ޚަބަރު އިޖުތިމާޢީ

އާސިރު ހޯދުމަށް އަތޮޅުތެރޭގެ ރަށްރަށް ބަލަނީ، 150 ގަޑިއިރުގެ ފުޓޭޖް ބަލައިފި: ފުލުހުން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މާލެއިން ގެއްލިގެން ހޯދަމުންދާ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއިލް (31އ)، ހޯދުމަށް އަތޮޅުތެރޭގެ ރަށްތައް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

Ads by Sosun Fihaara

އާސިރު ގެއްލުނު މައްސަލައިގައި ފުލުހުން އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ އާސިރު އެންމެ ފަހުން ފެނުނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ކާރަކަށް އަރައިގެން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލަށް ވަދެގެން ދާ މަންޒަރު ކަމަށެވެ. އަދި އޭނާ ހޯދަން މާލޭގެ އެކި ސަރަހައްދުތަކާއި ވީއައިއޭގެ ޓީއެމްއޭގެ ކެމެރާތައް އަދި އެއާޕޯޓް ފެރީ ހުންނަ ސަރަހައްދުގައި ހުރި ހުރިހާ ކެމެރާތަކުން 150 ގަޑިއިރުގެ ފުޓޭޖް މިހާތަނަށް ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

“އޭނާ ދިރިއުޅޭ ގެ ހ. އަލްޝާވިލާ ހިމެނޭ ސަރަހައްދު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިހުރި ކެމެރާތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކެމެރާތަކާއި ޓީއެމްއޭގެ ކެމެރާތަކާއި އެއާޕޯޓް ފެރީ ހުންނަ ސަރަހައްދުގެ ކެމެރާ ހިމެނޭހެން 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު މިހާތަނަށް ވަނީ ބަލާފައެވެ” ފުލުހުން ބުނެފައިވެއެވެ.

މިބަޔާނުގައި އިތުރަށް ބުނީ އާސިރު އެއާޕޯޓަށް ވަތް ފުޓޭޖް ލިބުން ނަަމަވެސް އެއާޕޯޓަށް ވަންނަ ސަރަހައްދުގައި އިތުރު ކެމެރާއެއް ނެތުމުން ދެން ދިޔަ ހިސާބެއް ދަނެގަނެވިފައި ނުވާ ކަމަށެވެ. އަދި އެއާޕޯޓުގެ ފަޅުގައި ހުރި ހުރިހާ ދޯނިތަކާއި ލޯންޗުތައް ބަލައި އެ ސަރަހައްދުގައި އާންމުކޮށް އުޅޭ މީހުންނަށް އާސިރުގެ ފޮޓޯ ދައްކައިގެން ވެސް ފެނުނުތޯ ބަލަން ސުވާލުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

"އާސިރު ނުފެނި ފާއިތުވާ ކޮންމެ ދުވަހަކީ ދިވެހި ފުލުހުންގެ ހިދުމަތުން ނުހަނު ކަންބޮޑުވާ ދުވަހެއް. އާސިރު ހޯދުމުގެ މަސައްކަތް ތަހުގީގު ޓީމުން ހުއްޓުމެއްނެތި ދަނީ ކުރަމުން،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލެ އަދި މާފުށީގެ ހުރިހާ ގެސްޓްހައުސްތަކާއި އަތޮޅުތެރޭގެ ގެސްޓްހައުސްތަކުން އެއްވެސް ހިދުމަތެއް ހޯދާފައިވޭތޯ ބެލުމުގެ މަސައްކަތުގެ އިތުރުން، މާލޭ ސަރަހައްދުގެ ކައިރި ރަށްރަށާއި ރާއްޖޭގެ އެއްވެސް ރަށެއްގައި އާސިރު އުޅޭތޯ ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އަދި މިކަންކަމުގެ އަދާހަމަ އާއިލާއާއި ހިއްސާކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!