ޚަބަރު

މި އަހަރު މަހިބަދޫގެ ބިން ހިއްކަން ފަށަން ސަރުކާރުން އަމާޒު ހިފައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އދ.މަހިބަދޫގެ ރައްޔިތުން އެދޭ ގޮތަށް، އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ޞާލިޙު، މިއަދު ވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގެ ތެރެއިން، އދ.ދަނގެއްޗަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. ރައީސް ވިދާޅުވީ މަހިބަދޫގެ ރައްޔިތުން އެދުނު ގޮތަށް، އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"މި ވަގުތު މަހިބަދޫގެ ރައްޔިތުން ބޭނުންވަނީ، ރަށުން ހިއްކެން އޮތް ބައި، އަށް ހެކްޓަރު ވަރު ހިއްކައި، ރައްޔިތުންނަށް އޭގެ ބޭނުން ހިފޭ ގޮތް ހެދުން. މިހާރު އަޅުގަނޑުމެން ވާނީ، އެކަމުގެ އީއައިއޭ ހެދުމުގެ މަސައްކަތް ހަވާލު ކޮށްފައި."

ރައީސްގެ ވާހަކަފުޅުގައި ވަނީ ދަނގެތި ދާއިރާއަށްވެސް ސަރުކާރުން ތަރައްޤީ ގެންނަމުންދާކަން ފާހަގަކުރައްވައި، ހުރިހައި ރަށެއްގައިވެސް ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އަދި މިއަދު ރައީސް އެ ރަށަށް ވަޑައިގެންނެވި ވަގުތު، ބޯކޮށް ވާރޭ ވެހެމުން ދިޔައިރުވެސް، ދަނގެތިން ކީ ހޫނު މަރުހަބާއަށްޓަކައި ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ރައީސް ޞާލިޙު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ، މިހާރު ފަށާފައި އޮތް މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިޔުމަށް ވަރަށް މުހިންމު ނިންމުމެއް ނިންމާ އިންތިޚާބެއް ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުގައި ރާއްޖެއަށް ގެނައި ސުލްހަމަސަލަސްކަން ދަމަހައްޓާނީތޯ، ނުވަަތަ ނޫންތޯ ނިންމުމަށް، މި ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީ އަކީ ވަރަށް މުހިންމު އިންތިޚާބެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ބައެއް ރަށްރަށުގައި އެ މަސައްކަތް ނިމި، އަނެއް ބައެއް ރަށްރަށުގައި އެ މަސައްކަތް ކުރިއަށްދާކަން، މިއީ ރާއްޖޭގެ ކޮންމެ ރަށަކުން ފެންނަ މަންޒަރެއް. އެހެންވީމަ، މި މިސްރާބަށް ދިޔުމަށްޓަކާ ތިޔަ ބޭފުޅުންގެ ނިންމުން އެގޮތަށް ނިންމުމަކީ ވަރަށް މުހިންމު، ބޭނުންތެރި ކަމެއް."

ޕްރައިމަރީ ނިމިގެންދާ ގޮތަކުން އަނެއްކާވެސް ރާއްޖެ މަގުމަތި ވެދާނެ ކަމަށާއި، އެއީ އެއްވެސް ރައްޔިތަކު ބޭނުންވާނެ ގޮތެއް ނޫން ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙާ ވާދަ ކުރައްވަނީ، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ. ދެ ކެންޑިޑޭޓުންވެސް ވަރަށް ފޯރީގައި ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، ދެ ބޭފުޅުންވެސް ވިދާޅުވަމުން ގެންދަވަނީ، އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!