އެމްޑީޕީ އަކުން މަޖުބޫރުކޮށްގެން އެއްވެސް މުއައްޒަފަކު އެއްވެސް ތާކަށް ނުގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޕްރައިމަރީގެ ރައީސުލްޖުމްހޫރިއްޔާގެ ކެމްޕޭނަށް ސަރުކާރުގެ މުއައްޒަފުންނާއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުއައްޒަފުން ނެރެމުން ދަނީ ވަޒީފާގެ ބިރު ދައްކައިގެން ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވާ ރޮޒޭ ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައިވެސް މަޖުބޫރުކޮށްގެން ޕާޓީގެ އެއްވެސް މެމްބަރެއް އެއްވެސް ތާކަށް ނުގެންދާނެ ކަމަށެވެ.
"އެމްޑީޕީއަކުން މަޖުބޫރު ކޮށްގެން އެއްވެސް މުއައްޒަފަކު އެއްވެސް ތާކަށް ނުގެންދާނެ. އަދި މިޕާޓީ ޕްރައިމަރީގައިވެސް މަޖުބޫރުކޮށްގެން ޕާޓީ މެމްބަރުންވެސް އެއްވެސް ތާކަށް ނުގެންދާނެ." ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސް އައްޔަނުކޮށްފައި ތިބި މީހުންވެސް ކިޔާނެ އެއްޗެއް ކިޔަމުން ދާކަމަށާއި އެމީހުންނަށްވެސް ފިޔަވަޅެއް ސަރުކާރުން އަޅާފައިނުވާނެކަމަށެވެ.
މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ޕްރައިމަރީގައި ވާދަކުރާ ދެންކެންޑިޑޭޓުން ފޯރިއާއެކު ކުރައްވަމުން އަންނަ އިރު ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ކެމްޕޭން އިވެންތަކުގައި ބައިވެރިވުމަށް ސަރުކާރުގެ މުއައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުއައްޒަފުންނަށް މަޖުބޫރު ކުރުވަމުން އަންނަކަމަށާއި އެމުއައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުން އަންނަކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ރައީސް ޞާލިހުގެ ކެމްޕޭން ޓީމުން ދަނީ އެތުހުމަތުތައް ދޮގުކުރަމުންނެވެ.