ދަރަނި ރީސްޓްރަކްޗަރ ކުރަން ދިން ލަފަޔަށް އަމަލު ކުރަން ގޮވައިލައި، މަޖިލީހަށް ޤަރާރެއް
ސަރުކާރުގެ ދަރަނި ރީ ސްޓްރަކްޗަރ ކުރަން ރައްޔިތުންގެ މަޖިލީހުން ދިން ލަފަޔާ އެއްގޮތަށް އަމަލު ނުކުރާތީ، އަނެއްކާވެސް އެކަމަށް ގޮވާލައި މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.
މި ޤަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ.
ޤަރާރު ހުށަހަޅުއްވައި ދެއްވަމުން އީވާ ވިދާޅުވީ 2023 ވަނަ އަހަރުގެ ނިޔަލަށް ދަޢުލަތުގެ ދަރަނި، 113 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
"2018 ގެ ނިޔަލަށް ސޮވްރިން ގެރެންޓީއާއެކު ދައުލަތުގެ ދަރަނި ހުރީ 67 ބިލިއަންގަ. އޭގެ ފަސް އަހަރު ފަހުން، 2023ގަ ބަލާލިއިރު، ދަރަނި މިހުރީ ޖުމްލަ 113 ބިލިއަންގަ."
އީވާ ވިދާޅުވީ މި ފަސް އަހަރުގެ ތެރޭގައި 47 ބިލިއަން ރުފިޔާ، ދައުލަތުގެ ދަރަނީގެ ގޮތުގައި އިތުރުވެފައިވާ ކަމަށެވެ.
ލޯނު އަނބުރާ ދައްކަން މި އަހަރުގެ ބަޖެޓުގައި އޮތީ 5.5 ބިލިއަން ރުފިޔާ ކަަމަށާއި، އަންނަ އަހަރަށް އޮތީ 8 ބިލިއަން ރުފިޔާކަން ފާަހަގަކުރައްވައި، އީވާ ވިދާޅުވީ އޭގެ ފަހުން 11 ބިލިއަން އަދި 26 ބިލިއަންވެސް، ދައުލަތުގެ ބަޖެޓުން ދަރަނި ދައްކަން ޚަރަދު ކުރަން ޖެހޭނެ ކަމަށެވެ.
އީވާ ވިދާޅުވީ ދަރަނި ރީސްޓްރަކްޗަރ ކުރަން ލަފާ ދެނީ، ދަރަނި ދެއްކުން ފަސްކުރާ ހިތުން ނޫން ކަމަށާއި، އެއީ ފައިދާ ވާނެ ގޮތެއް ކަމުގައި ފެންނާތީ ކަމަށެވެ.
"އެއީ އިއްޒަތްތެރި ރައީސް، ދައުލަތުގެ މާލިއްޔަތަށާއި، ރައްޔިތުންގެ ޖީބަށްވެސް ފައިދާވާނެ ގޮތަކަށް، ލުއި ވާނެ ގޮތަކަށް، ޖާގަ ހޯދުމަށްޓަކާ."
މި ސަރުކާރުން 47 ބިލިއަން ރުފިޔާ ދަރަނި ނެގިއިރު، އޭގެން ގިނަ ފައިސާ އަކީ ސަރުކާރުގެ ޚަރަދަށް ނެގި ފައިސާ ކަމުގައި ވިޔަސް، އެ ފައިސާ ދައްކަން ޖެހެނީ ރައްޔިތުން ކަމަށްވެސް އީވާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި ޙާލަތުގައި އޮތް ގިނަ ޤައުމުތަކުން ދަރަނި ރީ ސްޓްރަކްޗަރ ކުރުމަކީ ކުރަމުން އަންނަ ކަމެއް ކަމަށެވެ.
މީގެ އިތުރުން އީވާ ވަނީ މި ސަރުކާރުން ދަރަނި ދައްކާނީ، ރައްޔިތުންނަށް ކެތްވާނެ މިންވަރަށް، ރީ ސްޓްރަކްޗަރ ކޮށްގެން ކަމަށް އެމްޑީޕީގެ 2018 ވަަނަ އަހަރުގެ މެނިފެސްޓޯގައިވެސް ލިޔެފައިވާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެ ވައުދު ނުފުއްދައި، ސަރުކާރުން ހޯދީ ވަގުތީ ހައްލެއް ކަމަށާއި، އެއީ ދަރަނި ދައްކަން ދަރަނި ނެގުން ކަމަށް އޭނާ ވިދާޅުވިއެވެ.
އީވާއަކަށްނޭގޭނެ ކަންތައްކުރަންވާގޮތެއް. މިމީހުން ބޭނުންވާކަންތައް ނުވުމުން ސަރުކާރައް ޖިއްސުންކުރުންނޫންކަމެއް ކުރާކަށްނޭނގޭ. ފިކުރެއްގެދިރުމާއިގެން ގަނަތެޅެންދޭ.