ނިޔާވި މީހާ އައިސޮލޭޝަނަށް ގެންދަން ގުޅުނު މައްސަލައިގައި މައާފަށް އެދިއްޖެ
ކޮވިޑް-19 ގައި އިއްޔެ ރާއްޖެއިން ނިޔާވި މީހާ އައިސޮލޭޝަނަށް ގެންދަން ނިޔާވި ފަހުން ގުޅުނު މައްސަލާގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ) އިން މައާފަށް އެދިއްޖެއެވެ.
ކޮވިޑް-19 އަށް މީހަކު ފައްސިވެ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމަށް އެޗްޕީއޭ އިން ގުޅީ އެމީހާ ނިޔާވެގެން ޖަނާޒާގެ ކަންތައްތައް ކުރިއަށް ދަނިކޮށްކަމަށް ބުނެ އެޗްޕީއޭ އަށް މީސް މީޑިއާގައި ވަނީ ފާޑުކިޔާފައެވެ.
67 އަހަރުގެ ދުވަސްވީ މީހަކު މިއަދު ނިޔާވެގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ކުރި ޓްވީޓް ރިޓްރީޓް ކުރަމުން މީހަކު ބުނެފައިވަނީ އެޗްޕީއޭ އިން ނިޔާވި މީހާ އައިސޮލޭޝަން އަށް ގެންދިއުމަށް ގުޅާފައިވަނީ އޭނާގެ ދަރިފުޅު އޭނާގެ ޖަނާޒާގެ ކަންތައްތަކުގެ މަސްއޫލިއްޔަތު އަދާ ކުރަމުން ދަނިކޮށް ކަމަށެވެ. ނިޔާވެފައިވަނީ މި ޓްވީޓް ކުރި މީހާގެ ބޮޑު ބޭބެ ކަމަށްވެސް ޓްވީޓްގައި ބުނެފައި ވެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ނިޔާވި ފަހުން އެމީހާ އައިސޮލޭޝަނަށް ގެންދަން ގުޅުނު މައްސަލާގައި އާއިލާގެ ފަރާތުން ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.
އެގޮތުން އައިސޮލޭޝަނަށް ގެންދަން ގުޅިފައިވަނީ އެމީހާ ނިޔާވިތާ ބައިގަޑިއިރު ފަހުން ކަމަށާއި އުމުރުން ދުވަސްވީ މީހުން އައިސޮލޭޝަނަށް ގެންދިޔުމަށް ހާއްސަ އިސްކަމެއްދޭ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް އިއްޔެ ނިޔާވި މީހާ އައިޖީއެމްއެޗަށް ގެންދެވުނުކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށާއި މިހާރު އައިޖީއެމްއެޗްގައި ބާއްވައިގެން ޓެސްޓުކޮށްފިނަމަ އެނގޭނެ ގޮތަށް ސިސްޓަމް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިކަހަލަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް އިންތިޒާމުތައް ހަރުދަނާ ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑާއި އަޅުގަނޑުގެ ޓީމުން ދެން" ނަޒްލާ ވިދާޅުވިއެވެ.