ދުނިޔެ

ޕާކިސްތާނުގައި އެކްސިޑެންޓެއްގައި 51 މަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ހުޅަނގުގައި ހިނގި ދެ އެކްސިޑެންޓެއްގައި 51 މީހުން މަރުވެއްޖެއެވެ. މީގެ ތެރެއިން ފުރަތަމަ ހާދިސާ ހިނގާފައި ވަނީ ހުޅަނގުދެކުނުގައިވާ ބަލޮޗިސްތާން ޕުރޮވިންސުގައެވެ. ބުރިޖެއް މަތިން ދަތުރުކުރަމުންދިޔަ ބަހެއް ވެއްޓިގެން ހިނގި މި ހާދިސާގައި 41 މީހުން މަރުވިއެވެ.

Ads by Sosun Fihaara

ދެވަނަ ހާދިސާ ހިނގާފައި ވަނީ ހުޅަނގުއުތުރުގައިވާ ޚައިބަރ ޕަޚްތުންޚްވާ ޕުރޮވިންސުގައެވެ. އެ ސަރަޙައްދުގައިވާ ފެންގަނޑެއްގައި ދަތުރުކުރަމުންދިޔަ ދިޔަ ބޯޓެއް ބަންޑުންވެގެން ހިނގި މި ހާދިސާގައި 10 މީހުން މަރުވިއެވެ. މަރުވެފައި ވަނީ 14 އަހަރުން ދަށުގެ ދަރިވަރުންތަކެކެވެ. މި ހާދިސާގައި ކަނޑުވެ ގެއްލިފައިވާ އިތުރު ނުވަ މީހުން ހޯދުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ބްރިޖެއްގެ މަތިން ދަތުރުކުރަމުންދިޔަ ބަހެއް ވެއްޓިފައި ވަނީ ބަލޮޗިސްތާންގެ ލަސްބޭލާ ޑިސްޓްރިކްޓުގެ ރަށެއް ކަމުގައިވާ ބޭލާގައެވެ. މި ހާދިސާގައި ތިން މީހަކު ޒަޚަމުވި އިރު، މަރުވި 40 މީހުންގެ ހަށިގަނޑު، ވަކިނުވާ ވަރަށް އަނދާފައިވާ ކަމުގައި އެ ރަށުގެ އޮފިޝަލުން ބުނެއެވެ.

މި ހާދިސާ ހިނގި ވަގުތު ބަހުގައި 48 ފަސިންޖަރުން ތިބި ކަމަށާއި، މި ހާދިސާގައި ޒަޚަމުވި ދެ މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމުގައި އޮފިޝަލުން ބުނެއެވެ. އެކްސިޑެންޓުވި ބަސް ދަތުރުކުރަމުން ގޮސްފައި ވަނީ ބަލޮޗިސްތާން ޕުރޮވިންސުގެ ވެރިރަށް ކުއެތާއިން ފުރައިގެން ދެކުނުގައިވާ ބަނދަރުމަތީ ރަށެއް ކަމުގައިވާ ކަރާޗީއަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، ރޭގަނޑުގައި ދުއްވާފައި ދިޔަ ބަހުގެ ޑްރައިވަރަށް ނިދިޖެހި، ބަހުގެ ކޮންޓްރޯލް ގެއްލުމުން ކަމަށް ބެލެވޭ ކަމުގައި މި ހާދިސާ ތަހުޤީޤު ކުރަމުންދާ ފަރާތްތަކުން ބުނެއެވެ. އަދި، ބުރިޖުން ތިރިއަށް ބަސް ވެއްޓުނީ ބުރިޖުގެ ތަނބެއްގައި ޖެހުމަށް ފަހު ކަމުގައި ވެސް އޮފިޝަލުން ބުނެއެވެ.

ޚައިބަރ ޕަޚްތުންޚްވާގެ ފެންގަނޑަކަށް ބޯޓެއް ފެތުނު ހާދިސާގައި 11 ކުދިން ސަލާމަތް ކުރެވުނު ކަމަށް އެ ސަރަޙައްދުގެ އޮފިޝަލުން ބުނެއެވެ. އެ ހާދިސާގައި މަރުވި ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން ހަތަކާއި 14 އަހަރާއި ދެމެދުގެ ކުދިންނެވެ. ސަލާމަތްކުރެވުނު ކުދިންގެ ތެރެއިން ހަ ކުއްޖެއްގެ ހާލު ސީރިޔަސް ކަމުގައި ވެސް އޮފިޝަލުން ބުނެއެވެ.

ޕާކިސްތާނަކީ އެއްގަމު އުޅަނދުފަހަރުގެ އެކްސިޑެންޓުތައް ގިނަ ޤައުމެކެވެ. މި ފަދަ ހާދިސާތައް ހިނގަން މެދުވެރިވާ އެއް ސަބަބަކީ، މަގުތަކުގެ ދެރަ ހާލަތު ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން، ސީޓްބެލްޓް އެޅުން މަޖުބޫރުކޮށްފައި ނެތުމުން، އެކްސިޑެންޓުތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެއެވެ.

2022 ނޮވެންބަރުގައި ވެސް ނުރައްކާތެރި ބަސް އެކްސިޑެންޓެއް ހިނގައި، 20 މީހުން ވަނީ މަރުވެފައެވެ. ޕާކިސްތާނުގައި 2018 ވަނަ އަހަރު ހިނގި މަގުމަތީގެ އެކި އެކްސިޑެންޓުތަކުގައި 27,000 އަށްވުރެ ގިނަ މީހުން މަރުވި ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!