ޕާޓީއަށްޓަކާ ގުރުބާންވި މީހުންނާ ދިމާލަށް ހިތުހުރި އެއްޗެހި ކިޔުމަކީ ފައިދާހުރި ގޮތެއް ނޫން
ވަކި މަގުސަދެއް ހާސިލް ކުރުމަށް ޕާޓީއަށްޓަކާ ގުރުބާންވި މީހުންނާ ދިމާލަށް ހިތުހުރި އެއްޗެހި ކިޔުމަކީ ފައިދާހުރި ގޮތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ޕްރައިމްރީގެ ކެމްޕެއިންގައި ވިލިނގިލީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ މަދު ބަޔަކާއެކު ކަމަށާއި ފުރަތަމަ ސޮއިކުރި 42 މީހުންގެ ތެރެއިން ދެވަނަ އަށް ސޮއިކުރެއްވި އެމަނިކުފާނު ކަމަށެވެ.
“ފުރަތަމަ ސޮއި ކުރި 42 މީހުންގެ ތެރޭގަ ބަޔަކު އަޅުވާލައިގެން އެކަން ކުރި ނަމަވެސް އޭގަ ދެވަނަޔަށް ސޮއި ކުރި މީހާ އަޅުގަނޑަކީ. އެއްވަނައަށް ސޮއި ކިރީ ބޯގަންވިލާ އިބްރާހިމް އިސްމާއިލް. ދެން އަޅުގަނޑު. އެއަށްފަހު ދެން އެތިބަ މީހުން ތަރުތީބު ވެގެން އައީ” ރައީސް ޞާލިޙް ވިދާޅުވިއެވެ.
އަދި މީހެއްގެ ވަކި މަގުސަދެއް ހާސިލްކުރަން ޕާޓީ އުފެއްދުމުގައި ގުރުބާންވީ މީހުންނާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވުމަކީ އެމްޑީޕީ އަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
“މިއަދު ވަކި މީހެއްގެ ވަކި މަގުސަދެއް ހާސިލްކުރުމަށްޓަކާ، ޕާޓީއަށްޓަކާ ގުރުބާންވި މީހުންނާ ދިމާލަށް ބޭނުންހާ އެއްޗެއް ބޭނުން ގޮތަކަށް ކިޔުމަކީ ޕާޓީއަށް ފައިދާހުރި ގޮތެއް ނޫން” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އިންތިހާބެއްގަ ބައިވެރިވެ ކާމިޔާބު ހޯދަން މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އެހެންނަމަވެސް އެ ކުރި މަސައްކަތްތަކުގެ އަގު ވަޒަން ނުކޮށް ހިތުހުރި އެއްޗެއް ގޮވުމަކީ އެބޭފުޅުންނަށް ވެސް އަދި ޕާޓީއަށް ވެސް ރަނގަޅު ގޮތެއް ނޫން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
“މިއަދު ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށް ވެގެންދިޔައީ ހުރިހާ ބޭފުޅުންގެ ބުރަ މަސައްކަތުން. އެއިން އެއްވެސް ބޭފުޅަކާ ދިމާލަށް އެއްޗެއް ނުބުނެވޭނެ." ރައީސް ވިދާޅުވިއެވެ.
Ads by STO