ރިޕޯޓް

މިނިސްޓަރު ޝާހިދުގެ ސިޔާސީ ޙަޔާތް ކުރުކޮށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޢަބްދުﷲ ޝާހިދަކީ ދިވެހި ސަރުކާރާއި ޤާނޫނު ހަދާ މަޖިލީހުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައިފައިވާ، ކުޅަދާނަ ސިޔާސީ ބޭފުޅެއްގެ އިތުރުން ބޭރުގެ ފަރާތްތަކުގެ މެދުގައި މަޤްބޫލު, އަދި އިޙްތިރާމް ލިބިގެންވާ ޑިޕްލޮމެޓެކެވެ.

Ads by MWSC

2018ވަނަ އަހަރު މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް, ކެރިއަރުގައި ދެވަނަ ފަހަރަށް, ޝާހިދު އައްޔަން ކުރެއްވުމާ އެކު, ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު އަދި ބަސްވިކޭޭ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަލުން ބައްޓަންކުރެއްވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. އަދި މިހާރު ވެސް ގެންދަވަނީ އެ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން, ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަށް ޝާހިދު ކުރެއްވި މަސައްކަތްޕުޅަކީ ފާހަގަ ކޮށްލެވޭ މަސައްކަތްޕުޅެކެވެ.

އަދި 2023ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމުގެ ބިޑް ވެސް ރާއްޖެއިން ކާމިޔާބުކުރީ ޝާހިދުގެ އިސްނެންގެވުމުގެ ދަށުން ކުރި ބުރަ މަސައްކަތުންނެވެ. މި މުބާރާތް ވެގެންދާނީ ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ މަލްޓިސްޕޯޓް މުބާރާތަށެވެ.

ޖިންސުގެ ހަމަހަމަކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ހެޑްސްގެ މެދުގައި ޖިންސީ ހަމަހަމަކަން ހޯއްދެވުމުގެ އިތުރުން ގައުމުގެ ހާރިޖީ ހިދުމަތުގައި ވެސް ޖިންސީ ހަމަހަމަކަން ހޯއްދެވުމުގެ މޭސްތިރިޔާގެ ކްރެޑިޓް އެމަނިކުފާނަށް ލިބިވަޑައިގަންނަވައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކުދި ޖަޒީރާ، ތަރައްޤީވަމުން އަންނަ އަދި ފަގީރު، ޤައުމުތަކުގެ އިޤްތިޞާދާއި މުޖުތަމަޢުތަކަށް ކުރިމަތިވެފައިވާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ބައިނަލްއަޤްވާމީ މައިދާނުގައި އެންމެ އިސްކޮށް އަޑު އުފުއްލެވި އެއް ބޭފުޅަކީ ޝާހިދެވެ.

ފޮރިން ސަރވިސް އޮފިސަރެއްގެ ގޮތުގައި 1983ވަނަ އަހަރު، އޭ ލެވެލް ނިންމައިލުމަށް ފަހު މަސައްކަތް ކެރިއަރު ފެއްޓެވި ޝާހިދު ވަނީ ރޭންކުތަކުން ވަރަށް ހަލުވިކަމާ އެކު ކުރިއަރައިވަޑައިގެންފައެވެ.

1993ވަނަ އަހަރު ފޮރިން މިނިސްޓްރީގެ މަލްޓިލޭޓަރަލް ޑިޕާޓްމަންޓުގައި އިސްކޮށް ހުންނެވުމުގެ މަސްއޫލިއްޔަތާ އެކު އިންޓަނޭޝަނަލް އެފެއާޒްގެ ޑިރެކްޓަރުގެ މަގާމަށް ޕްރޮމޯޓްވެވަޑައިގަތެވެ. އަދި 1987ވަނަ އަހަރުން ފެށިގެން 1994ވަނަ އަހަރާ ހަމައަށް ޢާންމު މަޖިލީހުގެ ހުރިހާ ސެޝަނެއްގައި ބައިވެރިވެވަޑައިގެން، ކުދި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްސަލަ އދ.ގެ އެންމެ ކުރީ ސަފުގައި ގެނައުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވިއެވެ. އޭނާއަކީ 1992ވަނަ އަހަރު ރިއޯ ޑި ޖެނީރޯގައި ބޭއްވި އާތު ސަމިޓްގެ އިތުރުން, 1993ވަނަ އަހަރު ވިއެނާގައި ބޭއްވި ވޯލްޑް ކޮންފަރެންސް އޮން ހިއުމަން ރައިޓްސްގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ ރާއްޖެ ތަމްސީލް ކުރެއްވި ބޭފުޅާއެވެ.

ފޮރިންގް މިނިސްޓްރީގެ އިންޓަނޭޝަނަލް އޯގަނައިޒޭޝަންސް ޑިޕާޓްމަންޓްގެ ހެޑްގެ ހައިސިއްޔަތުން ޝާހިދު ވަނީ ކޮމަންވެލްތާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އަދި މޫވްމަންޓް އޮފް ނޮން-އެލައިންޑް ކަންޓްރީޒްގެ ގިނަ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލް ކުރައްވާފައެވެ.

އޭގެ އިތުރުން ޔޫގެންޑާގައި ކުރިޔަށް ދިޔަ ވިހިވަނަ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންއާއި ސެނެގާލްގައި ކުރިޔަށްދިޔަ އިސްލާމިކް ސަމިޓް ކޮންފަރެންސްގެ ހަވަނަ ސެޝަންގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ވެސް ޝާހިދެވެ.

1995ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެގްޒެކެޓިވް ސެކްރެޓަރީ (ޗީފް އޮފް ސްޓާފް)ގެ މަގާމަށް ޝާހިދު އައްޔަން ކުރެވުނެވެ. އެމަނިކުފާނު ވަނީ އެ މަޤާމު 10 އަހަރު ދުވަހު ފުރުއްވައިފައެވެ.

2005ވަނަ އަހަރު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމަށް ޝާހިދު ޢައްޔަން ކުރެއްވިއިރު، 2007ވަނަ އަހަރު ފުރަތަމަ ފަހަރަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް ޝާހިދު ވަނީ ޢައްޔަން ކުރައްވައިފައެވެ. ދެވަނަ ފަހަރަށް ފޮރިން މިނިސްޓަރު ކަމަށް ޝާހިދު އައްޔަން ކުރެއްވީ 2018ވަނަ އަހަރުއެވެ. އެއީ މި ހިނގާ ރައީސް ޞާލިޙްގެ ވެރިކަމުގައެވެ.

ސަރުކާރުގެ މަޤާމުތަކުގެ އިތުރުން ޝާހިދު ވަނީ ޤާނޫނު ހަދާ މަޖިލީހުގައި 25 އަހަރު ހޭދަކުރައްވައިފައެވެ. އެގޮތުން އެ މަނިކުފާނު ވަނީ 1994ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާ ހަމައަށް ޖެހިޖެހިގެން ފަސް ދައުރަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވައިފައެވެ.

2008ވަނަ އަހަރު އަލަށް އެކުލަވައިލި ޑިމޮކްރެޓިކް ޤާނޫނުއަސާސީ އާއި 2009ވަނަ އަހަރު ބޭއްވި ފުރަތަމަ މަލްޓިޕާޓީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު ޝާހިދު ވެގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހަތަރުވަނަ ދައުރުގައި، ތާރީޚުގައި ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުކުރެވުނު ފުރަތަމަ ރައީސަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދަވައި، ސިޔާސީ ހަލަބޮލި ދުވަސްވަރެއްގައި މަޖިލީހުގެ ރިޔާސަތު ވަނީ ބައްލަވާފައެވެ.

ޓަފްޓްސް ޔުނިވާސިޓީގެ ފްލެޗާ ސްކޫލް އޮފް ލޯ އެންޑް ޑިޕްލޮމަސީއިން އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފައިވާ ޝާހިދު ވަނީ ޔުނިވާސިޓީ އޮފް ކެންބަރާއިން ޕޮލިޓިކަލް ސައިންސް އެންޑް ގަވަމެންޓްގެ ދާއިރާއިން އަންޑަގްރެޖުއޭޓް ޑިގްރީ ހާސިލްކުރައްވައިފައެވެ.

އޭނާއަކީ މިދިޔަ ދައުރުގެ އެކުވެރި ދައުލަތުގެ އާއްމު މަޖިލީހުގެ ފަޚްރުވެރި ރައީސްކަން ކުރެއްވި ބޭފުޅާއެވެ.

ކެރިއަރުގައި ގިނަ މަޤާމުތަކެއް ފުރުއްވާފައިވާ އަބްދުﷲ ޝާހިދު ދެން ފެނިގެންދާނީ ކޮން މަޤާމަކުންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، މުހިންމީ މަޤާމުގެ ނަން ނޫން ކަމަށާއި ބޭނުންވަނީ ސިއްޙަތު ރަނގަޅަށް ހުރިހައި ދުވަހަކު ރައްޔިތުންނަށް ޚިދުމަތްކޮށްދިނުން ކަމަށެވެ.

"އަޅުގަނޑު ކުރި މަސައްކަތެއްކޮށްފައި އޮންނާނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި، އަޅުގަނޑުގެ މުޅި އުންމީދަކީ، އެންމެ ކުޑައިރުއްސުރެ މުޅި އުންމީދަކީ ރައްޔިތުންނަށް ޚިދުމަތް ކުރުންމަތީ ދެމިހުރުން. އަދި މިމަސައްކަތް ކުރަމުން ގެންދާއިރު، އަބަދުވެސް އަޅުގަނޑުގެ ހިތުގައި އޮންނަ އަޒުމެއް އެއީ، މުހިންމީ އެ އިރަކު ހުންނަ މަޤާމުގެ ނަމެއް ނޫނޭ. ކޮށްދެވޭ ޚިދުމަތެކޭ" އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!