އެމްޑީޕީ އަށް މެޖޯރިޓީ ދިނީ މެނިފެސްޓޯ ތަންފީޒު ކުރަން، ރައީސް ސޯލިހަށް ޖެއްސުން ކުރާކަށް ނޫން: ރޮޒައިނާ
ރައްޔިތުން އެމްޑީޕީ އަށް މެޖޯރިޓީ ދިނީ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރަން ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޖެއްސުން ކުރާކަށް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހިމެނި ވަޑައިގަންނަވާ ގޮތުން އެ ޕާޓީގެ ދެތިން މެމްބަރަކު، ސަރުކާރު ހަލާކޮށްލަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ކުރެއްވުމާއި ގުޅިގެންނެވެ.
އެގޮތުން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން އެމްޑީޕީ އަށް ވެރިކަން ދިނުމަށްފަހު ސީދާ ރައީސް ސޯލިހު ނިސްބަތްވާ ޕާޓީ އަށް މަޖިލީހުން 65 ގޮނޑި ދިނީ އުނދަގުލަކާއި ނުލައި މެނިފެސްޓޯ ތަންފީޒު ކުރުމަށް ކަމަށެވެ.
"އިދިކޮޅު ޕާޓީ ހެދިގެން މަޖިލިސް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ޖެއްސުން ކުރާކަށް ނޫން. މިހާރު ދެން ބޮޑުވަރު" ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒައިނާ މިހެން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުން ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން "ރާއްޖެ ޓީވީ"ގައި މަހްލޫފް ރޭ ވިދާޅުވީ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ދެތިން މެމްބަރަކު އެ މަސައްކަތް ކުރައްވަނީ ވަޒީރުންގެ މައްސަލައެއް އޮވެގެން ނޫން ކަމަށެވެ. މަޖިލީހުގެ ގިނަ މެމްބަރުންނަކީ ވަޒީރުންނާ ގާތުން އެއްބާރުލެއްވުމާއެކު މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެރިކަން ހިންގަވަން ރައީސަށް ދަތިފުޅުވާ ގޮތަށް ދެތިން މެމްބަރަކު މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރެއްވުމަކީ ދެރަ ކަމެއް ކަމަށެވެ.
ތިޔަ ފެންނަނީ ވެއްޓުމުގެ ކޮޅުމަތި. އަހަރުން ވޯޓުދިނީ އިބޫއަށް. އަންނިއަކަށް ނޫން.