދު ވިދާޅުވިއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއިން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރަމުންދާ ކެމްޕޭންގެ ފޯރިގަދަވެފައި ވާ މިދަނޑިވަޅުގައި، ރައީސް ނަޝީދުގެ ވާދަވެރި ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ޓީމުން ގެންދަވަނީ ނަޝީދަށް ފާޑުކިޔުން އަމާޒުކޮށް ބަހުގެ ހަމަލާތައް އަމާޒުކުރަމުންނެވެ.
އެގޮތުން އެމަނިކުފާނަށް 2008 ވަނަ އަހަރުގައި ވެރިކަން ލިބިވަޑައިގެންނެވުމުން، ދައުރުގެ މެދު ތެރެއިން އިސްތިއުފާ ދެއްވިކަން ފާޑު ކިޔާ ފަރާތްތަކުން ފާހަގަކުރެއެވެ.
އެހެންނަމަވެސް ކެމްޕޭނު ކުރަމުން މިދަނީ ރިޔާސީ ޕްރައިމަރީއަކަށް ކަމަށާއި ޕްރައިމަރީއަށްފަހު ވެސް އެކުގައި މަސައްކަތް ކުރެވޭނެގޮތަކަށް ކެމްޕޭނުގައި މަސައްކަތްކުރުމަށް ސަޕޯޓަރުންގެ ކިބައިން ރައީީސް ޞާލިހް ވަނީ އެދިވަޑައިގަންނަވައިފައެވެ.