މާޗް މަހު ރައީސް ޔާމީން މިނިވަން ވާނެ: ޖަމީލް

މާޗް މަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލް ވިދާޅުވީ، ކުރިޔަށް އޮތް އިންތިހާބުގައި ރައީސް ޔާމީން ވާދަކުރެއްވުމަކީ ވަރަށް ގިނަ މީހުންގެ އުންމީދެއް ކަމަށެވެ. އަދި މާޗް މަހު ރައީސް މިނިވަންވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.
“އަޅުގަނޑު އުންމީދު ކުރަން ވަރަށް ތެދަށް ދަންނަވާ ކަމަށްވަންޏާ މާޗް ހިސާބުގަ ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ” ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ މި މައްސަލަ ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ވަރަށް ބޮޑަށް ދިރާސާ ކުރަން ޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.
އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި ރިޝްވަތު ޤަބޫލު ކުރައްވައި، މަނީ ލޯންޑަރ ކުރެއްވި ކަމަށް ތުހުމަތު ކުރައްވައި އުފުލި ދެ ދަޢުވާ ޘާބިތުވާ ކަމަށް ކަނޑައަޅައި، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަކް ކޯޓުން ޙުކުމް ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ ޙުކުމް އިސްތިއުނާފު ކުރައްވާނެކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން ވިދާޅުވެފައިވެއެވެ. ވަކީލުން ވަނީ، އިސްތިއުނާފީ ކޯޓުން އެމަނިކުފާނުގެ މައުސޫމްކަން އަނެއްކާވެސް ރައްޔިތުންނަށް ހާމަވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.