ދުނިޔެ

ހަނގުރާމަވެރިން މައިތިރި ކުރަން ޕާކިސްތާނުން ތާލިބާން މީހުން ކުރެން އެދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ޖަމާޢަތްތައް މައިތިކުރުމަށް ތާލިބާނުންގެ އިސްވެރިޔާގެ އަރިހުގައި އެދުމަށް ޕާކިސްތާނުން ނިންމައިފިއެވެ. އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާނުންގެ އިސްވެރިޔާއާ މަޝްވަރާކުރުމަށް ޕާކިސްތާނުން ނިންމާފައި މި ވަނީ، ޕާކިސްތާނުގެ ޕިޝާވަރުގެ މިސްކިތަކަށް ދިން ނުރައްކާތެރި ހަމަލާއެއްގައި ގިނަ ޢަދަދެއްގެ ބަޔަކު މަރައިލި ހާދިސާއާ ގުޅިގެންނެވެ.

Ads by Sosun Fihaara

ޕާކިސްތާނުގެ ހުޅަނގު އުތުރުގައިވާ ޚައިބަރ ޕަޚްތުންޚްވާ ޕުރޮވިންސުގެ ވެރިރަށް ޕިޝާވަރުގެ މިސްކިތުގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 84 އަށް އަރާފައެވެ. މި ހަމަލާގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެފައިވާއިރު، މަރުވި މީހުންގެ ތެރޭގައި ގިނައީ ފުލުހުންނެވެ. މިސްކިތުގެ ތެރޭގައި ބޮން ގޮއްވައިލާފައި ވަނީ މެންދުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް ގިނަ ޢަދަދެއްގެ ބަޔަކު މިސްކިތަށް އެރި ވަގުތުގައެވެ.

އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލުމަށް ފަހު ތާލިބާން ހަނގުރާމަވެރިން އެ ޤައުމުގެ ވެރިކަމަށް އަތްގަދަކޮށްފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އެއަށްފަހު، ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުން ވާގިވެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ހަމަލާތައް އިތުރުވެފައިވާ ކަން ފާހަގަކުރެވެއެވެ. ހަތިޔާރުއެޅި ޖަމާޢަތްތަކުގެ ހަމަލާތައް އެންމެ ގިނަވެފައި ވަނީ އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައެވެ.

ޕިޝާވަރުގައި ދިން ހަމަލާގެ ފަހަތުގައި ވަނީ ތާލިބާނުންނާ ގުޅުން އޮންނަ ހަތިޔާރުއެޅި ޖަމާޢަތެއް ކަމުގައި ޕާކިސްތާނުގެ ފުލުހުން ޤަބޫލުކުރެއެވެ. އަފްޣާނިސްތާނުގެ ތާލިބާނުންގެ އެންމެ އިސްވެރިޔާ ހައިބަތުﷲ އަޚުންދްޒާދާ ދިރިއުޅެމުން ދަނީ އެ ޤައުމުގެ ދެކުނުގައި އޮންނަ ކަންދަހާރުގައި ކަމަށް ޕާކިސްތާނުން ޤަބޫލުކުރެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ އިސް މުޝީރެއް ކަމުގައިވާ ފައިސަލް ކަރީމް ކުންދީ ވިދާޅުވީ، އެ ޤައުމުގެ ވަފުދެއް އަފްޣާނިސްތާނަށް ފޮނުވަން ތައްޔާރުވަމުންދާ ކަމުގައެވެ. މި ދަތުރުގައި އެ ވަފުދުގެ ބޭފުޅުން އަފްޣާނިސްތާނުގެ ތާލިބާނުންގެ އެންމެ އިސްވެރިޔާ އަޚުންދްޒާދާގެ އިތުރުން ތާލިބާނުންގެ އެހެން އިސްވެރިންނާ ބައްދަލު ކުރައްވާނެއެވެ. އަދި، ތާލިބާނުންނާ ގުޅިފައިވާ ޖަމާޢަތްތަކުން ޕާކިސްތާނުގައި ހިންގާ ޓެރެރިސްޓް އަމަލުތައް ހުއްޓުވަން އެ ވަފްދުން މަސައްކަތް ކުރާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ވަފުދެއް އަފްޣާނިސްތާނަށް ދަތުރުކުރަން ހަމަޖެހިފައިވާ ކަން އަފްޣާނިސްތާނުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް، އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު އާމިރު ޚާން މުއްޠަޤީވަނީ، ޕިޝާވަރުގައި ދިން ބޮމުގެ ހަމަލާގެ ޒިންމާ ތާލިބާނުންގެ ކޮނޑުގައި އެޅުވުން ހުއްޓައިލުމަށް ޕާކިސްތާނަށް ގޮވައިލައްވާފައެވެ. އަދި، ޕާކިސްތާނުގެ ދާޚިލީ މައްސަލަތަކަށް އަމިއްލައަށް ހައްލު ހޯދުމަށް ވެސް އޭނާ ވަނީ ޕާކިސްތާނަށް ގޮވައިލައްވާފައެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުންގެ ގޮތްޕަށް ކިޔަނީ ތަހްރީކުއްތާލިބާނެވެ. އެ ޖަމާޢަތް އުފެދިފައި ވަނީ 2007 ވަނަ އަހަރުގައެވެ. އެ ޖަމާޢަތް ބިނާވެފައި ވަނީ، އަފްޣާނިސްތާނުގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވި ޕާކިސްތާނުގެ ހަނގުރާމަވެރިންގެ މައްޗާށެވެ. 2014 ވަނަ އަހަރާ ޖެހެންދެން އެ ޖަމާޢަތުން ދިޔައީ ޕާކިސްތާނުގެ ހުޅަނގުއުތުރުގެ ބައެއް ބިންތަކަށް އަތްގަދަކުރަމުންނެވެ. ނަމަވެސް، ޕާކިސްތާނު އަސްކަރިއްޔާއިން ވަނީ އެ ބިންތައް މިނިވަންކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!