ޚަބަރު

ޒަމާނީ ވަސީލަތްތަކާއިއެކު ހުޅުމާލޭގައި ވިޔަފާރީގެ ފުރުސަތު އިތުރުކުރުމަށް އެޗްޑީސީން ގިނަ މަސައްކަތްތަކެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޒަމާނީ ވަސީލަތްތަކާއިއެކު ހުޅުމާލޭގައި ވިޔަފާރީގެ ފުރުސަތު އިތުރުކުރުމަށް އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެޗްޑީސީން ވިދާޅުވީ ފޭސް 2 ގައި ގިނަ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކެއް ނިމި އަލަށް އާބާދު ވަމުން އަންނަ އިރު، ހުޅުމާލޭގައި ލިބެން ހުންނަ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ގިނަ ޙިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެޗްޑީސީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ވިޔަފާރީ ވެރިންނަށް ހުރި ފުރުޞަތުތައް އިތުރުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރުތަކަށް ޙާއްސަ އިސްކަމެއް ދީގެން ގިނަ ކޮމާޝަލް ޔުނިޓްތަކާއި އިމާރާތްތައް އެޅުމަށް މިހާރު ހަވާލު ކުރެވި މަސައްކަތްތައް ކުރަމުންދާ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ. 

އަދި އަލަށް އިމާރާތް ކުރެވެމުންދާ ހައުސިންގ މަޝްރޫޢުތަކުގެ ކޮމާޝަލް ޔުނިޓްތައް އެކި ކަހަލަ ވިޔަފާރިތައް ހިމެނިގެން އިޢުލާން ކުރެވި މިހާރު ޔުނިޓުތަކުގައި ޙިދުމަތްތައް ދެމުންދާ ކަމަށާއި މިހާރު ހުޅުމާލޭގައި ލިބެން ހުރި ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ޙިދުމަތްތައް ޤާއިމު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި އަލަށް ޤާއިމު ކުރާ 2 ޕެޓްރޯލް ޝެޑަކީވެސް ކާރު އަދި ސައިކަލް ދޮވެ، ކުދި ރިޕެއަރ ކުރެވޭނެ ގޮތަށް ފަރުމާކޮށް ހަވާލު ކުރެވިފައިވާ 2 މަސައްކަތް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ. މީގެ ތެރެއިން، ހޯކްސް ޕްރައިވެޓް ލިމިޓަޑާއި ހަވާލުކުރެވުނު ޝެޑުން މިހާރު ވެސް ގިނަ ބަޔަކު ދަނީ ޙިދުމަތް ހޯދަމުންނެވެ.

އެޗްޑީސީން ވިދާޅުވީ ހުޅުމާލޭގައި ހުންނަ ކެފޭ އަދި ރެސްޓޯރަންޓުތަކަށް ހުރި ފުރުސަތުތައް އިތުރުކޮށް، މިފަދަ ތަންތަނަކީ އާއިލާތަކާއި ކުޑަ ކުދިންނަށް ހިތްފަސޭހަ ބޭނުން ކުރަން ފަސޭހަ ތަންތަނަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ވޯޓަރ ފްރަންޓް ކޮމެޝަލް ކޮމްޕްލެކްސްއެއް ގާއިމްކޮށްފައިވާ ކަމަށެވެ. މި އިމާރާތުގައި ގިނަ ފްރެންޗައިސްތަކަކުން ޙިދުމަތް މިހާރު ދެމުންދާއިރު، އިވެންޓް ފަދަ ހަފުލާ ބޭއްވުމަށް ކުޑަ ހޯލެއް ވެސް ހުރެއެވެ.

މީގެ އިތުރުން ކެފޭ ކޯޓެއް ޤާއިމު ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރެވެމުންދާ ކަމަށާއި މި ކެފޭ ކޯޓުގައި 6 ރެސްޓޯރަންޓް ހުންނަ އިރު، ޓެރަސް އަދި އިވެންޓް ސްޕޭސްގެ އިތުރުން ސްވިމިންގ ޕޫލެއް ހިމެނޭނެ ކަމަށް ވިދާޅުވިއެވެ.

"މީގެ އިތުރުން، ތަފާތު ޙިދުމަތްތައް އިތުރުކުރުމަށް ފިޓްނަސް އެންޑް ވެލްނަސް ސެންޓަރެއް ޤާއިމު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެމް.ޓީ.ޑީ އަދި ގްލަޓާއި ހަވާލުކޮށްގެން އިމާރާތް ކުރާ ސެންޓަރުގެ މަސައްކަތްވެސް ދަނީ ކުރެވެމުން" އެޗްޑީސީން ވިދާޅުވިއެވެ. 

އެޗްޑީސީގެ މަސައްކަތްތައް ބައްޓަން ކުރެވިފައި ވަނީ ހުޅުމާލެ އަކީ ޒަމާނީ އަދި ހުރިހާ ޙިދުމަތްތަކެއް ވެސް ފަސޭހަ ކަމާއި އެކު ލިބިގެންދާނެ ރަށަކަށް ހެދުމަށެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ޙިދުމަތްތަކެއް ލިބިގެންދާނެ ގޮތަށް ޕްލޭން ކުރެވި ފުރިހަމަ ރަށަކަށް ހެދުމަށެވެ.

Ads by Allied Insurance
  1. މައިހާ

    އޭޓީއެމް ނެތި ތޯ ވިޔާފާރި ހިންގަންވީ