ސްޓެލްކޯއިން މާލެ ސިޓީ ކައުންސިލް ގޮވައިގެން ހައިކޯޓަށް

މާލެ ސިިޓީ ކައުންސިލުން އަމަލުކުރަން ފަށާފައިވާ ދެ އުސޫލެއް ބާތިލް ކުރުމަށް ސްޓެލްކޯއިން ހައިކޯޓަށް ހުށަހަޅައިފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި މާލޭ ސިޓީ ކައުންސިލުން ގާނޫނާ ހިލާފަށް އަމަލުކުރަން ފަށާފައިވާ ދެ އުސޫލެއް ބާތިލް ކުރުމަށް އެކުންފުނިން މިއަދު ދުސްތޫރީ މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި މި މައްސަލައާމެދު ވަކި ގޮތެއް ކަނޑައަޅާ ނިމެންދެން އެ ދެ އުސޫލަށް އަމަލުކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށްވެސް ހައިކޯޓުގައި އެދިފައިވާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
އެކުންފުނިން ބާތިލް ކުރުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވަނީ ސިޓީ ކައުންސިލުން އަމަލުކުރަން ފަށާފައިވާ މާލެ ސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގުބަންދު ކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި، މަގު ކޮނުމާއި، ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ޢާންމުކޮށް މަސައްކަތް ކުރުމުގެ އުސޫލެވެ.
މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާންމުކޮށް މަސައްކަތްކުރުމުގެ އުސޫލަށް މިދިޔަަ މަހުން ފެށިގެން އަމަލުކުރަން ވަނީ ފަށައިފައެވެ.
އެ އުސޫލުގައިވާ ގޮތުން މަގުގެ އަރިމަތިން ކޮންނަ ނަމަ ދުވާލަކަށް ފޫޓަކަށް 25 ރުފިޔާ ނަގާނެއެވެ. އަދި ޖަންކްޝަން މަތި ނަގައިގެން ކޭބަލް ވަޅުލުމަށް ކޮންމެ ކޭބަލް ޖަންކްޝަނަކަށް 300 ރުފިޔާ އަދި މަގުގެ ގާ ނެގުމާއި އެތުރުމަށް އަކަފޫޓަކަށް ދުވާލަކު 100 ރުފިޔާ ނަގާނެ ކަމަށް އުސޫލުގައިވެއެވެ.