އެމްޑީޕީ ޕްރައިމަރީގައި ޔާމީންގެ ވާހަކަ ދައްކަނީ އޮތް ޒާތީ ހަސަދައެއްގެ ބޮޑުކަމުން: އާދަމް ޝަރީފު
މިމަހު 28 ގައި ބޭއްވުމަށް ތައްޔާރުވަމުންދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ވޯޓު ހޯއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވާހަކަ ދައްކަވަނީ އެމަނިކުފާނަށް އޮތް ޒާތީ ހަސަދައެއްގެ ބޮޑުކަމުން ކަމަށް މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފު މިފަދައިން ވިދާޅުވީ އިދިކޮޅުން ސިލްސިލާކޮށް ކުރިއަށް ގެންދާ އިހުތިޖާޖުގެ ތެރެއިން ރޭ ބޭއްވި އިހުތިޖާޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އާދަމް ޝަރީފު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ރައީސް ޞާލިހު ކެމްޕެއިން ކުރައްވަމުން ގެންދަވާ ގޮތުން އެމަނިކުފާނުގެ "ނުބައި ނުލަފާކަން" އިތުރަށް ހާމަވެގެން ދާކަމަށެވެ.
އެގޮތުން އެތެރޭގެ ޕްރައިމަރީއެއް ކާމިޔާބު ކުރުމަށް ވޯޓު ހޯދުމުގެ ގޮތުން ރައީސް ޔާމީންގެ ވާހަކަ ދައްކަވަނީ ރައީސް ޞާލިހުގެ ހިތްޕުޅުގައި ރައީސް ޔާމީނަށް އޮތް ޒާތީ ހަސަދައެއްގެ ބޮޑުކަމުން ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
"ރައީސް ޔާމީން އޯކޭ ނޫނޭ ބުންޏަސް އަޅުގަނޑުމެން ޖެހިލުމެއް ނުވޭ. އަސަރެއްވެސް ނުކުރޭ. ޕީޕީއެމްއާ މިގައުމު ދެކެ ލޯބިވާ އެންމެން ރައީސް ޔާމީނަކީ ވަރުގަދަ ޒައީމެއް ކަމަށް އެއީ ރައްޔިތުންގެ ރައީސްކަމަށް އެންމެން ގަބޫލު ކުރޭ" އާދަމް ޝަރީފު ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ކުރިން ވޯޓު ފޮއްޓެއް ބަހައްޓައި ވޯޓު ލިޔަސް ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ރައީސް ޞާލިހު ޕްރައިމަރީން ބަލިވުމަކީ މުހިންމު ކަމެއްކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ. އެއީ ރައީސް ޞާލިހު ގެންދަވަނީ ކެނޑި ނޭޅި ކޯޓުތަކަށް ނުފޫޒު ފޯރުވަމުންކަން އޭނާ ފާހަގަކުރެއްވި އެވެ. އެސަބަބާއި ހުރެ އުއްމީދު ކުރައްވަނީ އެމްޑީޕީ ޕްރައިމަރީގައި ރައީސް ޞާލިހު ބަލިވާނެ ކަމުގައި ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދާނަމަ ރައީސް ޔާމީންގެ ނަން އޮންނަން ޖެހޭނެ ކަމަށާއި ދިވެހި ރައްޔިތުން ވޯޓު ލާނީވެސް ރައީސް ޔާމީނަށް ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.