ޚަބަރު

ސަލާމަތީ މަޖިލީހަށް އިންޑިއާ ހޮވަން ރާއްޖެއިން ތާއީދުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އދ.ގެ ސަލާމަތީ މަޖިލީހަށް އިންޑިއާ ހޮވަން ދިވެހި ސަރުކާރުން މިއަދު ތާއީދުކޮށްފިއެވެ.

Ads by STELCO

ފޮރިން މިނިސްޓްރީން ވިދާޅުވީ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން ގޮނޑިއަކަށް 2028-2029 ވަނަ އަހަރުގެ ދައުރަށް އިންޑިއާ އިން ކުރިމަތިލުމަށް ތާއީދުކުރަން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަދި އިންޑިއާއަށް ތާއީދުކުރަން ނިންމީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 އިން 19 އަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ކަމަށާއި އިންޑިޔާއަށް ރާއްޖެއިން ދޭ ވަރުގަދަ އެއްބާރުލުމުގެ އަސްލަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި ގާތް ރަހުމަތްތެރިކަމުގެ ގުޅުން ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

“ބައިނަލްއަގްވާމީ ސުލްހަ މަސަލަސްކަމާއި އަމާންކަން ދެމެހެއްޓުމުގައި އިންޑިއާއިން ގެންދަނީ ހަރުދަނާ އަދި ހަރުދަނާ ލީޑަޝިޕެއް ދައްކަމުން. އިންޑިއާއަކީ އދ.ގެ ޗާޓަރުގައި ބަޔާންކޮށްފައިވާ އަސާސްތަކާއި އުޞޫލުތަކަށް ވަރަށް ބޮޑަށް ތާއީދުކުރާ ޤައުމެއް” އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އިންޑިޔާއަކީ ސަލާމަތީ މަޖިލީހުގައި ތަރައްޤީވަމުން އަންނަ ހުރިހާ ޤައުމުތަކެއްގެ އަޑު އުފުލާ ޤައުމެއް ކަމަށާއި އެ ގައުމުން ކުރިއަށް އޮތް އަހަރުތަކުގައިވެސް ޞުލްޙަ މަސަލަސްކަމާއި ސަލާމަތާ ބެހޭ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ދެކެވޭ ވާހަކަތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރަށް އެބައޮތް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!