ރިޕޯޓް

މަޖިލިސް 2022: ބޮޑު ކޯޅުންތަކާއެކު، މުހިންމު ނިންމުންތަކެއް ނިންމި އަހަރެއް!

ރައުފާ ރަޝީދު ، ދެން އޮންލައިން

2022ވަނަ އަހަރު ، ރައްޔިތުންގެ މަޖިލީހުން ވަނީ މުހިންމު ގިނަ ނިންމުންތަކެއް ނިންމައިފައެވެ. ހޫނުގަދަ ބަހުސްތަކަކާ އެކު ވެސް ރައްޔިތުންނަށް ފައިދާ ކުރުވަނިވި ގިނަ ބިލުތަކެއް ފާސްކޮށްފައިވެއެެވެ.

Ads by STELCO

މަޖިލީހުގެ ފުރަތަމަ ދައުރުގެ 35 ޖަލްސާ ބާއްވައިފައިވާއިރު މެމްބަރުން ތަޅުމުގައި 71 ގަޑިއިރު ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން އެ ދައުރުގައި ބޭއްވި 170 ކޮމިޓީ ބައްދަލުވުމުގައި 134 ގަޑިއިރު މެމްބަރުން ހޭދަކޮށްފައި ވެއެވެ. އަދި ހުށަހެޅި 28 ބިލުގެ ތެރެއިން 8 ބިލުގެ މަސައްކަތް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން 10 ގަރާރުގެ ތެރެއިން 2 ގަރާރެއްގެ މައްސަލަ ނިންމައި ސަރުކާރުން ހުށަހެޅި 8 މައްސަލައިގެ ތެރެއިން 7 މައްސަލައެއް ނިންމައިފައިވެއެވެ. އަދި މެމްބަރުން ހުށަހެޅި 10 މައްސަލައިގެ ތެރެއިން 4 މައްސަލައެއް ވަނީ ނިންމައިފައެވެ. މިއާ އެކު ފުރަތަމަ ދައުރަށް ހުށަހެޅި މަސައްކަތްތަކުގެ ތެރެއިން 49.6% މަސައްކަތް ނިންމައިފައިވެއެވެ.

ދެވަނަ ދައުރަށް ބަލާއިރު މުހިންމު ބިލުތަކުގެ މަސައްކަތް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހެއްކާ ބެހޭ ބިލާއި, ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ލާމަރުކަޒީ ގާނޫނަށް ވެސް ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ. ދެވަަނަ ދައުރު ނިންމައިފައި ވަނީ 22 ޖަލްސާއަށް ފަހުއެވެ.

ތިންވަނަ ދައުރުގައި މަޖިލީހަށް 42 ބިލެއް ހުށަހަޅައިފައިވެއެވެ. އެގޮތުން 25 ބިލުގެ މަސައްކަތް މަޖިލީހުން ވަނީ ނިންމައިފައެވެ. އަދި 17 ބިލުގެ މަސައްކަތް ނުނިމިވާ އިރު 17 ގަރާރު މަޖިލީހަށް ހުށަހަޅައިފައިވެއެވެ.

ގިނަ މެމްބަރުންގެ ހިޔާލުތަފާތުވުން ޓެކްސް ބޮޑު ކުރުމުގެ ބިލަށް!

2022ވަނަ އަހަރު މަޖިލީހުގެ ތެރޭގައި އެންމެ ބޮޑަށް ޚިޔާލު ތަފާތުވެފައި ވަނީ މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅިގެންނެވެ. ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަން ނިންމައޮފައިވާކަން އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އަމީރެވެ.

ސަރުކާރުން ހުށަހެޅީ 2023ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން ޖީއެސްޓީ %6އިން %8އަށް އަދި ޓީޖީއެސްޓީ %8އިން %16އަށް ބޮޑު ކުރުމަށެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހ ގުޅިގެން މުޅި މަޖިލިސް ކޮމެޓީއާއި, މުގައްރިރާއި މެމްބަރުންނާ މެދު ހިޔާލު ތަފާތުވުން އުފެދުނެވެ. ބައެއް މެމްބަރުން ވަނީ އެ ދަނޑިވަޅުގައި ސަރުކާރުން ހުށަހަޅައިފައިވާ ގޮތަށް ޓެކްސް ބޮޑުކުރުމުގެ އިސްލާހު ފާސްކުރުމަކީ އިގްތިސާދީ ގޮތުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ގިނަ މެމްބަރުން ޓެކްސް ބޮޑުކުރުމަށް ފާސްކުރުމަށް ދެކޮޅުހަދައިފައިވެއެވެ.

ބިލުގެ ބަހުސްގައި މެމްބަރުން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ޓެކްސް ބިލަށް ވޯޓަށް އެހުމުގެ ކުރިން, ކަމާ ގުޅުން ހުރި އިދާރާތައް ކޮމިޓީއަށް މަޢުލޫމާތު ދެއްވުމަށް ދައުވަތު ދެއްވައިފައިވާ ކަމަށެވެ. މިކަމާ ބައެއް މެމްބަރުން ދެކޮޅުހެދިއެވެ. އެއީ މަޖިލީހުގެ ގަވާއިދު ތަންދޭ ކަމެއް ނޫން ކަަމަށް ބައެއް މެމްބަރުން ވިދާޅުވި ނަމަވެސް ރައީސް ނަޝީދު ވަނީ މަޖިލީހުގެ އިޖުރާއަތުތައް ހިފެހެއްޓުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. މިއާ އެކު މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ މަޖިލީހުގެ ގަވާއިދުން ބޭރުން މަޖިލީހުގެ ރިޔާސަތުން އަމަލު ނުކުރެއްވުމަށް ދަންނަވައިފައެވެ.

މިކަމާ ގުޅިގެން ބައެއް މެމްބަރުން ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ. އޭގެ ފަހުން ބިލު ފާސްކުރުމާ މެދު ގޮތެއް ނިންމަން ނަގަން އޮތް ވޯޓަށް އޭރު ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަަން އަފީފު ނޭހުމުން މަޖިލީހުގެ ގިނަ މެމްބަރުން ފާޑުވިދާޅުވެފައިވެއެވެ. އެގޮތުން އެމްޑީޕީގެ ޕާލިމެންޓް ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގައި ވޯޓެއް ނެގުމަށް ކޯރަމް ހަމަނުވާ ހާލަތުގައި ވޯޓު ނެގުމަށް ބޭނުންވާ މެންބަރުންގެ އަދަދު ހަމަކުރުމަށް ޓަކައި ރަގަބީލެއް ޖައްސަވާ 5 މިނިޓުގެ ވަގުތެއް ދޭން ޖެހޭނެކަމަށެވެ.

މީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވީ ވޯޓަށް އެހޭ ގޮތް ނުވީ މެންބަރުން މަދުވެގެންނެއް ނޫން ކަމަށާއި ވޯޓަށް ނޭހުނީ ރިޔާސަތުން ގަވާއިދާ ހިލާފަށް އަމަލުކުރުމުން ކަމަށެވެ. އަދި ތިންވަނަ ކިޔުން ނުއިއްވާ ކަމަށާއި ވޯޓުލާކަމަށް ވެސް އިއުލާނު ނުކުރާ ކަމަށް އުޝާމް ވިދާޅުވިއެވެ.

މަޖިލިސް ހިނގާ ގޮތް ކަމުނުދާތީ މެމްބަރުން ރައީސްގެ އަރިހަށް!

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން މުލިއާގެއަށް ވަޑައިގަންނަވައިފައި ވަނީ މަޖިލިސް ހިނގާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެންނެވެ. މަޖިލީހުގެ އެދުވަހުގެ ޖަލްސާގައި، ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ވޯޓަށް އަހައިފައި ނުވުމާ ގުޅިގެން މައްސަލަ ހޫނުވިއެވެ.

އެ ދުވަހުގެ މަޖިލިސް ޖަލްސާގައި ވޯޓު ގަޑީގައި ރިޔާސަތުގައި އިންނެވީ ރައީސް ނަޝީދެވެ. ވޯޓުގެ ވަގުތު ޖެހުމުން، ވޯޓަށް އެހީ ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ބަދަލުވެފައިވޭތޯ ބެލުމަށް ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ހުށަހެޅުއްވި ޤަރާރު ބަލައިގަންނަނަން ފެނޭތޯ ބެލުމަށެވެ. އެ ޤަރާރު ބަލައިގަތުމަށް ނުފެންނަކަމަށް ފާސްވުމާއެކު ނަތީޖާ ވިދާޅުވުމަށް ފަހު ނަޝީދު ވަނީ ޖަލްސާ ނިންމަވައިލައްވައިފައެވެ. ޓެކްސްގެ ބިލަށް ވޯޓަށް ނޭހީ ކީއްވެގެންކަމެއް ރިޔާސަތުން ވިދާޅެއްނުވެއެވެ.

އޭގެ ފަހުން އެމްޑީޕީގެ ދެ ފެކްޝަނުގެ ކޯޅުން ހޫނުވެ، ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވަނީ ރައީސް ނަޝީދަށް މި ރާއްޖޭގެ ވެރިކަން ދެން ނުލިބޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން މަޖިލީހުގެ މުޅި ކޮމިޓީން ފާސްކުރީ ބައެއް މެންބަރުން ބިލަށް ހުށަހެޅުއްވި އިސްލާހުތައް ބޭރުކޮށްލުމަށްފަހުއެވެ. އޭގެ ތެރޭގައި މިހާރު ހުރި ރޭޓުތަކުގައި ޓެކްސްތައް ނެގުމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހެޅުއްވި އިސްލާހު ހިމެނެއެވެ. އެ އިސްލާހު ބޭރުކޮށްލީ 56 މެންބަރުންގެ ވޯޓާއެކުއެވެ.

މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ހުށަހެޅުއްވީ ޓީޖީއެސްޓީގެ ގޮތުގައި %16ގެ ބަދަލުގައި %14 ނެގުމަށެވެ. ނަމަވެސް 46 މެންބަރުން އެއާ ދެކޮޅަށް ވޯޓު ދެއްވުމާ އެކު އެ ހުށަހެޅުން ވެސް ފާހެއް ނުވިއެވެ.

މި ބިލު ފާސްކުރުމަށް މުޅި މަޖިލީހުގެ ވޯޓަށް އަހައިފައިވެއެވެ. އެ ވޯޓުގައި ބައިވެެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ޓެކްސް ބޮޑުކުރުމުގެ ބިލާ އެއްކޮޅަށް 55 މެންބަރުން ވޯޓު ދެއްވިއެވެ. ނުފެންނަކަމަށް 26 މެންބަރުން ވޯޓު ދެއްވިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރާ ބިލް!

މި ބިލަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރާ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށްތަކާއި ޤައުމީ ސަލާމަތާ ގުޅުން ހުރި ކުށްތައް އިތުރަށް ސާފުވާނެ ފަދައިން ޤާނޫނުގައި މާނަކުރުން ހިމެނެއެވެ. އަދި ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން ޤާނޫނުގައި ކަނޑައެޅުމަށާއި އެ ފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުން ކަމަށް ކަނޑައެޅުމަށް ހުށަހަޅާ އިސްލާހުތައް ހިމެނެއެވެ.

މި ބިލަށް ވެސް ބައެއް މެމްބަރުންގެ ނުރުހުން އަމާޒުވިއެވެ. އެގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ހެއްކާ ބެހޭ ބިލަށް އިންޑިއާގެ އޯޑަރެއް އައުމާ އެކު، ދިވެހިރާއްޖޭގެ އެޓާނީ ޖެނަރަލް އެ ބިލަށް ފަނަރަ އިސްލާހެއް ހުށައަޅައިފައިކަމަށެވެ. އަދި މި ބިލާ އެކު، އަދި ރައީސް ޞާލިޙް ވަނީ ދިވެހި ރައްޔިތުންނާއި، ނޫސްވެރިންގެ އަސާސީ ހައްގެއް ނިގުޅައިގަނެފައިވާ ކަމަށާއި، ސަރުކާރުން އެކަމުގެ ނާޖާއިޒް ފައިދާ ނަގައި، ރައްޔިތުން ޖަލަށް ލާނެކަަމަށް ޝިޔާމް ވިދާޅުވިއެވެ.

މަސްދަރު ހާމަ ކުރަން އެންގޭ ގޮތަށް ބިލުގައި ހިމަނައިފައި ވާތީ، ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 50 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދެއްވެވިއެވެ. އަދި ދެ މެންބަރަކު ވޯޓު ދެއްވީ ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި އަޑު އުފުލައިފައި ވެސް ވެއެވެ. އެހެން ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބިލުގައި ކަންބޮޑުވާން ޖެހޭ ފަދަ ކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވިގޮތުގައި ޝަރީއަތުން އެންގުމުން މިހާރު ވެސް މަސްދަރު ހާމަކުރަން ޖެހެއެވެ.

ކުއްޔަށް އުޅޭ މީހުންގެ ނަމަށް ފެނާއި ކަރަންޓު ބިލުކުރެވޭ ގޮތް ހެދުން!

ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް ގެނެވުނު މައިގަނޑު އިސްލާޙަކީ މި ޤާނޫނުގެ 34ވަނަ މާއްދާގެ ފަހަތަށް ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކުން ބިލުކުރުމާ ގުޅޭ ގަވާއިދު ހެދުމާ ގުޅޭ މާއްދާއެއް އިތުރުކުރުމެވެ. މި މާއްދާގައި ވާގޮތުން ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ ޚިދުމަތްތަކާ ގުޅޭގޮތުން ބިލުކުރުމުގައި ޢަމަލުކުރަންވީ މައިގަނޑު އުސޫލުތައް ބަޔާންކުރާ ގަވާއިދެއް، ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ މަޝްވަރާއާ އެކު، އޮތޯރިޓީން އެކުލަވައިލާނެއެވެ.

އަދި، ބިލު ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލުތަކާއި، ބިލު ނުދެއްކުމުގެ ސަބަބުން ޚިދުމަތް މެދުކަނޑައިލާންޖެހޭ ޙާލަތުތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ އެ ޙާލަތުތަކުގައި ކޮންމެހެން ޢަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން މީގެ ތެރޭގައި ހިމެނެއެވެ.

މި ބިލުގައި، ފެނާއި ކަރަންޓު ފަދަ އާންމު ބޭނުންތަކުގެ ޚިދުމަތްތައް ބޭނުންކުރަނީ މީޓަރު ރަޖިސްޓްރީކޮށްފައިވާ ފަރާތުން ނޫން ނަމަ، އެ ޚިދުމަތް ބޭނުންކުރާ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވޭނެކަމަށް ބުނެފައިވެއެވެ.

ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވަން ނިންމުން!

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

ޤާނޫނަށް ހުށަހަޅައިފައިވާ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލް މެންބަރެއްގެ މަގާމު ހުސްވާތާ 14 ދުވަހުގެ ތެރޭގައި އެލްޖީއޭއިން އިލެކްޝަންސް ކޮމިޝަނަށް އަންގަންވާނެ ކަމަށެވެ. އަދި ލަސްވެގެން 365 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށެވެ. ނަމަވެސް މެންބަރެއްގެ ގޮނޑި ހުސްވި އިރު، އެއް އަހަރަށް ވުރެ ކުރު މުއްދަތެއް ބާކީ އޮތް ނަމަ އިންތިހާބުކުރުން ލާޒިމް ނޫންކަމަށް އިސްލާހު ހުށަހަޅާފައިވެއެވެ.

މި ގާނޫނުގެ 6-56 ވަނަ މާއްދާގެ (އ) އިސްލާހު ކުރަން ވަނީ ހުށަހަޅައިފައެވެ. އެގޮތުން ޑަބްލިއުޑީސީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ 14 ދުވަހުގެ ތެރޭގައި އެލްޖީއޭއިން އިލެކްޝަންސް ކޮމިޝަނަށް އެކަން އަންގަންވާނެ ކަމަށާއި، 365 ދުވަހުގެ ތެރޭގައި ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އައްޔަން ކުރަންޖެހޭކަމަށް ވަނީ ބުނެފައެވެ.

ލާމަރުކަޒީ ކޮމިޓީން ނިންމީ، ޑަބްލިއުޑީސީގެ އިސްލާހުތައް ފާސްކުރުމަށެވެ. އެހެންކަމުން، މަޖިލީހުން ފާސްކޮށް، ރައީސް މި އިސްލާހުތައް ތަސްދީގުކުރައްވާ ދުވަހުން ފެށިގެން ދެން ބާއްވަން ޖެހޭ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަރަކު، އެއްފަހަރާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުރަހެއް ނޯންނާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!