ފަހުގެ ތާރީޚެއްގައި ތުރުކީ ސަރަހައްދަށް އައި އެންމެ ނުރައްކާތެރި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 23،700އަށް

ތުރުކީ އާއި ސީރިއާގެ ހުޅަނގު އުތުރަށް، ފާއިތުވި 20 އަހަރުގެ ތެރޭގައި އައި އެންމެ ނުރައްކާތެރި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 23،700 އަށް ވުރެ މައްޗަށް އަރައިފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
ތުރުކީގެ ހުޅަނގު އުތުރުގައި 1999 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމުގައި 17،000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.
މި ފަހަރުގެ ބިންހެލުމާ ގުޅިގެން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ހުކުރު ދުވަހު އަދިޔާމާން ޕްރޮވިންސަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، ބިންހެލުމާ ގުޅިގެން ސަރުކާރުގެ އިޖާބަ މިއަށްވުރެ ރަނގަޅަށް ދެވިދާނެ ކަމަށް އިއުތިރާފުވެވަޑައިގެންފައެވެ.
"މި ވަގުތު ދުނިޔޭގައި ހުރި އެންމެ ބޮޑު ސާޗް އެންޑް ރެސްކިއު ޓީމް އަޅުގަނޑުމެންނާއެކުގައި އޮތް ނަމަވެސް، ހޯދުމުގެ މަސައްކަތް ދަނީ، އަޅުގަނޑުމެން ބޭނުންވި ހާ ހަލުވި މިނުގައެއް ނޫން. އެއީ ހަޤީޤަތެއް،" އޭނާ ވިދާޅުވިއެވެ.
އަލްޖަޒީރާގެ ނޫސްވެރިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ބިންހެލުމަށްފަހުގައި ދިރިތިބި މީހުން ހޯދުމުގެ އުއްމީދު ކޮންމެ ގަޑިއިރަކުން ވެސް ކުޑަވަމުން ދާތީ ރެސްކިއު ޓީމުތައް "ފްރެންޓިކް" ވެފައިވާ ކަމަށެވެ.