ޚަބަރު ރައްޔިތުންގެ މަޖިލިސް

އަންހެން މެމްބަރުން ނެރެން ނޫނީ އަންހެން އޮފިޝަލުން ހަރަކާތްތެރި ނުކުރުމަށް ގަވާއިދަށް އިސްލާހު ހުށައަޅައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: ދިޔަރެސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހިނގަމުން ދާވަގުތުތަކުގައި މަޖިލީހުގެ ތަޅުމުން އަންހެން މެންބަރުން ނެރެންޖެހޭ ހާލަތްތަކުގައި ނޫނީ އަންހެން އޮފިޝަލުން ހަރަކާތްތެރި ނުވާގޮތަކަށް ގަވާއިދު އިސްލާހުކުރަން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށައަޅުއްވައިފިއެވެ.

Ads by STELCO

މިއިސްލާހު މަޖިލީހަށް ފޮނުވައި ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއިސްލާހު މަޖިލީހުގެ ގަވާއިދަށް ހުށައެޅީ މަޖިލީހުގައި ވެސް ކަންކަން ކުރަންވާނީ މުޖްތަމައު ބަލައިގަންނަ، އެހެން މުއައްސަސާތަކުން ވެސް އަމަލުކުރާ އަދި މަޖިލީހުން ވެސް މީގެ ކުރިން އަމަލު ކޮއްފައިވާ އާންމު މިންގަނޑުތަކާ އެއްގޮތަށް ކަމުގައިވާތީ ކަމަށެވެ.

މަޖިލީހުގެ ގަވާއިދަށް ރޮޒައިނާ ހުށައެޅުއްވި އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ އިނުމަށް ހުއްދައޮތް މީހަކު ފިޔަވައި އެނޫން މީހަކު ޖަލްސާއެއް ހިނގަމުންދާ ވަގުތުގައި ޖަލްސާ ކުރާ މާލަމުގައި ނުބެހެއްޓުމަށާއި މާލަމުން މީހަކު ނެރެން ޖެހިއްޖެ ހިނދެއްގައި، ނެރެން ޖެހުނު މީހާއަކީ ފިރިހެނެއްކަމުގައި ވާނަމަ އެމީހަކު ނެރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާންވާނީ ފިރިހެން އިންޓާނަލް ސެކިއުރިޓީ އޮފިސަރުން ކަމަށާއި ނެރެން ޖެހުނު މީހާއަކީ އަންހެނެންކަމުގައިވާނަމަ އެމީހަކު ނެރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާންވާނީ އަންހެން އިންޓާނަލް ސެކިއުރިޓީ އޮފިސަރުން ކަމަށެވެ.

މަޖިލީހުގެ ގަވާއިދަށް މެމްބަރު ރޮޒައިނާ މިއިސްލާހު ހުށައަޅުއްވާފައިވަނީ މިދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވި ވަގުތު އެކަމަށް ހުރަސް އެޅި ފިރިހެން މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރުމުގައި އަންހެން އޮފިޝަލުން ހަރަކާތްތެރިވުމުން އެކަމަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!