ޚަބަރު ވިޔަފާރި

އެސްޓީއޯގެ ރިޑަންޑެންސީ ޕޮލިސީ އެކުލަވާލީ 2019 ވަނަ އަހަރު އެސްޓީއޯގެ ބޯޑުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ ރިޑަންޑެންސީ ޕޮލިސީ އެކުލަވާލީ 2019 ވަނަ އަހަރު އެސްޓީއޯގެ ބޯޑުން ކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން މިހެން ބުނެފައިވަނީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)އަކަށް ހުންނަވާ ބޭފުޅަކު މަގާމުން ވަކިވާއިރު ގިނަ އަދަދެއްގެ ފައިސާއާއެކު ރިޑަންޑެންސީ ޕެކޭޖެއް ދޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް ބުނެރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅޭ ގޮތުން "ދެން" އިން ސުވާލު ކުރުމުން އެސްޓީއޯ ބޯޑުގައި ހިމެނޭ އެ ކުންފުނީގެ ޗެއާމަން ހާމިދު ނަޝީދު މުޙައްމަދު ވިދާޅުވީ، އެސްޓީއޯ އަކީ ބައިނަލްއަގުވާމީ ކުންފުނިތަކާ މުއާމަލާތް ކުރާ ކުންފުންޏެއް ކަމަށާއި އަދި އެ ކުންފުނިން ގެންގުޅޭ މިންގަނޑުތަކަކީ ވެސް ބައިނަލް އަޤްވާމީ މިންގަޑުތައް ކަމަށެވެ. އަދަި ކުންފުނީގެ އުސޫލުތައް ވެސް އެކުލަވާލާފައި ހުންނާނީ އެ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށް ވިދާޅުވިއެވެ..

"އެެސްޓީއޯއަކީ ބައިނަލްއަޤްވާމީ ފަރާތްތަކާއި މުޢާމަލާތުކުރާ ކުންފުންޏެއް. އަދި މިކަން ކުރުމުގައި އެސްޓީއޯއިން އަބަދުވެސް ބަލަނީ ގަވަރނަންސްގެ ރަނގަޅު އުސޫލްތަކާއި އެއްގޮތަށް ކަންކަން ކުރެވޭތޯ. އެގޮތުން، ކުންފުނީގެ ގިނަ ޕޮލިސީތައްވެސް އަޅުގަނޑުމެން ހަދަނީ ބައިނަލްއަޤްވާމީ ސްޓޭންޑަރޑްތަކަށް ފެތޭގޮތަށް." ހާމިދު ނަޝީދު ވިދާޅުވީ، ރިޑަންޑަންސީ ޕޮލިސީއަކީ 2019 ވަަނަ އަހަރު ހެދި ޕޮލިސީއެއް ކަމަށެވެ.

މި ޕޮލިސީއަކީ ކުންފުނީގެ އެއްވެސް މުވައްޒަފެއް މަޤާމުން ވަކިކޮށްފިނަމަ އޭނާގެ ހައްޤުތައް ރައްކާތެރިކުރުމަށް ބާރު އެޅުމުގެ ގޮތުން ހެދިފައިވާ ޕޮލިސީއެއް. މިއީ ކުރިންވެސް އަމަލުކުރަމުން އައި އުސޫލެއް، އެހެންނަމަވެސް ވަކި ޕޮލިސީއެއް ނެތުމުން، އެކި މުވައްޒަފުންނަށް އެކި ގޮތަށް އަމަލުކުރުން ހުއްޓުވުމުގެ ގޮތުން، މި ކުންފުނީގެ ބޯޑުން އެކުލަވާލެވުނު ޕޮލިސީއެއް. މި ޕޮލިސީއަކީ ކުންފުނީގެ އެއްވެސް މުވައްޒަފެއް ބާކީ ނުވާގޮތަށް ތައްޔާރުކޮށްފައިވާ ޕޮލިސީއެއް.

އެ ކުންފުނީގެ ބޯޑް ޑިރެކްޓަރު ގައިސް އިސްމާއިލް ވިދާޅުވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ޢައްޔަންކުރާ ފަރާތަކީ ޕީސީބީގެ ބޯޑުން އިވެލުއޭޓްކުރުމަށްފަހު އެސްޓީއޯގެ ބޯޑަށް ނަން ހުށަހަޅާ، ކޮންމެ އަހަރަކުވެސް އޭނާގެ ޕަރފޯމަންސް ބެލޭ ފަރާތެއް ކަމަށެވެ. މިހެންކަމުން މެނޭޖިން ޑިރެކްޓަރަށް އެހެން މުވައްޒިފުންނެކޭ އެއްގޮތަށް މަޤާމުން ވަކި ކުރުމުން ރިޑަންޑަންސީ ޕޮލިސީގެ ދަށުން އޭނާއަށް ލިބޭ ހައްޤެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

އެސްޓީއޯގެ ބޯޑް ޑިރެކްޓަރ ގައިސް

"އޭނާ މި މަޤާމަށް ޢައްޔަންކޮށްފައިވަނީ ޑިރެކްޓަރުންގެ ބޯޑުން އަދި ކޮންމެ އަހަރަކު ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށްފަހު، އެ މަޤާމަށް އޭނާގެ ނަން ހުށަހެޅި، އެކަން ޑިރެކްޓަރުންގެ ބޯޑުން އެންޑޯސްކޮށްގެން. ވީމާ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުން އޭނާ ވަކިކޮށްފިނަމަ، ކުންފުނީގެ އެހެން މުވައްޒަފުންނެކޭ އެއްގޮތަށް، ރިޑަންޑަންސީ ޕޮލިސީގެ ދަށުން އޭނާއަށް ލިބޭ ހައްޤެއް ލިބޭނެ." ގައިސް ވިދާޅުވީ މެނޭޖިންގ ޑިރެކްޓަރއަށް އެއްޗެއް ދިނުމާމެދު ގޮތެއް ނިންމާނީ ކުންފުނީގެ ބޯޑުން ކަމަށެވެ.

ގައިސް ވިދާޅުވީ އެކަމަކީ އެސްޓީއޯއިން އަލަށް ކުރާ ކަމެއް ނުވަތަ އެހެން ކުންފުނިތަކުން ނުކުރާ ކަމެއްވެސް ނޫން ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ކޮމަން ޕްރެކްޓިސްއެއް ކަމަށް ވިދާޅުވިއެވެ.

މިއީ އެސްޓީއޯއިން އަލަށް ކުރާ ކަމެއް ނުވަތަ އެހެން ކުންފުނިތަކުން ނުކުރާ ކަމެއްވެސް ނޫން. މިއީ ބައިނަލްއަޤްވާމީ ކޮމަން ޕްރެކްޓިސްއެއް. އަދި ރާއްޖޭގައި އެސްޓީއޯ ނޫން ކުންފުނިތަކުންވެސް އަމަލުކުރަމުން އަންނަ އުސޫލެއް. މީގެ އިތުރުން، އެސްޓީއޯގެ މިފަދަ ޕޮލިސީތަކަކީ އެސްޓީއޯ ގްރޫޕް ކުންފުނިތަކަށްވެސް، ބެސްޓް ޕްރެކްޓިސްގެ ދަށުން އެޕްލައިވާ ޕޮލިސީތައް.

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލަށް ބަހުސް ކުރައްވަމުން އިއްޔެގެ މަޖިލީހުގައި މެންބަރު ޔައުގޫބު ވިދާޅުވީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު، އެ ކުންފުނީގެ އެމްޑީ ކަމުން ވަކިކުރާ ހާލަތެއްގައި ނޫނީ އިސްތިއުފާ ދެއްވިޔަސް 1 މިލިއަން ރުުފިޔާއަށް ވުރެ ބޮޑު އެއްޗެއް ބަދަލުގެ ގޮތުގައި ލިބޭ ގޮތަށް އެސްޓީއޯގެ ރިޑަންޑެންސީ ޕޮލިސީއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

ޔައުޤޫބް ފާޑު ކިޔުން އަމްރުއަށް އަމާޒުވެފައި މިވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙަށް ތާއީދު ނުކުރައްވާ، ރައީސް ޞާލިޙް ވާދަވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރެއްވި ކުރެއްވުމުންނެވެ. ޔައުގޫބު ވިދާޅުވީ، ރައީސް އައްޔަންކުރައްވާ ސިޔާސީީ މީހުން ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅުވާ ނަަމަ އަދި އެ ގޮތަށް ވާހަކަދައްކާ ނަމަ، މަގާމުގައި ބައިތިއްބަން ނުޖެހޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!