ޚަބަރު ސަރުކާރު

ހަތަރު އެއާޕޯޓެއް ތަރައްގީކުރަން ތިން ބިޑެއް ހުށަހަޅައިފި، އިވެލުއޭޝަންގެ މަސައްކަތް ކުރިއަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އައްޑޫ އެއާޕޯޓު

ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ހަތަރު އެއާޕޯޓެއްގެ މަސައްކަތަށް ތިން ބިޑެއް ލިބިފައިވާ ކަމަށާއި ބިޑުތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައިވާ އެ ހަތަރު ރަށަކީ ހދ. މަކުނުދޫ، ށ. ބިލެއްފަހި، ބ. ތުޅާދޫގެ އިތުރުން ތ. ވިލުފުށި ކަމަށެވެ. މި އެއާޕޯޓުތައް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ބިޑަށް ހުޅުވައިލުމުން ތިން ބަޔަކު ޝައުގުވެރިކަން ފާޅުކޮށް ބިޑު ހުށަހަޅާފައިވާކަމަށް ސަރުކާރުން ބުނެ އެވެ.

އެރަށްތައް ބިޑަށް ހުޅުވައިލީ މިމަހުގެ 26 ވަނަ ދުވަހު އެވެ. ބިޑް އިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޕްލޭނިންގް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެންނެވެ.

ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ދިމާކޮށް ގިނަ ވައުދުތަކެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެވަޑައިގެންނެވި އެވެ. އޭގެ ތެރެއިން ބައެއް ވައުދުތައް މި ދައުރު ނިމުމުގެ ކުރިން ފުއްދަވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބިޑަށް ހުޅުވައިލި ހަތަރު އެއާޕޯޓަކީވެސް ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން ރައީސް ޞާލިހު އިއުލާން ކުރެއްވި ހަތަރު މަޝްރޫއު އެވެ.

ރައީސް ޞާލިހުގެ ރިޔާސީ ދައުރު ނިމެން ބާކީ ދެން އޮތީ 9 މަސް ދުވަހެވެ. އަންނަ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ރައީސް ޞާލިހު ދެވަނަ ދައުރަކަށް ވާދަކުރައްވާނެ އެވެ. ނިމިގެންދިޔަ އެމްޑީޕީގެ ޕްރައިމަރީ އެމަނިކުފާނު ކާމިޔާބު ކުރައްވާފައިވާއިރު މިހާތަނަށް އެހެން އެއްވެސް ސިޔާސީ ޕާޓީއަކާއިއެކު ކޯލިޝަން ހައްދަވާފައެއް ނުވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!