ޝާހިދު އަމާޒު ހުރީ ދިވެހިރާއްޖެއަކީ ކުދި ޤައުމުތަކުގެ އެންމެ އިސް ލީޑަރަކަށް ހެދުމަށް
"ދިވެހިރާއްޖެ ކުދި ޤައުމުތަކުގެ އެންމެ އިސް ލީޑަރެއް ކަމުގައިވުމާއި، ދިވެހި ރާއްޖެއަކީ އެ ހިސާބަށްދާއިރު, ﷲގެ އިރާދަފުޅާ އެކު މިހާރު ކުރަމުން މިދާ މަސައްކަތްތަކާ އެކު، ކުޑަ ޤައުމެކޭ ބުނުމުގެ ފުރުސަތު ނެތުން." މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދުއާ، އެމަނިކުފާނު ރާއްޖެއާ މެދު ގެންގުޅުއްވާ ތަސައްވުރާ ގުޅޭގޮތުން ސުވާލުކޮށްލުމުން ދިނީ ވަރަށް ފުރިހަމަ ޖަވާބެކެވެ.
"ދެން"އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އަބްދުﷲ ޝާހިދުވަނީ އދގެ 76ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމާއި ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގައި ލިބުނު ކުރިއެރުންތަކާއި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.
އަބްދުﷲ ޝާހިދުގެ ރިޔާސަތުގައި މިދިޔަ 365 ދުވަހުގެ ތެރޭ އދ. ގެ އާންމު މަޖިލީހުގެ 103 ރަސްމީ ބައްދަލުވުމެއް ބާއްވައި 307 ގަރާރެއް ފާސްކޮށްފައިވެއެވެ. އޭގެ އިތުރުން، 28 ނުރަސްމީ ބައްދަލުވުމެއް ބާއްވައިފައިވާއިރު. މަތިީ ފަންތީގެ 15 ބައްދަލުވުމަކާއި، 140 ނިންމުމެއް ވަނީ ބަލައިގެންފައެވެ. މި މަޤާމު ފުރުއްވައިފައި ވަނީ 2021 ވަނަ އަހަރު ސެޕްޓެންބަރުން ފެށިގެން މިދިޔަ އަހަރު ސެޕްޓެންބަރުގެ ނިޔަލަށެވެ.
އެ ދައުރުގައި ކުރެއްވި އެންމެ ހިތްހަމަ ޖެހޭ ކަމަކީ ކޮބާތޯ ސުވާލު ކުރުމުން، އުއްމީދީ ރިޔާސަތުގެ ގޮތުގައި ކެންޕެއިން ކުރައްވާ އެކަން ހާސިލްވެފައިވާ ކަމަށް ވިދާޅުވެ، ރިޔާސަތުގައި އިންނަވާ ކުރިމަތި ލެއްވި ގޮންޖެހުންތައް ހިއްސާ ކުރެއްވިއެވެ.
"އދ. އަށް މިދިޔަ 40 އަހަރުގެ ތެރޭގައި ދިމާވި އެންމެ ބޮޑު ކްރައިސިސް ދިމާވި. އެއީ, ރަޝިއާ; އދގެ ސަލާމަތީ މަޖިލީހުގެ އެއް ޕާނަނެޓް މެންބަރު, އދ މަޖިލީހުގެ އެހެން މެންބަރެއްގެ ސަރަހައްދަށް އަރައިގަތީ. އެ ހަނގުރާމަައިގެ ސަބަބުން އައި ލޮޅުމަށް އެޑްރެސް ކުރެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް" އދގެ ރައީސްގެ ހައިސިއްޔަތުން ކުރެވުނު އެންމެ ހިތްހަމަ ޖެހޭ ކަމަކީ ކޮބައިތޯ ކުރި ސުވާލުގެ ޖަވާބުގައި ޝާހިދު ވިދާޅުވީ އެފަދަ ހަލަބޮލި ދުވަސް ވަރެއްގައި އޮމާންކަމާ އެކު މަޖިލީހުގެ ކަންކަން ގެންދެވުނު ކަމީ ހިތްހަމަ ޖެހުން ލިބިދިން ކަމެއް ކަމަށެވެ.
ޝާހިދަށް ލިބުނު ބޮޑު ތާއީދުގެ ޝުކުރު އަދާކުރެއްވީ ރައީސް ޞާލިޙަށް
އާންމު މަޖިލީހުގެ ރައީސް ހޮވުމަށް އދ.ގެ 193 މެމްބަރު ގައުމުތަކުގެ މެދުގައި ނެގި ސިއްރު ވޯޓުގައި ޝާހިދު އިންތިހާބުކުރީ 143 ގައުމެއްގެ ތާއިދާއެކުއެވެ.
"ތިން ބައިކުޅަ ދެ އަކަށް ވުރެ ވެސް ބޮޑުކޮށް ދިވެހިރާއްޖޭގެ ކެނޑިޑޭޗާ ބަލައިގަތީ. އެއީ ދިވެހި ރާއްޖެއިން 2018ވަނަ އަހަރުން ފެށިގެން, ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތުމަށް ފަހު, ޚާރިޖީ ސިޔާތަށް ގެންނެވި ބަދަލުތަކުގެ ސަބަބުން. އަދި މިކަމުން ދޭހަވަނީ ރާއްޖޭގެ އެތެރޭގެ ހިންގުތަކަށް ގެންނެވި ބަދަލުތައް ބައިނަލްއަޤްވާމީ މުޖުތަމައުން ބަލައިގަތްކަން" އަބްދުﷲ ޝާހިދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ގެންގުޅުއްވި ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖެ ބިކަވެފައި އޮއްވާ ޚާރިޖީ ސިޔާސަތުތައް ރައީސް ޞާލިޙް އަލުން އެކުލަވައިލެއްވި ކަމަށެވެ.
މިއީ ބައިނަލްއަޤްވާމީ ގޮތުން މުޅިން އެކަހެރިވެ, ބިކަވެފައި އޮއްވާ, އަލުން އަނބުރާ ބައިނަލް އަޤްވާމީ މުޖުތަމައަށް ރާއްޖެ ގެންދިއުމަށް ރައީސް ޞާލިޙް ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާ
އދގެ ރައީސްކަމަށާއި ރާއްޖޭގެ ފޮރިން މިނިސްޓަރުކަން އެއްފަހަރާ ކުރައްވާތީ އަމާޒުވި ފާޑު ކިޔުންތަކަށް ޝާހިދު ވަނީ ރައްދު ދެއްވައިފައެވެ.
މިގޮތުން ވިދާޅުވީ، އެ މަނިކުފާނަކީ ޤައުމެއްގެ ޚާރިޖީ ވަޒީރުކަމަށާއި އާއްމު މަޖިލީހުގެ ރައީސްކަން އެއްފަހަރާ ކުރެއްވި ފުރަތަމަ ބޭފުޅާ ނޫން ކަމަށެވެ. އަދި 1988ވަނަ އަހަރު ފުރަތަމަ ފަހަރަށް އދގެ އާއްމު މަޖިލީހަށް ވަޑައިގަތް ދުވަހު އެތަނުގައި އާޖެންޓީނާގެ ފޮރިން މިނިސްޓަރު، އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންނެވި ކަމަށް ވިދާޅުވެ، މާޒީން އެ ދުވަސް ވިދާޅުވެދެއްވިއެވެ.
ޝާހިދު ވިދާޅުވީ، ނިއުޔޯކްގައި މަޤާމު ފުުރުއްވަން ހުރި ދުވަސްވަރު ވެސް ރާއްޖޭގެ މިނިސްޓްރީން ކުރައްވަން ޖެހޭ ކަންކަން ބަރާބަރަށް ކުރައްވަމުން ގެންދެވި ކަމަށެވެ.
"އާއްމު މަޖިލީހުގެ ރައީސްކަން ކުރި އެއް އަހަރުގެ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ މިނިސްޓްރީގައި ހިނގި ހުރިހާ ކަމެއް އަޅުގަނޑަށް އެނގިގެން ހިނގައިފައި ހުރީ. އެއީ ކޮންމެ ދުވަހަކު ހެނދުނު އަޅުގަނޑު ނިއު ޔޯކްގައި ހޭލާއިރު, އަޅުގަނޑަށް އެދުވަހުގެ ބްރީފް ލިބިފައި އޮވޭ," ޝާހިދު ވިދާޅުވީ، ފޮރިން މިނިސްޓްރީއަކީ ތަރުތީބު ކުރެވިގެން ވަކި އުސޫލެއްގެ ތެރެއިން ހިނގާ މިނިސްޓްރީއެއް ކަމަށާއި ރަނގަޅު ނިޒާމެއްގެ ތެރެއިން ކަންކަން ކުރިޔަށް ދާނެ މަގަކާއި ޚައިރާކީއެއް މިނިސްޓްރީގައި އޮންނާނެ ކަމަށެވެ.
އަޅުގަނޑާއެކުގައި މަސައްކަތް ކުރައްވާ މުވައްޒިފުންނަށް, ސްޓޭޓް މިނިސްޓަރުންނާ ހަމައިން ފެށިގެން, އެ ބޭފުޅެއްގެ ޒިންމާ އަދާކުރެއްވުމުގައި, ނިންމަވަންޖެހޭ ނިންމެވުންތައް ނިންމެވުމުގައި ފުރިހަމަ ބާރާއި އިޚްތިޔާރު އަރުވާފައި އޮންނާނީ, އަދި އަޅުގަނޑާ ހަމައަށް ނިންމުންތައް އަންނާނެ ނިޒާމެއް ޤާއިމް ކުރެވިފައި އޮންނާނެ.
ނިއުޔޯކާއި ރާއްޖެއާ ދެމެދު ނުވަ ގަޑިއިރުގެ ތަފާތެއް ހުންނާތީ ދުވަހުގެ ތާވަލާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ، "ޤައުމީ ޚިދުމަތުގައި މަސައްކަތް ކުރާއިރު, ބައެއް ފަހަރު މަދުން ނިދާލައިގެން ވެސް މަސައްކަތް ކުރަން ޖެހޭ" ކަމަސެވެ.
ހިލޭ އިސްތިހާރެއް؛ އިންވެސްޓެމެންޓްތަކަށް މަގުފަހިވޭ
އދގެ އާއްމު މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ދުވަސްވަރު ރާއްޖެއަށް ލިބުނީ ކޮން ފައިދާއެއްތޯ އެއްސެވުމުން ޝާހިދު ދެއްވީ ވަރަށް ސީދާ ޖަވާބެވެ. ވިދާޅުވިީ އެއީ ހިލޭ އިޝްތިހާރެއް ކަމަށެވެ.
"ރާއްޖެއަކީ ކޮބައިކަން އދގެ މަޖިލީހުގައި ބައިވެރިވާ ކޮންމެ މީިހަކަށް ފެނިގެންދޭ, އިސް އުފުލާ ބަލާލުމުން ރިޔާސަތުގައި މި ހުންނަނީ ދިވެހިރާއްޖެ, ދިވެއްސެއް. ހަމައެކަނި ފަޚްރެއް ނޫން, އެއީ ކަންކަމަށް މަގު ފަހިވެގެންދާ ކަމެއް ވެސްމެ. އަޅުގަނޑުމެންނަކީ ޓޫރިޒަމަށް ބަރޯސާ ވެގެންތިބި ޤައުމެއް. އަޅުގަނޑުމެންނަށް ރާއްޖެ އިސްތިހާރު ކުރަން އެތައް މިލިޔަނެއް އެބަ ޚަރަދު ކުރަން ޖެހޭ. އެކަމަކު އެތައް މިލިޔަން ޚަރަދު ނުކޮށް އަޅުގަނޑުމެންނަށް އިސްތިހާރުގެ ފުރުސަތު ލިބިގެން ދިޔައީ" ޝާހިދު ވިދާޅުވީ، އެ މަޤާމުގެ ސަބަބުން ރާއްޖޭގެ ޕްރެފައިލް އުފުލިގެންދިޔަ ކަމަށާއި އެކަމުގެ ސަބަބުން ދިވެހި ރާއްޖެއަށް އިންވެސްޓަރުން ލިބުމާއި, ދިވެހި ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވުމާއި މިހެން ގޮސް ވަރަށް ގިނަ ކަންކަމަށް މަގުފަހިވެގެން ދިޔަ ކަމަށެވެ.
އދ.ގެ ރައީސް ކަމުގައި ހުރެ އަޅުގަނޑު 35 ޤައުމަކަށް ޒިޔާރަތް ކުރިން. އެއިން ކޮންމެ ޤައުމަކަށް ޒިޔާރަތް ކުރުމުން އެ ޤައުމުގެ އެންމެ އިސްވެރިންއިން ފެށިގެން އެ ޤައުމެއްގެ މީޑިއާއާ ހަަމައަށް އަޅުގަނޑަށް ގެންގޮސްދެވޭ މެސެޖް; ކުޑަ ޖަޒީރާ ޤައުމަކަށް ނިސްބަތްވާ އދގެ މަޖިލީހުގެ ރައީސް އެބަ އުޅެއޭ އައިސް
މިދިޔަ އަހަރު ރާއްޖޭގެ ޚާރިޖިއްޔާއަށް 90 އަހަރު ފުރުން ވަނީ ފާހަގަކޮށްފައެވެ. އެއާ އެކު ޚާރިޖީ މިނިސްޓްރީ ވަނީ 2033ވަނަ އަހަރަށް ލަނޑުދަނޑިތަކެއް ކަނޑައަޅައިފައެވެ. އެއީ ދިވެހި ޚާރިޖިއްޔާއަށް ގަރުނެއްވާ އަހަރެވެ.
މިނިސްޓަރު ޝާހިދު އުންމީދު ކުރައްވަނީ އެ ދުވަހުން، ބައިނަލްއަޤްވާމީ މައިދާނުގައި އެންމެ އިސް ސަފުގައި ބަސް ބުނާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ވާނެ ކަމަށެވެ. އަަދި އދގެ ސަލާމަތީ މަޖިލީހުގައި ރާއްޖެ ތަމްސީލް ވެގެންދާނެ ކަމަށް ވެސް އުންމީދު ކުރައްވައެވެ.
ޚާރިޖިއްޔާއިން މިދިޔަ އަހަރުތަކުގެ ތެރޭގައި ގިނަ ކަންތައްތަކެއް ވަނީކޮށްފައެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ދަތުރުފަތުގެ ޚިދުމަތް ދިވެހިންނަށް ފަސޭހަ ކުރުމުގެ ގޮތުން ކުރި މަސައްކަތެވެ.
މިހާރު88 ޤައުމަށް ދިވެހި ރާއްޖޭގެ ޕާސްޕޯޓާއެކު ކުރިން ވިސާ ނުލާ ދަތުރުކުރެވެއެވެ. އޭގެތެރޭގައި ރަޝިއާ، ޗައިނާ ފަދަ ބޮޑެތި ޤައުމުތައް ވެސް ހިމެނެއެވެ.
"އަޅުގަނޑު ގަސްދެއް ނުކުރަން އެ ހިސާބުން އެކަން ނިންމާކަށް, އަޅުގަނޑު ގަސްދުކުރަނީ ކުރިޔަށް ގެންގޮސް ދުނިޔޭގެ ނިސްބަތުން އެންމެ ވަރުގަދަ އެއް ޕާސްޕޯޓަށް ދިވެހި ރާއްޖޭގެ ޕާސްޕޯޓް ހެދުން" އަބްދުﷲ ޝާހިދުގެ އުންމީދު ވިދާޅުވެ ދެއްވަމުން ވިދާޅުވިއެވެ.
މި ސަރަހައްދުގައި އެންމެ ބާރުވެރި, އަދި ޤަދަރުވެރި ޕާސްޕޯޓަކީ ދިވެހި ރާއްޖޭގެ ޕާސްޕޯޓް
އދގެ ރައީސްގެ ހައިސިއްޔަތުން އދގައި ހޭދަކުރި އެއް އަހަރުގައި އަބްދުﷲ ޝާހިދު ކުރެއްވީ ޝުކުރު ޙައްޤު މަސައްކަތްޕުޅެކެވެ. ނަމޫނާ މަސައްކަތްޕުޅެކެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރެއްގެ ހައިސިއްޔަތުން ކުރަމުންދާ މަސައްކަތްޕުޅުތައް ވެސް ހަމަ އެފަދައެވެ.