ޚަބަރު

ޕާކިސްތާން ބަނޑަށް ޖެހިދާނެ ކަމުގެ އިންޒާރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ އަހަރު ޕާކިސްތާނަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ ހާލުގައި ޖެހުނު އެތައް މިލިޔަން ރައްޔިތުންނަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެހީތެރިކަން ނުލިބޭނެ ނަމަ، އެ މީހުންނަށް ބޮޑު ނިކަމެތިކަމަކާ ކުރިމަތިލާންޖެހޭނެ ކަމުގައި އ.ދ.ގެ ތަރައްޤީއާ ބެހޭ އޭޖެންސީ (ޔޫ.އެން.ޑީ.ޕީ)ގެ އިސްވެރިޔާ ވިދާޅުވެއްޖެއެވެ. 2022 އޮގަސްޓުގައި އެ ޤައުމަށް ކުރި ވިއްސާރައިގައި ޤައުމުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވިއެވެ.

Ads by Sosun Fihaara

ފެންބޮޑުވުމާ ގުޅިގެން ކުރިމަތިވި އެކި ހާދިސާތަކުގައި ޕާކިސްތާނުން މަރުވި މީހުންގެ އަދަދު ވަނީ 1,700 އަށްވުރެ މައްޗަށް އަރާފައެވެ. އަދި، ފެންބޮޑުވުމުގެ އަސަރު ކުރި މީހުންގެ އަދަދު 33 މިލިޔަނަށް އަރައެވެ. އެ ޤައުމުގައި ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން ރައްޔިތުންނަށް ބައިނަލްއަޤުވާމީ އެހީތެރިކަން ހޯދުމަށް ޔޫ.އެން.ޑީ.ޕީ.އިން ދަނީ އެހީދޭ ޖަމާޢަތްތަކުގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ޖެނީވާގައި ބާއްވާ މި ބައްދަލުވުން ވިލަރެސްކުރަނީ ޔޫ.އެން.ޑީ.ޕީ.އިންނެވެ. މި ބައްދަލުވުމުގައި، ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެތައް ބިލިޔަން ޑޮލަރެއްގެ ހޯދުމަށް ޔޫ.އެން.ޑީ.ޕީ.އިން މަސައްކަތް ކުރާނެއެވެ. އެހީދޭ އެތައް ޤައުމަކާއި ޖަމުޢިއްޔާއަކުން ޕާކިސްތާނަށް އެހީ ފޯރުކޮށްދޭން ވަޢުދުވެފައިވީ ނަމަވެސް، އެ ފައިސާ ހަވާލުކޮށްފައި ނުވާ ކަން ފާހަގަކުރެވެއެވެ.

"ފެންބޮޑުވުމާ ގުޅިގެން ޕާކިސްތާން ވަނީ ސުންނާފަތިވެފައި. އެ ޤައުމުގެ ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ނިކަމެތި ހާލުގައި. އިޤުތިޞާދީ ގޮތުން އެ ޤައުމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި. ފެންގަނޑު ހިނދުނު ނަމަވެސް، އެ ޤައުމުގެ ރައްޔިތުންގެ ކެކުޅުންތަކަށް ނިމުމެއް ނާދޭ،" ޔޫ.އެން.ޑީ.ޕީ.ގެ އެޑްމިނިސްޓްރޭޓަރ އާޗިމް ސްޓެއިނަރ ވިދާޅުވިއެވެ.

ފެންބޮޑުވުމުގެ ސަބަބުން އެތަކެއް މިލިޔަން ރައްޔިތުންނެއްގެ ގެދޮރު ހަލާކުވެފައިވާއިރު، ގެއްލުންވެފައިވާ ގެދޮރާއި މަގުތަކާއި އެހެނިހެން އުމްރާނީ ވަސީލަތްތައް އަލުން އާރާސްތުކުރުމަށް އެތަކެއް ބިލިޔަން ޑޮލަރެއްގެ އެހީ ބޭނުންވާނެ ކަމުގައި ޔޫ.އެން.ޑީ.ޕީ.އިން ބުނެއެވެ. ގިނަ އަދަދެއްގެ ދަނޑުބިން ހަލާކުވެ، ގިނަ ބަޔަކު އާމްދަނީ ހޯދަން ކުރަމުންދިޔަ މަސައްކަތްތައް ވަނީ ހުއްޓިފައެވެ. ހާލުގައި ޖެހިފައިވާ ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކުގައެވެ.

ޕާކިސްތާނަށް ކުރިމަތިވެފައިވާ ކާރިސާއާ ގުޅިގެން އެ ޤައުމުގައި ކާބޯތަކެތީގެ އަގުތައް ވެސް ވަނީ އަތްފޯރާފަށްވުރެ މައްޗަށް އަރާފައެވެ. އަދި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދަތިވެފައިވާ މީހުންގެ އަދަދު ދެގުނައަށް އިތުރުވެ، 14.6 މިލިޔަނަށް އަރާފައިވާ ކަމުގައި އ.ދ.އިން ބުނެއެވެ. އަދި، އިތުރު ނުވަ މިލިޔަން މީހުންނަށް ފަގީރުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި ވޯލްޑް ބޭންކުން ބުނެއެވެ.

ޖެނީވާގައި ބާއްވާ ބައްދަލުވުން މެދުވެރިކޮށް ޕާކިސްތާނަށް 16 ބިލިޔަން ޑޮލަރު އެހީގެ ގޮތުގައި ހޯދަން އެ ޤައުމުން ވަނީ އަމާޒު ހިފާފައެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބައި ހޯދާނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތައް މެދުވެރިކޮށް ޕާކިސްތާނުންނެވެ. ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ސްޓެއިނަރ ސިފަކުރައްވައެވެ.

ސަބަބަކީ، ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއަކީ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވި ކާރިސާއެއް ކަމަށް ޤަބޫލުކުރެވެއެވެ. އަދި، އެ ޤައުމަކީ ބޭރަށް ވިހަ ގޭސްތައް ބޭރުކުރާ ޤައުމުތަކުގެ ލިސްޓުގެ އެންމެ ފުލުގައި ހިމެނޭ އެއް ޤައުމެވެ. ނަމަވެސް، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމުތަކުގެ ތެރޭގައި އެ ޤައުމު ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!