ދުނިޔެ

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް އަވަހާރަވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ރައީސް ރިޓަޔަޑް ޖެނެރަލް ޕަރްވޭޒް މުޝައްރަފް އަވަހާރަވެއްޖެއެވެ. މުޝައްރަފް އަވަހާރެފައިވަނީ ދިގު މުއްދަތަކަށް ބަލިވެ އުޅުއްވުމަށްފަހު ދުބާއީގެ ހޮސްޕިޓަލެއްގައެވެ.

Ads by Sosun Fihaara

ޕާކިސްތާނުގެ އަސްކަރިއްޔާއާއި އެ ޔޫއޭއީގައި ހުންނަ ޕާކިސްތާނުގެ މިޝަނުން ވަނީ 2008ވަނަ އަހަރު ވެރިކަމުން ދުރުކުރެވިފައިވާ ކުރީގެ ސިފައިންގެ ވެރިޔާ، 79އަހަރުފުޅުގައި، އަވަހާރަވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މުޝައްރަފް ހޮސްޕިޓަލުގައި އެނދުމަތިކުރެވުމާ ގުޅިގެން އޭނާގެ އާއިލާއިން ވަނީ އެކަމުގެ ތަފްސީލް ހާމަކޮށްފައެވެ. އޭރު މުޝައްރަފްގެ އާއިލާއިން ބުނެފައިވަނީ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ބައްޔެއްކަމަށްވާ އެމިލޮއިޑޯސިސްއަށް ފަރުވާހޯއްދަވަމުންދާކަމަށެވެ. އަދި އެބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކަށް ފެއިލްވަމުންދާކަމަށެވެ.

1999 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގައި ހުންނެވި ނަވާޒް ޝަރީފުގެ ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށްފަހު މުޝައްރަފް އެޤައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަތެވެ. އޭރު މުޝައްރަފު ހުންނެވީ ޕާކިސްތާން ސިފައިންގެ ވެރިޔާ ނުވަތަ އާމީ ޗީފް އޮފް ސްޓާފްސްގެ މަޤާމުގައެވެ. އަސްކަރީ ބަޣާވާތަށްފަހު އިންޤިލާބީ ލީޑަރުގެ ގޮތުގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު ޕާކިސްތާނުގެ ރައީސަކަށް ވެވަޑައިގަތީ 2001ވަނަ އަހަރުގެ ޖޫންމަހުއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މުޝައްރަފް ވަނީ އިގްތިސާދީ ހަލުވި ކުރިއެރުންތަކެއް ގެންނަވައި ޕާކިސްތާނުގައި އިޖުތިމާއީ ގޮތުން މެދުމިނުގެ ޘަޤާފަތެއް އުފެއްދުވުމަށް މަސައްކަތްކުރައްވާފައެވެ.

އޭނާގެ ވެރިކަމުގެ ވައްޓަފާޅިއާ ހިތްހަމަ ނުޖެހި ގިނަ ބަޔަކު އޭނާގެ އިސްތިއުފާއަށް ގޮވާލާ މަގުމަތީގައި މުޒާހަރާކުރަމުންދިޔައެވެ. އެއާއެކު މުޝައްރަފްގެ ވެރިކަން ބަލިކަށިވެ 2008ވަނަ އަހަރުގެ މަޖިލީހުން އޭނާ މަޤާމުން ދުރުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް އޯގަސްޓް މަހު މަޤާމުން އިސްތިއުފާދެއްވިއެވެ.

ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު މުޝައްރަފު ޕާކިސްތާން ދޫކުރައްވައި ދިރިއުޅުއްވުން ދުބާއި އަށް ބަދަލުކުރެއްވިއެވެ. އެހެންނަމަވެސް ޕާކިސްތާނުގެ ކޯޓުތަކުގައި އޭނާގެ މައްޗަށް އެތައް ޝަރީއަތެއް ހިނގަމުން ދިޔައެވެ. އޭގެތެރޭގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރެއްކަމަށްވާ ބޭނަޒީރު ބުއްޓޫގެ މަރުގެ ހާދިސާއާއި އެހެން މީހެއްގެ މަރުގެ ހާދިސާގައި މުޝައްރަފުގެ އަތެއްވާކަމަށް ކުރެވޭ ތުހުމަތުތަކާއި އެނޫންވެސް ބައެއް މައްސަލަތަކާ ހިމެނެއެވެ.

2013ވަނަ އަހަރު އަނެއްކާވެސް މުޝައްރަފް ވެރިކަން ހޯއްދެމުގެ ބޭނުމުގައި ޕާކިސްތާނަށް ވަޑައިގަތެވެ. އެހެން ނަމަވެސް ކޯޓުތަކުގައި އޭނާއާ ދެކޮޅަށް މައްސަލަތައް ބަލަމުން ދިޔުމުގެ ސަބަބުން އިންތިޚާބުގައި ބައިވެރިވެވޭގޮތެއް ނުވިއެވެ. އޭނާ 2016ވަނަ އަހަރު ދުބާއީއަށް ވަޑައިގަތުމަށްފަހު އަވަހާލަވަންދެންވެސް އުޅުއްވީ އެޤައުމުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!