ޚަބަރު

ވަގު މުއާމަލާތްތަކާއި ގުޅިގެން ޒުވާނުންތަކެއް އިސްނަގައިގެން ބީއެމްއެލް ވިކްޓިމްގެ ނަމުގައި ވައިބާ ގްރޫޕެއް ހަދައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތް
ބޭންކް އޮފް މޯލްޑިވްސް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ޒުވާނުންތަކެއް ނިކުމެ ބީއެމްއެލް ވިކްޓިމްގެ ނަމުގައި ވައިބާ ގްރޫޕެއް ހަދައި ޝުއޫރު ފާޅުކުރަން ފަށައިފިއެވެ.

މިކަން ފެށުމުގެ ގޮތުން ފޭސްބުކްގައި އާންމު ފަރާތަކުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެކި ގޮތްގޮތުން ލިންކުތަކާއި ކޯޑުތައް ފޮނުވައިގެން ބީއެމްއެލް އެކައުންޓުން ލާރި ގެއްލިފައިވާ ފަރާތްތަކުން އެ ގްރޫޕަށް ވަނުމަށް އެދޭ ކަމަށެވެ.

އަދި މި ގްރޫޕް ހުޅުވުމުގެ ބޭނުމަކީ އެކައުންޓުން ލާރި ނެގި ގޮތް ހިއްސާކޮށް އަހުލުވެރި ކުރުމުގެ އިތުރުން އެންމެން އެކުއެކީ މަސައްކަތްކޮށް ގެއްލުނު ލާރި ހޯދަން މަސައްކަތް ކުރުން ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ. ފޭސްބުކްގައި އެ ޕޯސްޓުކުރިތާ ބައިގަޑިއިރު ތެރޭ 50އަށްވުރެ ގިނަ މީހުން ވަނީ ގްރޫޕަށް ވަދެފައެވެ.

އަދި މިހާތަނަށް ބީއެމްއެލް ވިކްޓިމްސް ގުރޫޕުގައި ރިޕޯޓުކުރި 50 މީހުންގެ އެކައުންޓުން ނަގާފައިވާ ފައިސާގެ ޖުމްލަ އަދަދު ވަނީ 3،000،000 ރުފިޔާއަށް އަރާފައެވެ.

މިހަރަކާތް ފެށުމުން ބީއެމްއެލްއިން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮންލައިންކޮށް ވިޔަފާރި ކުރާ އަލީ އެކްސްޕްރެސް، އެމެޒަން ފަދަ ބައެއް އީ ކޮމާސް މާޗަންޓުތަކަށް ފައިސާ ދައްކާ ކާޑުތަކުގެ މައުލޫމާތު އެ ވެބްސައިޓުތަކުގައި ބައެއްފަހަރު ހުންނަ ކަމަށެވެ.

އަދި ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް ކާޑުތަކުގެ މައުލޫމާތު އާންމުވެދާނެ ފަދަ އެއްވެސް އަމަލެއް ހިނގަމުންދޭތޯ ބަލައި މޮނިޓާ ކުރާ ކަމަށާއި އެގޮތަށް ބެލިބެލުމުން ބީއެމްއެލްގެ ބައެއް ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު އާންމުވެ އެ ކަސްޓަމަރުންގެ ކާޑުތަކުން އެމީހުންނަށް ނޭނގި މުއާމަލާތްތަކެއް ހިންގާފައިވާ ކަން އެނގިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

މީގެ އިތުރުން ކަސްޓަމަރުންގެ އެއްވެސް މައުލޫމާތެއް ބޭންކުން އާންމުކޮށްފައި ނުވާނެ ކަމަށާއި ކާޑުގެ މައުލޫމާތު ބޭނުންކޮށްގެން ހިންގާ ޖަރީމާތަކުގައި ގެއްލޭ ފައިސާ އަނބުރައި ހޯދައިދޭނެ ކަމުގެ ޔަގީންކަން ބީއެމްއެލް އިން ވަނީ ދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!