ދުނިޔެ

ޕާކިސްތާނުގެ މިސްކިތަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 47އަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ޕެޝާވަރުގެ މިސްކިތަކަށް އަމާޒުކޮށް، މީހަކު ހަށިގަނޑުގައި ބޮން ހަރުކޮށްގެން މިއަދު ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 47ށް އަރައިފިކަމަށް ޚަބަރު ލިބެއެވެ. ހަމަލާ އަމާޒުކޮށްފައިވަނީ ވަރަށް ބޮޑަށް ގާޑު ކުރެވެމުންދާ، ފުލުހުންނަށް ޚާއްސަކުރެވިފައިވާ ސަރަހައްދެއްގައި ނަމާދަށް ތިބި ފުލުހުންނަށް ކަމަށް ވެއެވެ. ފުރަތަމަ ހީކުރެވިފައިވަނީ ހަމަލާ އަމާޒުކުރެވުނީ އެސަރަހައްދުގައި ހަރަކާތްތެރިވާ އިސްލާމިސްޓް ހަނގުރާމަވެރިންނަށް ކަމަށެވެ.

Ads by Sosun Fihaara

މިހަމަލާއާ ގުޅިގެން ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވެސް ވިދާޅުވީ ގައުމު ދިފާއުކުރާ ފަރާތްތަކަށް ހަމަލާތައް އަމާޒުކޮށްގެން، މީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަން ޓެރަރިސްޓުން ބޭނުންވާކަމުގައެވެ. ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ޝަހްބާޒް ޝަރީފް ވިދާޅުވީ، ހަމަލާދިން ފަރާތްތަކާ އިސްލާމް ދީނާ ގުޅުމެއް ނެތްކަމުގައެވެ. އަދި މުޅި ގައުމު ގުޅިގެން މިއަދު ވަނީ ޓެރަރިޒަމޭ ކިއުނު މުސީބާތާ ދެކޮޅަށް ތެދުވެކަމުގައި ވިދާޅުވެފައިވެއެވެ.

ޕެޝާވަރުގެ ޕޮލިސް ޗީފް މުހައްމަދު އިޖާޒް ޚާން މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހަމަލާ ދިންއިރު އެސަރަހައްދުގައި 300އާ 400އާ ދެމެދުގެ އަދަދަކަށް ޕޮލިސް އޮފިސަރުން ހަރަކާތްތެރިވަމުން ދިޔަ ކަމުގައެވެ.

މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއްނުވެއެވެ. ނަމަވެސް ބެލެވޭގޮތުގައި މިއީ ޕާކިސްތާނުގެ ތާލިބާން ޖަމާއަތުން ދީފައިވާ ހަމަލާއެކެވެ. އެޖަމާއަތާއެކު ކުރިން ހަދާފައިވާ "ހަމަލާތައް ހުއްޓާލާފައި ބޭއްވުމުގެ އެއްބަސްވުން" ވަނީ މިދިޔަ ޑިސެމްބަރުމަހު ނިމުމަކަށް އައިސްފައެވެ. އޭގެ ފަހުން މިފަދަ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!