ހަރުކަށި ފިކުރުގެ މީހުން ޖަލުތަކުގައި ތިބޭއިރުވެސް ބަލަހައްޓަން ޖެހޭ: އިމްރާން
ހަރުކަށި ފިކުރުގެ މީހުން ޖަލުތަކުގައި ތިބޭއިރު ވެސް ރޭގަނޑު ހޭލައިތިބެ އެ މީހުން ބަލަހައްޓަން ޖެހޭ ހާލަތްތައް އަންކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރު ކުރުމުން، ހަރުކަށި ފިކުރާރާއި ގުޅޭގޮތުން ސުވާލު ކުރެއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ. މެމްބަރު ސުވާލު ކުރެއްވީ ޖަލުތަކަކީ އެއީ ހަރުކަށި ފިކުރަށް މީހުން ޓްރެއިން ކުރާ ތަނެއްގެ ގޮތުގައި ދިރާސާތަކުން ދައްކާއިރު އެކަމަށް އެއްވެސް ފިޔަވަޅެއް އެޅިފައި ވޭތޯ އެވެ.
ޖަލުތައް ވެފައިވަނީ ހަރުކަށި ފިކުރުގެ އައްޑާއެއްކަމަށް ދެކެވޭ ވާހަކަ އާއި ގުޅޭގޮތުން އިމްރާން ވިދާޅުވީ ޓްރާންސްޕޭރެންސީ އާއި ހޯމް މިނިސްޓްރީ ގުޅިގެން އެކުލަވާލި ރިޕޯޓެއްގެ ނަތީޖާތައް ދައްކަނީ ވެސް އެގޮތަށް ކަމަށާއި، ޖަލުގައި ހުރި މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ. އިމްރާން ވިދާޅުވި ގޮތުގައި މިނިސްޓްރީން ދަނީ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ އެކި ޖަމާއަތްތަކާއި މަޝްވަރާ ކުރަމުންނެވެ.
އިމްރާން ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރިފައިވާކަން ޓްރާންސްޕޭރެންސީގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވާއިރު އެއީ މިނިސްޓްރީއަށް ނޭނގި އޮއްވައި ބަޔަކު ދެއްކި ވާހަކައެއް ނޫންކަމަށެވެ. ރާއްޖޭގެ ޖަލުތަކަކީ ހަރުކަށި ފިކުރު ފެތުރުމުގެ މައި އެއްތަނަކަށްވެފައިވާކަން ސަރުކާރު އުފެދި އައީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދައްކަމުންކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ވަކިން ބައިތިއްބައި، ޖަލުތަކުގައި އެ މީހުންގެ ފަރާތުން އެހެން ބަޔަކަށް ނުރައްކަލެއް ވިޔަ ނުދިނުމުގެ މަސައްކަތް ކުރީ މި ސަރުކާރުން ކަމަށެވެ.
އެގޮތުން މީގެ ކުރިން ކުށް ކުރާ މީހުން އެއްވެސް މިންވަރަކަށް ވަކިނުކުރާކަމަށާއި ހުރިހާ ބާވަތްތަކެއްގެ ކުށް ކުރާ މީހުން އެއްތަނެއްގައި ގެންގުޅުމުގެ ސަބަބުން ނިކުތް ނަތީޖާތައް ގޯސްކަން ފާހަގަކޮށް އިމްރާން ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން މިހާރު ބައިތިއްބަނީ އެހެން ޤައިދީންނާއި ވަކިން ކަމަށެވެ.
އިމްރާން އިތުރަށް ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ހަރުކަށި ފިކުރުގެ މީހުން ވަކިން ބަހައްޓާނެ ވިންގެއް ހެދުމަށް ކަމަށެވެ.