ދުނިޔެ

ޕާކިސްތާނުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 100ށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ޕެޝާވަރުގެ މިސްކިތަކަށް އަމާޒުކޮށް، މީހަކު ހަށިގަނޑުގައި ބޮން ހަރުކޮށްގެން ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 100ށް އަރައިފިއެވެ.

Ads by Sosun Fihaara

ބީބީސީން ބުނީ އެ މިސްކިތް ހުންނަނީ ސެކިއުރިޓީ ވަރަށް މަތީ ޒޯނެއްގައި ކަމަށްވާއިރު ބޮން ގޮއްވާލި މީހާ އެތަނަށް ވަތް ގޮތް ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.

މި ހަމަލާއާ ގުޅިގެން 50ށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ފުލުހުން ކަމަށްވާއިރު އެއީ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އަދި ބޮން ގޮއްވާލި ވަގުތު އެ ސަރަހައްދުގައި 300 އާއި 400 ދެމެދުގެ އަދަދަކަށް ފުލުހުންގެ އޮފިޝަލުން ތިބި ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

މިސްކިތުގެ ތެރޭގައި ބޮން ގޮއްވައިލާފައިވާއިރު މި ހަމަލާގައި މިސްކިތުގެ ބައެއް ފާރުތަކާއި، ފުޅާރުން ބަޔެއް ވެއްޓުނު ކަމުގައި ފުލުހުން ބުނެއެވެ. އަދި ވެއްޓިފައިވާ ބައިތަކުގެ ދަށުވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމަށް އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާއާ ގުޅިގެން ހިންގި ރެސްކިއު އެންޑް ރިކަވަރީ އޮޕަރޭޝަން މިހާރު ވަނީ ނިންމާލާފައެވެ. މިހާރު ކުރިއަށްދަނީ މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް ކަމަށް އެ ނޫހުގައިވެއެވެ.

މިހަމަލާއާ ގުޅިގެން ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވެސް ވިދާޅުވީ ގައުމު ދިފާއުކުރާ ފަރާތްތަކަށް ހަމަލާތައް އަމާޒުކޮށްގެން، މީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަން ޓެރަރިސްޓުން ބޭނުންވާކަމުގައެވެ. ޝަހްބާޒް ޝަރީފް ވިދާޅުވީ، ހަމަލާދިން ފަރާތްތަކާ އިސްލާމް ދީނާ ގުޅުމެއް ނެތްކަމުގައެވެ. އަދި މުޅި ގައުމު ގުޅިގެން މިއަދު ވަނީ ޓެރަރިޒަމޭ ކިޔުނު މުސީބާތާ ދެކޮޅަށް ތެދުވެކަމުގައި ވިދާޅުވެފައިވެއެވެ.

މި ހަމަލާއަކީ ފަހުގެ ތާރީޚެއްގައި އެ ގައުމުގައި ދިން އެންމެ ވަރުގަދަ އަދި އެންމެ ނުރައްކާތެރި ހަމަލާއެވެ. އެނަލިސްޓުން ސިފަކުރާ ގޮތުގައި މިއީ ޕާކިސްތާނުގެ ގައުމީ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކަލެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!