މައްސަލަތައް ހައްލުކުރަން ސިޓީ ކައުންސިލާ މަޝްވަރާ ކުރުމަށް ތައްޔާރު: ޝަރީފް

ސިޓީ ކައުންސިލާ މަޝްވަރާކޮށް، މައްސަލަތައް ހައްލު ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު އެލްޖީއޭއާ އެކު ބޭއްވި ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލްގެ މައްސަލަތަކާއި ގުޅިގރން ރައްޔިތުންނަށް އެކަމުގެ އުނދަގޫ ފޯރައިގެން ނުވާނެ ކަމަށެވެ.
އަދި މާލޭގެ މަގުތައް ކޮނުމާއި މަގުން ގާ ނަގައިގެން ކުރާ މަސައްކަތްތަކަށް ފީއެއް ނަގަން ނިންމާ މާލެ ސިޓީ ކައުންސިލުން އާންމުކުރި އުސޫލާ ގުޅޭ ގޮތުން ރަސްމީކޮށް އެއްޗެއް ވިދާޅުވުމަށް ވެސް ޝަރީފް ވަނީ އެދިފައެވެ.
ޝަރީފް ވިދާޅުވީ އެ އުސޫލުގެ ސަބަބުން ރައްޔިތުންނަށް ދޭ ހިދުމަތުގެ އަގު ބޮޑުވެގެންދާ ކަމަށާއި، ނަމަވެސް ސިޓީ ކައުންސިލުން ގޮތް ދޫކުރަން ބޭނުން ނުވާ ކަމަށެވެ.
ޝަރީފް މިފަދައިން ވިދާޅުވިއިރު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި މާލޭ ސިޓީ ކައުންސިލުން ގާނޫނާ ހިލާފަށް އަމަލުކުރަން ފަށާފައިވާ ދެ އުސޫލެއް ބާތިލް ކުރުމަށް ސްޓެލްކޯއިން ވަނީ ދުސްތޫރީ މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައެވެ.
އެކުންފުނިން ބާތިލް ކުރުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވަނީ ސިޓީ ކައުންސިލުން އަމަލުކުރަން ފަށާފައިވާ މާލެ ސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގުބަންދު ކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި، މަގު ކޮނުމާއި، ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ޢާންމުކޮށް މަސައްކަތް ކުރުމުގެ އުސޫލެވެ.