ފިނީގެ ސަބަބުން ބަންގްލަދޭޝް ބަޔަކު ހާލުގައި ޖެހިފައި
މި ދުވަސްވަރަކީ އަވަށްޓެރި ބަންގްލަދޭޝްއަށް އާދަޔާ ޚިލާފަށް ފިނި ގަދަވަމުން ދާ ދުވަސްވަރެކެވެ. ގަދަ ފިނީގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަމުން ދާ އެއް ބަޔަކީ ސްކޫލުތަކަށް ދާ ދަރިވަރުންނާއި އެކި ވަޒީފާތަކުގައި ނުކުޅުމެ އުޅޭ މީހުންނެވެ. ނަމަވެސް، ބޯފޭރާމައި އޭނުންވެސް އެފަދަ އާލާތްތަކުގެ އެހީގައި ހަށިގަނޑުގެ ހޫނު ހިފެހެއްޓުމުގެ ތަނަވަސްކަމާއި ނަޞީބުނެތް މީހުން އުޅެމުންދާ ވޭން، އެއަށްވުރެ މާ ބޮޑެވެ.
އެފަދަ ހާލެއްގައި ދިރިއުޅެމުންދާ އެއް ބަޔަކީ ވެރިރަށް ޑާކާގައި ދިރިއުޅުމުންދާ ގެދޮރު ނެތް މީހުންނާއި ދޮށީ ޢުމުރުގެ މީހުންނެވެ. ޖެނުއަރީ 7 ވީ ހޮނިހިރު ދުވަހު ރޮއިޓަރޒްއާ ވާހަކަ ދައްކަމުން، މުބާރަތް ޙުޞައިން ނަމަކަށް ކިއާ މީހަކު ބުނީ، އޭނާ ފަދަ، ގެދޮރު ނެތް މީހުންނަށް، ހޫނު ހިފަހައްޓާނެ އަންނައުނުވެސް ލިބެން ނެތް ކަމަށެވެ.
އަހަރަމެން ފަޤީރުން މި ތިބެނީ ހަދާނެ ގޮތް ހުސްވެފަ. ދިރިއުޅެމުން މިދަނީ މަގުތަކުގެ އަރިއައިމަތީގަ. މި ގަދަ ފިނީގަ ވަރަށް ހާލުގަ މިއުޅެނީ. ހަށިގަނޑުގެ ހޫނުކަން ހިފަހައްޓާލަދޭ ވަރުގެ ހެދުމެއް އަހަރަމެންނަކަށް ނުލިބޭ. ހޫނު ހިފަހައްޓާލާނެ ހެދުންކޮޅަކާ، ކާއެތިކޮޅެއް ދިއްކޮށްލުމަކީވެސް އަހަރަމެންނަށް ލިބޭ ވަރަށް ބޮޑު އެހީއަކަށް ވާނީ
މުބާރަކް ޙުޞައިން؛ ގެދޮރު ނެތް މީހެއް
ގަދަ ފިނީގެ ސަބަބުން ކުރާ ޙަޤީޤީ އަސަރު، ބައެއް މީހުންނަށް އެންމެ ފުރިހަމައަށް އިޙްސާސް ނުކުރެވިދާނެއެވެ.
އާނ ތެދެއް. ވަރަށް ފިނި. ތެދެއް. ކުރިއަށް އޮތް ތަނުގަ އަދިވެސް އިތުރަށް ފިނި ގަދަ ވެދާނެ. އެކަމަކު އަހަރަމެން ހާސް ވާކަށް ނުޖެހޭ. އެކަމަށް ހޭނެން ޖެހޭނީ. ފިންޏާ ދެކޮޅަށް އެކަށީގެންވާ ރައްކާތެރިކަން ހޯދަން ޖެހޭނީ
ސަޢީދުއްރަޙްމާން؛ ޑާކާގެ ރަށްވެއްސެއް އަދި ބެލެނިވެރިއެއް
ނަމަވެސް އެއީ އެންމެންގެ އަތުގައި ހިފާނެ ނަޞީބެއް ނޫނެވެ. ޑާކާގެ ރަށްވެއްސެއް ކަމަށްވާ މުޙައްމަދު ޙަކީމް ބުނި ގޮތުގައި، މި ފަހަރުގެ ފިނި މޫސުމުމުގެ ފިނިކަން، އެހެން އަހަރުތަކަށްވުރެ މާ ގަދައެވެ.
މަށަށް ހީވަނީ، މީގެ ކުރީ އަހަރުތަކާ އަޅާ ބަލާއިރު، މިއަހަރު މާ ބޮޑަށްވެސް ފިނި ގަދަވެއްޖެހެން. އަހަރެމެން ފަޤީރުން މި ވަނީ އިންތިހާއަށް ހާލުގަ ޖެހިފަ. ބޮޑެތި ތަކުލީފުތަކެއް އުފުލަމުން މި ދަނީ
މުޙައްމަދު ޙަކީމް؛ ޑާކާގެ ރަށްވެއްސެއް
އިންތިހާ ގަދަ ފިންޏާއެކު، ދުންފިނި ބޯވުމުގެ ހާދިޘާތައްވެސް ބަންގްލަދޭޝްގައި ދަނީ ހިނގަމުންނެވެ. އެގޮތުން ހަޒްރަތު ޝާހްޖަލާލް އިންޓަރނޭޝަނަލް އެއަރޕޯޓްގެ އޮޕަރޭޝަންތަކަށް ހުރަސް އެޅުނު މަންޒަރުވެސް ވަނީ ފެނިފައެވެ.
ބަންގްލަދޭޝްގެ މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރާ ގޮތުގައި އެ ޤައުމުގެ އުތުރާއި، ހުޅަނގު އުތުރު އަދި މެދު ތެރޭގެ ހިސާބުތަކަށް އަދިވެސް އާދަޔާ ޚިލާފަށް ފިނި ގަދަވެގެންދާނެއެވެ.
ކައިރި މާޒީގައި ފާއިތުވެގެން މިދިޔަ އަހަރުތަކަކީ މޫސުމީ ގޮތުން ނޭދެވޭ ބޮޑެތި ބަދަލުތަކެއް މި ދުނިޔެއަށް ކުރިމަތިވި އަހަރުތަކެކެވެ. އެއްބަޔަކަށް އިންތިހާ ގަދަ ހޫނާއި ކުރިމަތިލާން ޖެހިފައި ވާ އިރު، އަނެއް ބަޔަކަށް ވަނީ ގަދަ ވިއްސާރަ ނުވަތަ ފިންޏާ ކުރިމަތިލާން ޖެހިފައެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުގައި އިންސާނީ ނޭއްގާނީ އަމަލުތަކުގެ ހިއްސާއެއް އޮންނަ ކަމަށް ސައެންސްވެރިން ބުނަމުން ދާއިރު، އެކަމަށް އެދެވޭ ހައްލެއް ހޯދުމަށް، އެކަށީގެންވާ ގޮތެއްގައި މަސައްކަތްތަކެއް ކުރެވެމުންދާތީއެއްވެސް ނުފެނެއެވެ.