ރައީސް ޞާލިޙަކީ މުސާވެރިން ކޮޅެއްގެ ދިރުން: އިންތި

އެމްޑީޕީގެ ޕްރައިމަރީ އަށް ވާދަކުރައްވާ އެ ޕާޓީގެ އިސް ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދެމެދު މިއޮތް ހަތް ވަރަކަށް މަހަށް ސަރުކާރުގެ ސިޔާސީ މުސާރަވެރިންކޮޅެއްގެ ދިރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
މިމަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނެއެވެ. މި އިންތިޚާބުގައި ރައީސް ޞާލިޙާ ވާދަ ކުރައްވަނީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. އިންތި ހުންނެވީ ރައީސް ނަޝީދުގެ ފަޅީގައެވެ.
ޓްވިޓަރ މެދުވެރިކޮށް ރައީސް ޞާލިހަށް ފާޑު ވިދާޅުވެ، އިންތި ވަނީ ރައްޔިތުންނަށް އޮތް އެންމެ ބޮޑު އުންމީދަކީ ރައީސް ނަޝީދު ކަަމަށާއި، އެމަނިކުފާނަކީ ފިކުރެއްގެ ދިރުން ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން ބައްދަލުވުމެއް މިރޭ ރާޅުގަނޑު ސަރަހައްދުގައި އޮންނާނެއެވެ. އެމްޑީޕީން ބުނީ، މިފަހަރުގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ގޮތުގައި އެ ޕާޓީގެ ދަފްތަރުގެ ރެޖިސްޓްރީގައި ތިބީ 57،714 މީހުން ކަމަށެވެ.