ދުނިޔެ

ޕާކިސްތާނުގައި ބޯޓެއް ބަންޑުންޖަހައިލި ހާދިސާގައި މަރުވި މީހުންގެ އަދަދު 51އަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ހުޅަނގުއުތުރުގައިވާ ޚައިބަރ ޕަޚްތުންޚްވާގެ ފެންގަނޑެއްގައި ދަތުރުކުރަމުންދިޔަ ބޯޓެއް ބަންޑުންޖަހައިލި ހާދިސާގައި މަރުވި މީހުންގެ ޢަދަދު 51 އަށް އަރައިފިއެވެ. މި ހާދިސާ ހިނގާފައި ވަނީ ޓަންޑާ ޑޭމް ލޭކްގެ ނަން ދީފައިވާ ފެންގަނޑެއްގައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެ ސަރަޙައްދުގެ މަދަރުސާއެއްގައި ތަޢުލީމު ހާސިލުކުރާ 49 ދަރިވަރުން ހިމެނެއެވެ.

Ads by Sosun Fihaara

މި ހާދިސާގައި ކޯރުގެ ތެރެއަށް ގެއްލުނުކަމަށް ބެލެވޭ ދަރިވަރުންގެ ހަށިތައް ހޯދުމަށް ޑައިވަރުންގެ ޓީމުތަކުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެ ސަރަޙައްދުގެ ފިނިހޫނުމިން ދަށްވުމުގެ ސަބަބުން، އެ މަސައްކަތަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މަރުވެފައިވާ ކުދިންގެ ހަށިތައް ފެނިފައި ވަނީ ފެންގަނޑުގެ އެންމެ ފުނުންނެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން ހަތް އަހަރާއި 14 އަހަރާ ދެމެދު އުމުރުފުރައިގެ ކުދިންނެވެ. އެއީ، ކޯހަތުގައި އޮންނަ މަދަރުސާއެއްގެ ދަރިވަރުންނެވެ. މި ހާދިސާގައި އެ ކުދިންނާ އެކު ދަތުރުކުރި ޓީޗަރެއްގެ އިތުރުން، ބޯޓުގެ އެއް ފަޅުވެރިއެއް ވެސް ވަނީ މަރުވެފައެވެ. ފަތުރުވެރިންގެ މެދުގައި މަޤުބޫލު ޓަންޑާ ޑޭމް ލޭކް ފެންގަނޑު ބަލައިލަން އެ ކުދިން އެ ތަނަށް ގޮސްފައި ވަނީ ސްކޫލްގެ ޕްރޮޖެކްޓެއްގެ ދަށުންނެވެ.

މި ހާދިސާ ހިނގާފައިވާ ފެންގަނޑުގެ އައްސޭރިފަށަށް، މަދަރުސާގެ ޓީޗަރުންނާއި މަރުވި ދަރިވަރުންގެ ޢާއިލާތަކުން ޖަމާވެފައިވާ ކަމުގައި ޚައިބަރ ޕަޚްތުންޚްވާގެ އޮފިޝަލުން ވިދާޅުވެއެވެ. ބޯޓު ބަންޑުން ޖަހައިލާފައި ވަނީ ޤަވާޢިދާ ޚިލާފަށް ގިނަ ޢަދަދެއްގެ މީހުން ގޮވައިގެން ދަތުރުކުރުމުގެ ސަބަބުން ކަމުގައި، މި ހާދިސާ ތަހުޤީޤު ކުރަމުންދާ ފުލުހުން ވިދާޅުވެއެވެ.

ދަރިވަރުންތައް ދަތުރުކުރަމުންދިޔަ ބޯޓުގެ ޖާގައަކީ 25 އެވެ. ނަމަވެސް، އެ ބޯޓުގައި 50 އަށްވުރެ ގިނަ މީހުން ވަނީ ދަތުރުކޮށްފައެވެ. މި ހާދިސާގައި ސަލާމަތްވެފައި ވަނީ އެންމެ ފަސް މީހުންނެވެ. އެއީ، ހަތަރު ދަރިވަރުންނާއި އެއް ޓީޗަރެވެ.

ޕާކިސްތާނަކީ މި ފަދަ ހިތާމަވެރި ބޯޓު އެކްސިޑެންޓުތައް ޢާންމު ޤައުމެކެވެ. މި ފަދަ ހާދިސާތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބަކީ، ޤަވާޢިދާ ޚިލާފަށް ގިނަ ޢަދަދެއްގެ މީހުން އުފުލުމެވެ. މި ހާދިސާ ހިނގި ދުވަހު، އެ ޤައުމުގެ ހުޅަނގުދެކުނުގައިވާ ބަލޮޗިސްތާން ޕުރޮވިންސުގައި ބްރިޖެއްގެ މަތިން ދުއްވާފައި ދިޔަ ބަހެއް އެކްސިޑެންޓުވެ 41 މީހުން ވަނީ މަރުވެފައެވެ.

2022 ވަނަ އަހަރުގެ ޖުލައި މަހު ވެސް މި ފަދަ ބޯޓު އެކްސިޑެންޓެއް ހިނގައި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. 100 އަށްވުރެ ގިނަ މީހުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ބޯޓެއް ބަންޑުންޖަހައިލައިގެން ހިނގި އެ ހާދިސާގައި 18 މީހުން މަރުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ޢާއިލާއަކަށް ނިސްބަތްވާ އަންހެނުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!