ސަފާރީތަކުން ފުރާ ފަތުރުވެރިން ޕީސީއާރް ޓެސްޓު ހެދުން ހުޅުމާލެއިން
ސަފާރީ ތަކުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ފުރާ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓު ހެދުން ހުޅުމާލޭގައި ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްފިއެވެ.
އެގޮތުން އެއެސޯސިއޭޝަނުން މިފަދައިން އިންތިޒާމު ކޮށްފައިވަނީ ރާއްޖެއިން ފުރާ ފަތުރުވެރިންގެ ޓެސްޓުތައް ހެދުމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ސަރކިއުލާ އަކާއި ގުޅިގެންނެވެ.
ހުޅުމާލޭގައި ފަތުރުވެރިން ޓެސްޓު ކުރުމުގެ މިއިންތިޒާމުތައް އެއެސޯސިއޭޝަނުން ހަމަޖައްސާފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާއި ގުޅިގެންނެވެ.
ސާމްޕަލް ނެގުން އިންތިޒާމު ކުރުމަށް އެ އެސޯސިއޭޝަނަށް މެއިލް އިން ނުވަތަ ފޯނުން އަންގަން ޖެހޭނެ ކަމަށާއި ފަތުރުވެރިން ފުރަން ދާއިރު، ޓެސްޓުގެ ނަތީޖާ ލިބޭހާ ވަގުތު އޮއްވާ ސާމްޕަލް ނަގަން ދިއުމަށް ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިލްތިމާސް ކޮށްފައިވެއެވެ.
މިއީ ރާއްޖޭގައި ވެސް ކޮވިޑް-19 ފެތުރެމުން ދިޔުމާއި ގުޅިގެން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ތަންފީޒުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ކަމާ ގުޅުންހުރި އެހެން އިދާރާތަކާއި އެކު އެ އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތެކެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ހުއްދަ 20 އަށް ވުރެ ގިނަ ސާފާރީ އަށް މިހާރު ދީފަ އެވެ.