ރިޕޯޓް

ވިހިބާވީސް: އިންޑިއާ-ރާއްޖެ ގުޅުން އެހެން ހަރުފަތަކަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަވައްޓެރި ޤައުމެއްގެ ގޮތުގައި އިންޑިއާއިން އަބަދުވެސް ދަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މެންޕަވަރއާއި އިންފްރާސްޓްރަކްޗަރގައެވެ. ކުދި އަދި ބޮޑެތި އެހީތަކެވެ. ނަމަވެސް މިދިޔަ އަހަރު ވެގެން ގޮސްފައި ވަނީ އިންޑިއާ-ރާއްޖެ ގުޅުމަށް ޚާއްސަ އަހަރެކެވެ. އިދިކޮޅުން ގޮވަމުން އައި "އިންޑިއާ އައުޓް"، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހުއްޓުވައި، ސަރުކާރުގެ މައި ބައިވެރިޔަކަށް އޮތް އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކޮށްދިން އަހަރަކަށެވެ.

Ads by STELCO

ޖައި ޝަންކަރުގެ ދަތުރުފުޅު

2022ވަނަ އަހަރު މާރިޗް މަހުގެ ތެރޭގައި އިންޑިއާ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ ސުބްރަމާނިއަމް ޖަޔަޝަންކަރް ރާއްޖެއަށް މިނިސްޓަރުގެ ހައިސިއްތުން ތިންވަނަ ފަހަރަށް ވަނީ ދަތުރުފުޅު ކުރައްވައިފައެވެ. އެއީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

އެ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ދިން 30 މިލިއަން ޑޮލަރުގެ ހިލޭ އެހީއާ އެކު އައްޑޫގައި އެޅުނު ޕޮލިސް އެކަޑަމީ ރަސްމީކޮށް ހުޅުވިގެންދިޔައެވެ. އޭގެ އިތުރުން ބައެއް އެއްބަސްވުންތަކުގައި ސޮއި ކުރެވިގެންދިޔައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އާއި، އިންޑިއާގެ ނޭޝަނަލް އިންފޮމެޓިކްސް ސެންޓަރާ (އެން.އައި.ސީ) ދެމެދު ސޮއިކުރި ޕިއަރިން އެގްރިމެންޓް ހިމެނެއެވެ. އެއީ އެ ދެ މުއައްސަސާގެ މެދުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ.

އޭގެ އިތުރުން ގުޅުން ބަދަހިކުރުމާއި، މީހުން ބިނާކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ބެހޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި އިންޑިއާގެ ސަރްދާރް ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީއާ ދެމެދު އެމްއޯޔޫއެއްގައި ވެސް ސޮއިކޮށްފައިވެއެވެ.

އައްޑޫގައި މިހައިތަނަށް ހިންގޭ މަގުހެދުމުގެ އެންމެ ބިޔަ މަޝްރޫއު ވެސް ޖަޔަޝަންކަރްގެ މި ދަތުރުފުޅުގައި ފެށިގެން ދިޔައެވެ. ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވި މި މަޝްރޫޢަކީ ޖުމްލަ 1.1 ބިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢު ކުރިޔަށްގެންދަނީ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އައްޑޫ ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގެ ފެން ހިންދާ ނިޒާމު ޤާއިމުކުރެވޭނެއެވެ. އެގޮތުން މި މަޝްރޫޢުގައި މުޅި އައްޑޫ ސިޓީގައި 103 ކިލޯމީޓަރުގެ ސްޓޯމް ވޯޓަރ ޑްރެއިނޭޖް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ މަގުހެދުމުގެ މަސައްކަތުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގައި 40 ކިލޯމީޓަރުގެ މަގު ތާރު އަޅައިގެންނާއި ގައު އަޅައިގެން ތަރައްޤީކުރެވޭނެއެވެ. އަދި ގާތްގަޑަކަށް 67 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓިބިލައިޒްޑް ބޭސް ލޭޔަރ އެޅުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ހަންކެޑަ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކްރޯޑުގެ ހުޅަނގުން ހަންކެޑައަށް ނާރާގޮތަށް ، ހިތަދޫ ގައުކެޑިއާ މަރަދޫ ގުޅައިލުމަށް ޓަކައި 1.4 ކިލޯ މީޓަރުގެ 4 ލޭނުގެ އައު ލިންކްރޯޑެއް ހެދުން ވެސް ހިމެނެއެވެ.

ހިލޭ އެހީގެ ދަށުން ހަތް ރަށެއްގައި މަޝްރޫއުތަކެއް

އައްޑޫއާ އެކު އިތުރު ހަ ރަށެއްގައި އިންޑިއާ ސަރުކާރުން ހިންގާ އައު މަޝްރޫއުތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއާ ސަލާންކުރައްވަނީ

ޖަޔަޝަންކަރްގެ ދަތުރުފުޅުގައި ރާއްޖޭގައި ހިލޭ އެހީގެ ގޮތުގައި ކުރިޔަށް ގެންދާ އިތުރު ހަތް މަޝްރޫއެއްގައި ސޮއި ކުރެވުނެވެ. އެ މަޝްރޫއުތަކަށް ގާތްގަނޑަކަށް 1.7 މިލިއަން ޑޮލަރު (27 މިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް ބެލެވެއެވެ.

  • އދ. ދިގުރަށާއި ގއ. ގެމަނަފުށީގައި ޔޫތު ސެންޓަރެއް ހެދުން.
  • ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސްޕީޗް ތެރަޕީ ޔުނިޓެއް ހެދުން.
  • ހުޅުމާލޭ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗަކުރުމަށް ވޯކްޝޮޕެއް ހެދުން.
  • އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރެއް ހެދުން.
  • ނ. މަނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުން.
  • ނ. ލަންދުއާއި ތ. ދިޔަމިގިލީގައި ހުރި އާސާރީ ބައެއް ތަންތަން މަރާމާތުކޮށް، ރައްކާތެރިކުރުން.

އެ މަޝްރުއޫތައް ހިންގާނީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުންނެވެ. އެ ސްކީމްގެ ދަށުން މިހާރު ވެސް އެކި ރަށްރަށުގައި އިންޑިއާއިން އަންނަނީ 27 މަޝްރޫޢެއް ހިންގަމުންނެވެ. އޭގެ ތެރެއިން އަށް މަޝްރޫއެއް ވަނީ ނިމިފައެވެ.

އިންޑިއާ ސަރުކާރުން ހިންގަން ހަމަޖެހިފައިވާ އެ މަޝްރޫއުތައް އިއުލާންކުރެއްވީ މިދިޔަ މަހު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.

ރައީސް ޞާލިޙް އިންޑިއާއަށް

އިންޑިއާއާ ރާއްޖެ އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަ ވެގެން ދިޔައީ 2022ވަނަ އަހަރު އޯގަސްޓް މަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުން ބަދަހި ކުރުމާ ގުޅޭ ތަފާތު 6 އެއްބަސްވުމެއް ބަދަލުކުރެވުނެވެ.

  • އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި (ޑަބްލިއުޑީސީތަކާއި) ކައުންސިލްތަކަށް ތަމްރީނުދިނުމުގެ އެމްއޯޔޫ - މި އެމްއޯޔޫގެ ދަށުން ޑަބްލިއުޑީސީތަކާއި ކައުންސިލްތައް ތަމްރީނު ދީ އެ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރެވޭނެ
  • ސައިބާ ސެކިއުރިޓީއާ ގުޅޭ އެމްއޯޔޫ - ސައިބާ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ދެ ގައުމުގެ ދެމެދު ބަދަލުކުރެވިގެންދާނެ
  • ޕޮޓެންޝަލް ފިޝިން ފޯކާސްޓް ކެޕޭސިޓީ އިތުރުކުރުމާ ގުޅޭ އެމްއޯޔޫ: މަސްވެރިކަން ކުރެވޭނެ ސަރަހައްދުތައް ދެނެގަތުމުގެ ގާބިލުކަން އިތުރުކޮށް، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރެވޭނެ
  • ޑިޒާސްޓާ މެނޭޖްމެންޓާ ގުޅޭ އެމްއޯޔޫ - މި އެމްއޯޔޫގެ ދަށުން ކުރިމަތިވާ ކާރިސާތަކުގައި ކުއްލި ހާލަތުގައި ދިމާވާ ކަންކަން މެނޭޖުކުރުމުގެ ދާއިރާއިން ދެ ގައުމު ގުޅިގެން މަސައްކަތްކުރާނެ
  • ފުލުހުންގެ އުމްރަނީ ތަރައްގީއާ ގުޅޭ އެމްއޯޔޫ - ފުލުހުންނާއި އާއްމުންނާ ދެމެދު އޮތް ގުޅުން ބަދަހިވެ، މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށް އެހީތެރިވެދޭނެ؛ މި މަޝްރޫއަށް އިންޑިއާއިން ވަނީ 41 މިލިއަން ޑޮލަރު (663.5 މިލިއަން ރުފިޔާ)ގެ ލޯނެއް ހަމަޖައްސައިދީފައި
  • މާލެ ސަރަހައްދުގައި އިތުރު 2،000 ސޯޝަލް ހައުސިން ޔުނިޓު އެޅުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އެމްއޯޔޫ - އިންޑިއާއިން 119 މިލިއަން ޑޮލަރު (1.84 ބިލިއަން ރުފިޔާ)ގެ ލޯނެއް ދިނުމަށް ވަނީ ހަމަޖެހިފައި

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައިފައެވެ. ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ، މާލެއާއި ވިިލިމާލެ، ވިލިމާލެ އާއި ގުޅީފަޅު، އަދި ގުޅީފަޅާއި ތިލަފުށި ބްރިޖްތަކަކުން ގުޅައިލުމާއި، މިބްރިޖްތަކާއި ގުޅޭ، މަގުތައް ހެދުމެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.

އޭގެ އިތުރުން އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް މީގެ ކުރިން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަށް އިތުރު 100 މިލިއަން ޑޮލަރު ވަނީ އިތުރުކޮށްދެއްވައިފައެވެ. އެއީ ރާއްޖޭގެ އެކި ރަށްރަށުގައި ކުރިޔަށްދާ ތަރައްޤީގެ މަޝްރޫއުތަކަށް މީގެ ކުރިން ދީފައިވާ ލައިން އޮފް ކްރެޑިޓްއެކެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި އިތުރު 2،000 ސޯޝަލް ހައުސިން ޔުނިޓު އަޅަން 119 މިލިއަން ޑޮލަރު (1.84 ބިލިއަން ރުފިޔާ)ގެ ލޯނެއް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ ދީފައެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މިހާރު ވެސް މާލޭގައި 4،000 ހައުސިންގ ޔުނިޓްގެ އިމާރާތް ދަނީ ކުރެވެމުންނެވެ.

ބަޖެޓް ސަޕޯޓް

ދިވެހި ސަރުކާރުން އެދިގެން އިންޑިއާއިން ބަޖެޓު ސަޕޯޓުގެ ގޮތުގައި 100 މިލިއަން ޑޮލަރު (1.53 ބިލިއަން ރުފިޔާ) ހަމަޖައްސައިދީފައި ވަނީ މިދިޔަ ނޮވެންބަރު މަހު 29ވަނަ ދުވަހުގައެވެ.

ބަޖެޓް ސަޕޯޓްގެ ގޮތުގައި މި އަދަދު ދީފައި ވަނީ އެސްބީއައި މެދުވެރިިކޮށް ރާއްޖޭގެ ޓްރެޝަރީ ބޮންޑެއްގައި އިންވެސްޓްކޮށްގެންނެވެ. އިންޑިއާ ސަރުކާރުން ވަނީ އެސްބީއައިއަށް ސޮވެރިން ގެރެންޓީއެއް ދީފައެވެ. މީގެ އިތުރުން 2019ވަނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ވެސް އިންޑިއާއިން ވަނީ ރާއްޖެއަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 50 މިލިޔަން ރުފިޔާގެ ލޯނެއް ދީފައެވެ.

ކަރަންސީ ސްވަޕް

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކުރުމަށް އިންޑިއާގެ މަރުކަޒީ ބޭންކުން 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ރާއްޖޭގެ މަރުކަޒީ ބޭންކަށް 8 ޑިސެންބަރު 2022ގައި ވަނީ ހަމަޖައްސައިދީފައެވެ. އެއީ ކުރު މުއްދަތުގައި ރާއްޖެއަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެ ގޮތް ހެދުމަށް ފަހިކޮށްދިން ފުރުސަތެކެވެ. އެ ފުރުސަތުގެ ދަށުން 200 މިލިއަން ޑޮލަރާ ހަމައަށް އެކި ފަހަރު މަތިން ފައިސާ ނެގުމުގެ އިހުތިޔާރު އެމްއެމްއޭއަށް ލިބޭނެއެވެ.

ކަރަންސީ ސްވޮޕަކީ އެ ގައުމެއްގެ އަމިއްލަ ފައިސާ އެހެން ގައުމެއްގެ މަރުކަޒީ ބޭންކުގައި ބެހެއްޓުމަށް ފަހު އެ އަދަދަށްވާ ވަރަށް ބޭރު ފައިސާ ނެގޭ ގޮތަށް ދޫކުރާ ފެސިލިޓީއެކެވެ. މި ފަދަ ފެސިލިޓީތަކުގައި ވެސް އިންޓަރެސްޓް ދައްކަން ޖެހޭނެއެވެ. އެހެން ނަމަވެސް އެއީ އާންމުކޮށް ނަގާ ލޯނު ފަދަ ދަރަންޏަށް ވުރެ ކުޑަ އިންޓަރެސްޓް ރޭޓެކެވެ.

އިންޑިއާއިން ރާއްޖެއަށް އެންމެ ފަހުން ކަރަންސީ ސްވޮޕެއް ދިނީ ޑިސެމްބަރު 2020ގައި، 250 މިލިއަން ޑޮލަރެވެ. އެ ސްވޮޕުގެ މުއްދަތު މިދިޔަ އަހަރުގެ ޖުލައި މަހު ހަ މަސްދުވަހަށް އިތުރުކުރުމަށް ފަހު، މި އަހަރުގެ ކުރީކޮޅު ވަނީ އެ ސްވޮޕަށް ފައިސާ ދައްކައި ނިންމައިފައެވެ.

ހާހަކަށް ވުރެ ގިނަ މީހުން އިންޑިއާއިން ތަމްރީންވި

ރާއްޖެއާއި އިންޑިއާއާ ދެމެދު މީހުން ބިނާކުރުމާއި ތަމްރީންތައް ފުރިހަމަ ކުރުމަށް ސޮއިކުރެވުނު އެމްއޯޔޫތަކުގެ ދަށުން އެ ޤައުމުގެ ހިލޭ އެހީގައި ރާއްޖެއިން ހާހަކަށް ވުރެ ގިނަ މުވައްޒިފުން ވަނީ ތަމްރީންވެފައެވެ. މިގޮތުން އިންޑިއާއަށް ގޮސް 914 މީހުން ތަމްރީންތަކުގައި ބައިވެރިވެފައިވާ އިރު، 224 މީހުން ވާޗުއަލްކޮށް ތަމްރީންތައް ވަނީ ފުރިހަމަކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ޕްރޮގްރާމްގައި ބައިވެރިވުމަށް އެ ޤައުމަށްދިޔަ 70 މީހުންނާއި އޮންލައިންކޮށް ތަމްރީން ފުރިހަމަކުރި 200 މީހުންނެވެ. އޭގެ އިތުރުން އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯރ ގުޑް ގަވާނެންސްގެ ތަމްރީން ވަނީ 364 ސިވިލް ސާވެންޓުން ފުރިހަމަކޮށްފައެވެ. އަދި މޯލްޑިވްސް ކަސްޓަމްސްގެ 140 މުވައްޒިފުންނާއި ޖުޑީޝަރީ ދާއިރާގެ 50 މީހަކު ވަނީ ތަމްރީންތައް ފުރިހަމަކޮށްފައެވެ. އޭގެ އިތުރުން 16 ކައުންސިލަރުންނާއި 3 އެސްޖީން ވެސް އިންޑިއާއިން ވަނީ ތަމްރީންތައް ފުރިހަމަ ކުރައްވައިފައެވެ.

ނިމުނު މަޝްރޫއުތައް

އިންޑިއާގެ ހިލޭ އެހީގެ ތެރެއިން މިދިޔަ އަހަރު ނިންމައިލެވުނު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ވިލުނު ހެލްތު ސެންޓަރާއި މީދޫ އިކޯ ޓޫރިޒަމް ޒޯނާއި، މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލިވުމާއި، އައްޑޫގައި ހުޅުވި ޕޮލިސް އެކަޑަމީއެވެ. އޭގެ އިތުރުން ބ.ދަރަވަންދޫގެ އެމެޖެންސީ އެންޑް ޓްރާމާ ޔުނިޓާއި ގދ. ފަރެސްމާތޮޑާގައި ހުޅުވި ބީޗްގެ މަސައްކަތް ނިންމައިލައިފައި ވަނީ ވެސް މިދިޔަ އަހަރުގެ ތެރޭގައެވެ.

ރާއްޖޭގެ ކްރިކެޓް ދާއިރާ ކުރިއެރުވުމަށް 1 މިލިޔަން ރުފިޔާގެ ކްރިކެޓް އިކިއުޕްމެންޓް ހަވާލުކުރެވިފައި ވަނީ ވެސް މިދިޔަ އަހަރުގެ ތެރޭގައެވެ.
ޑިފެންސްގެ ދާއިރާއަށް ބަލާއިރު، މިދިޔަ އަހަރު އިންޑިއާއިން ވަނީ 2800ކިލޯގެ މެޑިކަލް އިކިއުޕްމެންޓްސް ޓު އެމްއެންޑީއެފްގެ ހޮސްޕިޓަލް ސެނަހިޔާއަށް ހަދިޔާކޮށްފައެވެ. އޭގެ އިތުރުން ކޮންޕްސައިޓް ޓްރައިނިން ސެންޓަރ ފޭސް 1 ވަނީ މިދިޔަ އަހަރުގެ ތެރޭގައި ނިންމައިލައިފައެވެ. އޭގެ އިތުރުން ކަރެކްޝަންސްއަށާއި އެމްއެންޑީއެފްއަށް ލޯންޗް އަދި ވެހިކަލް ފޯރުކޮށްދީ، ކޯސްޓްގާޑް ހުރަވީ މަރާމާތުކޮށްފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ،

ރައީސް ޞާލިޙްގެ ތައުރީފް އިންޑިއާއަށް

އިންޑިއާއާ އެކު ރާއްޖެއިން ބާއްވަމުން އައި ގުޅުން ހީނަރުވެފައި އޮތުމަށް ފަހު، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ރައީސް ޞާލިޙް ވެސް ވިދާޅުވީ މިހެންނެވެ.

"އިންޑިއާއިން ރާއްޖެއަށް ވެދެމުންދާ އެހީތަކަކީ، ސީދާ ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއަށް އަބަދުވެސް ވެދެމުންގެންދާ އެހީތަކެއް. މިކަމުގެ ސާފު ހެކިތައް މިއަދު ވެސް އެ ހުރީ އަޅުގަނޑުމެންނަށް މި ރާއްޖެއިން ފެންނަން." ނޭޝަނަލް ޕޮލިސް އެކަޑަމީ ހުޅުވައިދެއްވަމުން ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ބަލައިލި ކޮންމެ ދިމާއަކުން ވެސް ފެންނަމުންދަނީ އިންޑިއާގެ ޕްރޮޖެކްޓްތައް ކަމަށެވެ.
"އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ކަމަށްވިޔަސް، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް ކަމަށްވިޔަސް، އަދި 34 ރަށުގެ ފެނާއި ނަރުދަމާއާއި، ތިލަމާލެ ބްރިޖާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި، އައްޑޫ މަގުތައް ހެދުމާއި، ބިން ހިއްކުމާއި، ކޯސްޓްގާޑް ބިލްޑިންގއާއި، ތިލަފަޅުގައި ކޯސްޓްގާޑަށް ބިނާކުރެވޭ ފުރިހަމަ ފެސިލިޓީއާއި، މި ކަންތައްތަކަކީ އިންޑިއާގެ ހިލޭ އެހީއާއި، ލޯނު އެހީގެ ދަށުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް"
ރާއްޖެއާއި އިންޑިޔާއާ ދެޤައުމުން ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1965ވަނަ އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުގައެވެ. އަދި، އިންޑިޔާއަކީ 1965ވަނަ އަހަރު ޖުލައި 26ވަނަ ދުވަހު ރާއްޖެއަށް މިނިވަންކަން ލިބުނުފަހުން ރާއްޖެއާ އެކު ސިޔާސީ ގުޅުން ޤާއިމުކުރި ފުރަތަމަ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!