ދުނިޔެ

ޖަޕާނުގެ އަސްކަރީ ބަޖެޓް ބޮޑު ކުރާތީ ނޭޓޯގެ ތައުރީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖަޕާނުން އެ ޤައުމުގެ ދިފާޢީ ބަޖެޓު ދެގުނައަށް އިތުރުކުރަން ނިންމައި، އަސްކަރިއްޔާ ބޮޑުކޮށް، އިތުރަށް ބާރުވެރިކުރުވަން ކުރަމުންދާ މަސައްކަތްތަކަށް ނޭޓޯއިން ތަޢުރީފުކޮށްފިއެވެ. އެ އިއްތިހާދުގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގް މި ކަމަށް ތަޢުރީފުކޮށް ވާހަކަފުޅު ދައްކަވާފައި ވަނީ އިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކަށް ކުރަމުންވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިން ޖަޕާނަށް ވަޑައިގަންނަވައި، އެ ޤައުމުގެ ބޮޑުވަޒީރު ފުމިޔޯ ކިޝިޑާއާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

Ads by Sosun Fihaara

ޖަޕާނުން އެ ޤައުމުގެ ދިފާޢީ ބަޖެޓު އިތުރުކުރުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސްޓޮލްޓެންބަރގް ވިދާޅުވީ، އެ ކަމުން ދޭހަކޮށްދެނީ ސަރަޙައްދީ ސަލަމާތާއި ރައްކާތެރިކަން ދެމެހެއްޓުމަން ޖަޕާނުން އިސްކަންދޭ މިންވަރު ކަމުގައެވެ. އަދި، ޖަޕާނަކީ ސަލާމަތީ އެކުވެރިއެއްގެ ގޮތުގައި ނޭޓޯއިން ދެކޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

"ނޭޓޯގެ ޤައުމުތަކުގެ އަމާޒަކީ، ކޮންމެ ޤައުމެއްގެ ޖީ.ޑީ.ޕީ.ގެ 2 އިންސައްތަ ދިފާޢީ ކަންކަމަށް ޚަރަދުކުރުން. ޖަޕާނުން ވެސް މިހާރު އެ ވަނީ އެ ޤައުމުގެ ޖީ.ޑީ.ޕީ.ގެ 2 އިންސައްތަ ދިފާޢީ ޚަރަދުތަކަށް ކަނޑައަޅާފައި. މިއީ ނޭޓޯއިން ހިތްހަމަޖެހޭ ކަމެއް،" ކެއިޔޯ ޔުނިވަރސިޓީގައި ވާހަކަފުޅު ދައްކަވަމުން ސްޓޮލްޓެންބަރގް ވިދާޅުވިއެވެ.

މީގެ ކުރިން ޖަޕާނުން ވަނީ އެ ޤައުމުގެ ދިފާޢީ ބަޖެޓާއި ޚަރަދުތައް ޤައުމުގެ ޖީ.ޑީ.ޕީ.ގެ 1 އިންސައްތައިގައި ހިފަހައްޓާފައެވެ. ނަމަވެސް، އެ ޤައުމުގެ ދިފާޢީ ބަޖެޓު ދެގުނައަށް އިތުރުކުރަން ކިޝިޑާ ހުސްވި 2022 ވަނަ އަހަރު ނިންމަވާފައި ވަނީ، ސަރަޙައްދީ ޤައުމުތަކުގެ ނުރައްކާތެރިކަން އިތުރުވެފައިވާ ކަމަށް ބުނެއެވެ.

ޚާއްޞަކޮށް، ޗައިނާގެ ބާރާއި ނުފޫޒު އިތުރުކުރަމުން ދިއުމާއި، އުތުރު ކޮރެޔާއިން ރެކޯޑް ޢަދަދެއްގެ މިސައިލް ޓެސްޓުތަކެއް ހަދައި އެ ޤައުމުގެ ނުރައްކާތެރިކަން ބޮޑުކުރުމާއި، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅިގެންނެވެ. މި ހާލަތުގައި ޖަޕާނުގެ ދިފާޢީ ދާއިރާ އިތުރަށް ވަރުގަދަކޮށް ފުޅާ ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ކިޝިޑާ ދެކިވަޑައިގަންނަވައެވެ.

ޔޫކްރެއިން ހަނގުރާމައަށް 11 މަސް ފުރިފައިވާއިރު، މިއީ މުޅި ދުނިޔޭގެ ސުލްޙައަށް އޮތް ނުރައްކަލެއްގެ ގޮތުގައި ނޭޓޯއިން ޤަބޫލުކުރެއެވެ. ޚާއްޞަކޮށް، އޭޝިޔާގެ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެ ހަނގުރާމައިގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމުގައި ސްޓޮލްޓެންބަރގް ވިދާޅުވިއެވެ.

ޗައިނާއަކީ ނޭޓޯގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރައްވާފައި ނުވި ނަމަވެސް، ޗައިނާގެ ބާރާއި ނުފޫޒު ގަދަކުރަން ކުރަމުންދާ މަސައްކަތްތަކާ މެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ދުނިޔޭގައި ގާއިމުކުރެވިފައި އޮތް ސުލްޙަމަސަލަސް ކަން މިހާރު ދަނީ ނެތެމުން. ހަމަޖެހުން ދަނީ ގެއްލެމުން. މޮސްކޯއާއި ބެއިޖިންގްގެ އަމަލުތަކުގެ ސަބަބުން އެ ހާލަތު ދަނީ ބަދަލުވަމުން. ދުނިޔެ ނުރައްކަލުގެ ހާލަތަކަށް ވެއްޓި، ޖަޕާނުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ހާލަތުގައި ނޭޓޯއިން ޖަޕާނަށް އެހީތެރިކަން ފޯރުކޮށްދޭނެ. ޖަޕާނުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށްދިނުމަށް ނޭޓޯއިން ތެދުވާނެ،" ސްޓޮލްޓެންބަރގް ވިދާޅުވިއެވެ.

ޖަޕާނަށް ކުރެއްވި ދަތުރުފުޅުގެ ކުރިން ސްޓޮލްޓެންބަރގް ވަނީ ދެކުނު ކޮރެޔާއަށް ވެސް ވަޑައިގަންނަވާފައެވެ. އަދި، ޔޫކްރެއިނުގެ ދިފާޢުގައި އެ ޤައުމުގެ ސިފައިން ކުރަމުންދާ ހަނގުރާމައަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ވަނީ ޖަޕާނާއި ދެކުނު ކޮރެޔާއަށް ގޮވައިލައްވާފައެވެ.

އެ ދެ ޤައުމުން މިހާރުވެސް ދަނީ ޔޫކްރެއިނަށް މާލީ އަދި އިޤްތިޞާދީ ދާއިރާގެ އިތުރުން އިންސާނީ އެހީ ފޯރުކޮށްދެމުންނެވެ. ނަމަވެސް، ޔޫކްރެއިނުގެ ސިފައިންނަށް އަސްކަރީ އެހީތެރިކަމާއި ހަތިޔާރު ފޯރުކޮށްދިނުމަށް އެ ދެ ޤައުމުން ދަނީ ދެކޮޅު ހަދަމުންނެވެ. ސްޓޮލްޓެންބަރގްގެ ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ، އެ ކަން ބަދަލުކުރުން ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!