ސޯރޯސްއަކީީ ނުރައްކަތެރި މީހެއް: ޖައިޝަންކަރު
ބިލިއަނަރު ޖޯޖް ސޯރޯސްއަކީީ "މުސްކުޅި، މުއްސަނދި، ހިޔާލުތައް ގިނަ، ނުރައްކާތެރި މީހެއް" ކަމަށާއި ޑިމޮކްރަސީއާ ގުޅޭ ގޮތުން ޑިމޮކްރެޓިކް ދުނިޔޭގެ ބަހުސެއް މުހިއްމުވެފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޮތް މިޔުނިކް ސެކިއުރިޓީ ކޮންފެރެންސްގެ ކުރިން ވާހަކަ ދައްކަމުން ބިލިއަނަރު ސޯރޯސް ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ފާޑުކިޔައިފަ އެވެ. އޭނާ ބުނީ އިންޑިއާއަކީ ޑިމޮކްރަސީއެއް ނަމަވެސް މޯދީއަކީ ޑިމޮކްރެޓިކް ލީޑަރެއް ނޫން ކަމަށެވެ.
ހޮނިހިރު ދުވަހު ސިޑްނީގައި އޮތް ކޮންފެރެންސެއްގެ ތެރެއިން އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިޔަމް ޖޭޝަންކަރު ވިދާޅުވީ ސޯރޯގެ އެ ވާހަކަތަކަކީ "ޔޫރޯ އެޓްލާންޓިކް ވިސްނުން" ގެންގުޅޭ މީހެއްގެ ވާހަކަތަކެއް ކަމަށެވެ.
ޑިމޮކްރަސީއާ ގުޅޭ ގޮތުން މަޝްވަރާކޮށް ބަހުސް ކުރަން ޖެހޭ ކަމަށާއި ދުނިޔޭގެ ގައުމުތަކުން "ޔޫރޯ އެޓްލާންޓިކް" ނުވަތަ ޔޫރަޕާއި އެމެރިކާގެ ވިސްނުންތަކާ ދުރަށް ޖެހެމުންދާ އިރު، އެންމެ ޑިމޮކްރެޓިކް އުސޫލު ގެންގުޅެނީ ކޮން ބަަޔެއްތޯ ސުވާލު އުފެދޭ ކަމަށެވެ.
"އޭނާއަކީ [ސޯރޯސް] މުސްކުޅި، މުއްސަނދި، ހިޔާލުތައް ގިނަ، ނުރައްކާތެރި މީހެއް. އެފަދަ މީހުންނާއި އެފަދަ ވިސްނުންތަކާއި އެފަދަ ޖަމިއްޔާތަކުން އެ ވިސްނުން ކުރިއަރުވަން އިންވެސްޓް ކުރަމުން ދާނެ،" ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ޖޭޝަންކަރް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ގައުމު ކުރިއަށް ދާންވީ ގޮތް ނިންމަނީ" އިންޑިއާގައި ވޯޓުލާ ރައްޔިތުން ކަމަށެވެ.
"މިކަމާ ހެދި އަޅުގަނޑުމެން ކަންބޮޑުވޭ. އަޅުގަނޑުމެންނަކީ އަޅުވެތިކަން ތަޖުރިބާކުރި ގައުމެއް. ބޭރުގެ ނުފޫޒު އެތެރެވީމާ އޮތް ނުރައްކާ އަޅުގަނޑުމެންނަށް ވަރަށް ސާފު،" ޖޭޝަންކަރް އިތުރަށް ވިދާޅުވި އެވެ.