ވިހިބާވީސް:ރައީސް ޔާމީން ހުރަގެއަށް، ބޮޑު އަހަރަށް ބޮޑު ގޮންޖެހުމެއް!
ނިމިދިޔަ 2022ވަނަ އަހަރަކީ، އިދިކޮޅަށް ބޮޑު އަހަރެކެވެ. ސިޔާސީ މަސައްކަތްތައް އެތައް ގުނައެއް އިތުރުވެގެން ދިޔައިރު، ރިޔާސީ ކެންޑިޑޭޓަށް، ރިޔާސީ ރޭހަށް ނުކުންނެވުމަށް ހުރަސްތަކެއް ކުރިމަތިވި އަހަރު ވެސް މެއެވެ.
ރާއްޖޭގައި އޮތް އިދިކޮޅު އެންމެ ބޮޑު ޕާޓީއަކީ ޕީޕީއެމްއެވެ. އެ ޕާޓީއާ "އެއްބަނޑު އެއްބަފާ" ޕީއެންސީ އުފައްދަން މަދު މެމްބަރުންތަކެއް އެ ޕާޓީއާ ގުޅުނެއް ކަމަކު، ޕީއެންސީއަކީ ވެސް ޕީޕީއެމެވެ. އެހެންކަމުން، ޕީޕީއެމް-ޕީއެންސީއަކީ މިވަގުތު ސަރުކާރާ ދެކޮޅަށް އޮތް އެންމެ ވަރުގަދަ ކޯލިޝަނެވެ. ދެން ތިބި ސިޔާސީ ޕާޓީތައް ސަރުކާރާ އެއް އޮޑިއެއްގައި ތިބިއިރު، ރިޔާސީ އިންތިޚާބާ ދިމާކޮށް ދުރުގައި އޮތް އެމްޑީއޭ ވެސް، މަޑުމަޑުން 2023ގެ ތަސްވީރާ ދިމާލަށް ވަނީ މިސްރާބު ޖަހައިފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ އަދަދު އިންތިހާއަށް ދަށްވުމާ އެކު ވެރިކަންކުރާ އެމްޑީޕީން ހޯދި ސާފު ބޮޑު އަޣްލަބިއްޔަތުގެ ސަބަބުން މިނިވަން މުވައްސަސާތަކާއި އިދާރާތަކަށް އޮތް ފިއްތުންތަކާއި އެއްވެ އުޅުމަށް އޮތް ހުރަސްތަކާއި ސަބަބުން ، ސަރުކާރު ޒިންމާދާރު ކުރުމުގެ މަސްޢޫލިއްޔަތާ އެކު އެ ޕާޓީ އިދިކޮޅުގައި އޮތީ ބޮޑެތި ގޮންޖެހުންތަކާ އެކީގައެވެ.
2019ވަނަ އަހަރު ރައީސް ޔާމީނަށް އިއްވެވި ޖަލު ޙުކުމުން މިނިވަންވެވަޑައިގެން ، ޕީޕީއެމުން 2022އާ ކުރިމަތިލީ އުއްމީދާއެކީގައެވެ. ރައީސް ޔާމީން ގްރައުންޑްގައި ހުންނަވައި އެ ޕާޓީން ވަނީ ސިޔާސީ ރެލީތައް ގިނަކޮށްފައެވެ. ނަމަވެސް އަހަރު ނިމިގެން ދިޔައީ ރައީސް ޔާމީން އަނެއްކާ ވެސް ހުރަގެއަށް ލައި ބަންދުކުރި ސަފްހާއަށް ފަހުގައެވެ.
އިދިކޮޅު ލީޑަރުގެ "އުނދަގޫ" ސަރުކާރަށް ބޮޑުވި އަހަރެއް:
ރައީސް ޔާމީންގެ ސްޓައިލަށް ވެސް ބަދަލުތައް ގެންނަވައި، ސިޔާސީ މައިދާނުން، އެ މަނިކުފާނު މިދިޔަ އަހަރު ފެނުނީ ތަފާތުކޮށެވެ. ނޫސްވެރިންނާ ގާތްކަން ބާއްވަވައި ، އެކި މީޑިއާތަކަށް ބަސްދީގަތުންތައް ދެއްވިއެވެ. މިގޮތުން ނޫސްވެރިންނާ ބައްދަލު ކުރައްވައި، އެތައް އިރަކު، ނޫސްވެރިން ބޭނުން ސުވާލެއް ކުރަން ފުރުސަތު ދެއްވައި، ރައީސް ޔާމީންގެ ތަފާތު ފަރާތެއް ދެއްކެވިއެވެ.
މީގެ އިތުރުން ޕީޕީއެމުން މިފަހުން ބޭއްވި އެންމެ ބޮޑެތި ޖަލްސާތައް ވެސް ފެނިގެން ދިޔައީ މި ނިމުނު އަހަރުގައެވެ. ކާނިވ ސަރަހައްދު ފުރާލައި، "ފުނޑާލައިފި"، ކޮތަރުކޮށި" ފަދަ ނަންނަމުގައި، ސަރުކާރު ސިއްސުވައިލި ޖަލްސާތައް ފެނިގެން ދިޔައެވެ. ހަމަ އެހެންމެ އިންޑިއާގެ މިލިޓަރީ ރާއްޖޭގައި ގާއިމްވެ ތިބުމާ ދެކޮޅަށް ހިންގާ "އިންޑިއާ އައުޓް" ކެންޕެއިންގެ ވެސް ތުރާ ބޮޑުވެ . ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އެ ޙަރަކާތް ހުއްޓުވީ ވެސް މިދިޔަ އަހަރުއެވެ.
ޕާޓީގެ އޮނިގަނޑަށް ބަދަލުތަކެއް
ރިޔާސީ އިންތިޚާބުން ބަލިވެ ޕީޕީއެމުން އިދިކޮޅަށް ބަދަލުވި އިރު އެ ޕާޓީ އޮތީ ނިކަމެތިވެފައެވެ. ސަރުކާރުގައި ތިބި އިރު ކެބިނެޓާއި އެހެނިހެން ބޮޑެތި މަގާމުތަކުގައި ތިބި ޕީޕީއެމްއަށާއި ލީޑަރު ރައީސް ޔާމީނަށް "ލޯޔަލިސްޓް" ގިނަ ބަޔަކު ވަނީ ވެރިކަން ގެއްލުމާ އެކު ކޮޅު ބަދަލުކުރައްވައިފައެވެ. ނުވަތަ ސިޔާސީ މަންޒަރުން ގެއްލިފައެވެ. އަނެއްކޮޅުން ގިނަ ދުވަހެއް ނުވެ ރައީސް ޔާމީނަށް ވަނީ ޖަލަށް ލައިފައެވެ.
މި ނިކަމެތިކަމުގައި އެ ޕާޓީން ރައްޔިތުންގެ މަޖިލީހާ ކުރިމަތިލައި ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއާއެވެ. ދެއަތުން ގުނައިލެވޭ މަދު ގޮނޑިކޮޅަކާ އެކު އައު ޤާނޫނު އަސާސީ ވުޖޫދުވި ފަހުން ، މަޖިލީހުގައި ފެނުނު އެންމެ މީސްކޮޅު މަދު ޕާލަމެންޓް ގުރޫޕަށް ޕީޕީއެމް ވެގެން ދިޔައެވެ.
ނަމަވެސް ، މަދު މީސްކޮޅާ އެކު ވެސް ރެލީތައް ބާއްވައި ، ހަރަކާތްތައް ހިންގައި އެ ޕާޓީން ވަނީ ކުރިއެރުންތަކެއް ހޯދައިފައެވެ. ރަށްރަށުގައި ސިޔާސީ ޙަރަކާތްތައް ރާވައި ހިންގާނެ، ސްޓިއަރިން ކޮމިޓީތައް އެކުލަވާލައި އެ ޕާޓީން ވަނީ ރަށްރަށުގައިި ވެސް ކާމިޔާބީތަކެއް ހޯދައިފައެވެ. އެ ގޮތުން ރައީސް ޔާމީން މިނިވަން ކުރުމަށާއި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ޕާޓީން ހޯދި ތާރީޚީ ކާމިޔާބީ ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން އެ ޕާޓީން މިދިޔަ އަހަރު ވެސް ވަނީ އިންތިޚާބީ ދާއިރާތަކުގައި ކޮމިޓީއެއް އެކުލަވައިލައި ޕާޓީގެ އޮނިގަނޑަށް ބަދަލެއް ގެނެސްފައެވެ. އެ ގޮތުން ދާއިރާގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ޒުވާނުންގެ ރައީސަކާއި އަންހެނުންގެ ރައީސެއް ހޮވައި އެ ޕާޓީން ވަނީ ސިޔާސީ މަސައްކަތްތެރިން އުފައްދައިފައެވެ. އަދި މި މަގާމުތައް ހޮވުމަށް އެ ޕާޓީން ބޭއްވި އިންތިޚާބުގެ ޤަވާޢިދުގައި ކަނޑައެޅި އުޞޫލެއްގެ މަތީން އެ ޕާޓީން ވަނީ މި އިންތިޚާބާ ގުޅިގެން މެންބަރޝިޕްގެ ޢަދަދު އިތުރު ދިހަ ހާސް މައްޗަށް ޖައްސައިލައިފައެވެ. މިއާ އެކު އެ ޕާޓީގެ މެންބަރޝިޕް ވަނީ 40ހާހާ ގާތްކޮށްފައެވެ.
މިދިޔަ އަހަރު ބޭއްވި ބައިއިލެކްޝަންތަކުގެ ތެރެއިން އެންމެ ފޯރިގަދަކޮށް ފެނުނު ށ.ކޮމަންޑޫ ދާއިރާގެ މަޖިލިސް އިންތިޚާބުން ޕީޕީއެމް ބަލިވި ނަމަވެސް އެ ޕާޓީން ވަނީި ސަރުކާރު ހިންގާ ކޯލިޝަނާ ވާދަކޮށް ރަނގަޅު ފައިޓެއް ދީފައެވެ. އަދި އޭގެ ފަހުން ބޭއްވި ޅ.ކުރެންދޫ ރަށު ކައުންސިލްގެ ރައީސްގެ ބައި އިލެކްޝަނާއި ކައުންސިލްތަކާއި އަންހެނުން ކޮމިޓީގެ ގިނަ ބައި އިލެކްޝަންތަކެއް ޕީޕީއެމުން ވަނީ ހޯދައިފައެވެ. މީގެ ތެރޭގައި އެމްޑީޕީގެ ތާއީދު ބޮޑު އައްޑޫ ސިޓީ ، ހިތަދޫގެ އަންހެނުންގެ ކޮމިޓީގެ ގޮނޑިއެއް ވެސް ހިމެނެއެވެ.
ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް:
ރައީސް ޔާމީނަށް 2019ވަނަ އަހަރުގެ ނޮވެމްބަރުމަަހުގެ 28ވަނަ ދުވަހު، ކްރިމިނަލް ކޯޓުން އިއްވެވި ފަސް އަހަރުގެ ޖަލު ޙުކުން އެ މަނިކުފާނު މިނިވަންވެޑައިގެން ހުންނެވުމުން، ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ސެނެޓުން ނިންމި ގޮތަށް، އެ މަނިކުފާނަށް ވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވައިފައެވެ.
އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވެސް، ރައީސް ޔާމީންގެ ސިޔާސީ ހަރަކާތްތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ގިނަ ސިޔާސީ ލީޑަރުންނާ ޚިލާފަށް ޓްވިޓަރ ބޭނުން ނުކުރައްވައި ހުންނެވުމަށް ފަހު، ރައީސް ޔާމީން މިދިޔަ އަހަރު ވަނީ، އެ އެޕް ރަސްމީކޮށް ބޭނުންކުރައްވަން ފައްޓަވައިފައެވެ. އަދި މިކަން ވެގެންދިޔައީ، ސަރުކާރަށް ރައީސް ޔާމީންގެ ބަހުގެ ހަމަލާތައް އިތުރުވެގެން ދިޔަ ކަމަކަށެވެ.
ކޮންމެއަކަސް، 2022ވަނަ އަހަރު ނިމިގެން ދިޔައީ އިދިކޮޅު ސަޕޯޓަރުންގެ ހިތްތައް ނުތަނަވަސް ކުރުވައިފައެވެ. ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގަތުމުން، އެމަނިކުފާނަށް ދެވަނަ ފަހަރަށް ވެރިކަން ލިބިދާނެ ކަމަށް އުއްމީދުކޮށްގެން ތިބި ރައްޔިތުން މާޔޫސް ކުރުވައިފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 25ވަނަ ދުވަހު ކްރިމިނަލް ކޯޓުން، އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވެވިއިރު، ރިޔާސީ ރޭހަށް ނިކުމެވަޑައިގަތުމަށް އެ މަނިކުފާނަށް ވަނީ ހުރަސްތަކާ ކުރިމަތިލާން ޖެހިފައެވެ. ކުރިއަށް އޮތް މަދު މަސްކޮޅެއްގެ ތެރޭގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމާއި ކެންޕޭންގެ ޙަރަކާތްތައް ފެށިގެންދާނެ އިރު ޕީޕީއެމްއަށް އޮތީ އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. އިސްތިއުނާފަށް ހުށަހަޅައި ހައިކޯޓްގެ މަރުޙަލާގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ.
އިދިކޮޅުގެ ރިޔާސީ ޓިކެޓު ކާކަށް؟
ރައީސް ޔާމީނަށް މަގު ބަންދުވެއްޖެ ނަމަ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބޭނެ ފަރާތަކާ މެދުގައި ސުވާލުތައް އުފެދިފައިވާ އިރު ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގައި، ވެރިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ މީހަކު ނެތުމަކީ ނާދިރު ކަމެކެވެ. މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުއާއި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދާއި، ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ފަދަ ނަންތަކާ ގުޅުވައި، ތުންތުން މަތިން އެކި ވާހަކަ ދެކެވުނަސް، ރަސްމީ ސިފައެއްގައި އަދި އެހެން ކެންޑިޑޭޓެއް، ޕީޕީއެމް-ޕީއެންސީގެ މެމްބަރުންނަކަށް ނުފެނެއެވެ. އިދިކޮޅުން ތަކުރާރުކޮށް ބުނަމުން ދަނީ، ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި، ހުރިހައި ވެސް ފޯކަސްއެއް އޮތީ ރައީސް ޔާމީން ޖަލުން ސަލާމަތްކޮށް ރިޔާސީ ރޭހަށް ނުކުތުމަށް ކަމަށެވެ.